ރުބެން އަމޯރިމް: މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ މިއަދު ވަނީ ވަކިކޮށްފައި

އެންމެ 14 މަސް، ޔުނައިޓެޑްގެ ކޯޗުކަމުން އަމޯރިމް ވަކިކޮށްފި

ޕްރިމިއަ ލީގުގެ ހަ ވަނާގައި އޮތް މެންޗެސްޓަ ޔުނައިޓެޑުން ބުނީ މިދިއަ ދުވަސްތަކުގައި އުއްމީދުކުރިވަރުގެ ބަދަލެއް ފެނިފައި ނުވާ ކަމަށް
5 ޖެނުއަރީ 2026

އެންމެ 14 މަހެވެ. މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ރުބެން އެމޯރިމް އެންމެ ފަހުން ވަކިކުރީ އެވެ.

ޕޯޗުގަލްގެ އުމުރުން 40 އަހަރުގެ ކޯޗު ވަކިކުރަން ޔުނައިޓެޑްގެ މެނޭޖްމަންޓުން ނިންމި އިރު އެ ކްލަބް މިވަގުތު އޮތީ ޕްރިމިއަ ލީގުގެ ހަ ވަނައިގަ އެވެ. އެމޯރިމްގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު 63 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ 25 މެޗުންނެވެ.

ނޮވެމްބަރު، 2024ގައި ޔުނައިޓެޑްގެ މެނޭޖަރުގެ ޒިންމާއާ އެމޯރިމް ހަވާލުވުމުން ވަރަށް ބޮޑު އުމީދެއް ކުރެވުނެވެ. އޭނާގެ ބެލުމުގެ ދަށުން ފުރިހަމަ ފުޓްބޯޅައެއް ފެންނާނެކަމަށް ބެލެވުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުފެނެ އެވެ. ޔުނައިޓެޑްގެ މެނޭޖްމަންޓުން ވެސް ދެކެނީ އެގޮތަށެވެ.

މިދިއަ އާދިއްތަދުވަހު ލީޑްސް ޔުނައިޓެޑްއާ 1-1އިން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން އެމޯރިމް ބުނީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތް 18 މަސް ހަމަވުމުން ކޯޗުކަމުން ވަކިވާން ތައްޔާރު ކަމަށެވެ. އެގޮތަށް ބުނީ އޭރު ވެސް ކްލަބްގެ މެނޭޖްމަންޓާއި އޭނާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތުމުންނެވެ.

އެމޯރިމް ވަކިކުރަން ނިންމިކަން އިއުލާންކުރަމުން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"މި ނިންމުމާ އެކު ޕްރިމިއަ ލީގުގައި މިހާރަށް ވުރެ މައްޗަށް ޖެހިލަން ފުރުސަތު ފަހިވާނެ ކަމަށް ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ސީޒަންގެ ބާކީ ބައިގައި ޔުނައިޓެޑްގައި ބަހައްޓާނީ ވަގުތީ މެނޭޖަރެކެވެ. ވަގުތީ މީހަކު ހޯދެންދެން މި ވަގުތު ހަމަޖެއްސީ އެ ކްލަބަށް ދިގު މުއްދަތެއްގައި ކުޅެފައިވާ ޑަރެން ފްލެޗާ އެވެ. އެއީ މިހާރު ޔުނައިޓެޑްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް