ރޭ މާލޭގައި ނިމުނު ވިމެން ކާވާ ކަޕްގެ ފައިނަލްގައި ކުޅުނު ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމާއި އޮފިޝަލުން: މި މުބާރާތުގައި ރާއްޖެ ހަމައެކަނި ބަލިވީ ފައިނަލްގައި ކިރިގިސްތާން އަތުން (ފޮޓޯ/ވީއޭއެމް)

ހިތްދަތި ބައްޔެއް، އެކަމަކު މުޅި މުބާރާތުގައި ހިތްވަރުގެ ކުޅުމެއް

ކާވާ ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ރޭ ކިރިގިސްތާން އަތުން ބަލިވި ނަމަވެސް މުޅި މުބާރާތުގައި ރާއްޖެއިން ދެއްކި ކުޅުމަށް ސާބަސް
26 ޑިސެމްބަރު 2025

ވަރަށް ބޮޑު އުއްމީދެއްގައި، ދިވެހި އެތައް ސަތޭކަ ސަޕޯޓަރުންގެ އަޑުތަކުގެ ތެރޭގައި، ރޭ ސޯޝަލް ސެންޓަރުގެ ކޯޓަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ނުކުތަސް، ފަހުގެ ނަތީޖާއަކަށް ވީ އެ ފޮނި އުއްމީދު ހާސިލްވުމެެއް ނޫނެވެ. ބައިނަލްއަގުވާމީ ފުރަތަމަ ތަށި ހޯދަން ދުށް ހުވަފެން މި ފަހަރު ވެސް ހަގީގަތަކަށް ބަދަލުނުކުރެވުމެވެ.

ކިރިގިސްތާން އަތުން 3-1 ސެޓުން ބަލިވެ ދިވެހި ޓީމަށާއި ސަޕޯޓަރުންނަށް ވެސް ލިބުނީ ހިތްދަތިކަމެވެ. ނަމަވެސް މުޅި މުބާރާތަށް ބަލާ ނަމަ، އަދި ފައިނަލް މެޗުގެ އެކި ހިސާބުތަކުގައި ދެއްކި ކުޅުމުން ލިބުނު އުފަލެއް އޮތްތޯ ސުވާލުކުރެވޭ ނަމަ، ދިވެހި ޓީމަށް ސާބަހެވެ.

ރާއްޖެ އާއި ކިރިގިސްތާންގެ އިތުރުން ބަންގްލަދޭޝް އާއި އަފްގާނިސްތާން ވާދަކުރި މުބާރާތުގެ ލީގު ބުރު ރާއްޖެ ނިންމީ އެއް ވަނާގައި އޮވެގެންނެވެ. އޭގެ ތެރޭގައި ކިރިގިސްތާން 3-1 ސެޓުން ބަލިކުރުން ވެސް ހިމެނެ އެވެ. އެހެންކަމުން މި މުބާރާތުގައި ރާއްޖެ ހަމައެކަނި މި ބަލިވީ ފައިނަލް މެޗުގަ އެވެ.

މުބާރާތުގައި ކުރިން ކުޅުނު މެޗެއްގައި ދިވެހި ކުޅުންތެރިން އުފާ ފާޅުކުރަނީ (ފޮޓޯ/ވީއޭއެމް)

ރޭގެ ފައިނަލްގެ ފުރަތަމަ ސެޓް ހޯދައިގެން ތަށީގެ އުއްމީދު ބޮޑު ވެސް ކުރީ ރާއްޖެއިންނެވެ. އެކަމަކު 20-25އިން ކާމިޔާބުކުރި މި ސެޓުގައި ދެއްކި ކުޅުމެއް ދެން ކުޅުނު ތިން ސެޓުގައި ނުފެނުނެވެ. ދެވަނަ ސެޓްގައި ފަސް ޕޮއިންޓްގެ ލީޑެއްގައި އޮވެމެ ރާއްޖެއަށް ސެޓް ގެއްލުނީ އެވެ. އޭގެ ފަހުން ކިރިގިސްތާނަށް އަތުނުވެވޭ ވަރަށް ރާއްޖެއަށް ޕޮއިންޓެއް ނުހޯދުނެވެ.

ދެން ކުޅުނު ތިން ސެޓުން ކިރިގިސްތާން މޮޅުވީ 25-22 ،25-17 ،25-21އިންނެވެ.

އެކަމަކު މި ސެޓްތަކުގެ ވަކި ހިސާބުތަކުން ދިވެހި ކުޅުންތެރިން ވަރަށް މޮޅަށް ވެސް ކުޅުނެވެ. ދިގު ރެލީތަކުގައި ޕޮއިންޓް ވެސް ހޯދި އެވެ. ނަމަވެސް ހުސް ތަންތަން ބަލައިގެން، އިސްކޮޅުން ދިގު ކިރިގިސްތާން ކުޅުންތެރިން ބޯޅަތައް ވައްޓަމުން ދިޔައީ އެވެ.

ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ހަމަލާއެއް ދެނީ: މުޅި މުބާރާތަށް ބަލާ ނަމަ ދިވެހި ކުޅުންތެރިން ދެއްކި ކުޅުން މޮޅު (ފޮޓޯ/ވީއޭއެމް)

މުބާރާތުގެ ކުރިން ވެސް ރާއްޖެއަށް މިފަހަރު ތަށި ހޯދިދާނެ ކަމަށް ބެލެވުނެވެ. ކޯޗު މުހައްމަދު ނަދީމްގެ ބެލުމުގެ ދަށުން ޓީމު ތައްޔާރުވީ އެ ލަނޑުދަނޑި ސިކުނޑީގައި ބާއްވައިގެންނެވެ. ފައިނަލް މެޗުގެ ދެ ވަނަ ސެޓާ ހަމައަށް ދިވެހި ކުޅުންތެރިން ދެއްކީ ވެސް އެފަދަ ކުޅުމެކެވެ.

ނަމަވެސް ކުޅިވަރަކީ މި އެވެ. ތަށީގައި އަތް ނުލެވުނަސް މި މުބާރާތުން ދިވެހި އަންހެން ވޮލީއަށް ގެނެސްދިނީ ނާކާމިޔާބީއެއް ނޫނެވެ. ކާވާ މުބާރާތްތަކުގައި ރާއްޖޭގެ ޓީމަށް އުއްމީދު އޮތް ކަން ވެސް ސާބިތުކޮށްދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް