މާލޭގައި މިހާރު ކުރިއަށްދާ ވިމެން ކާވާ ކަޕް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު މުބާރާތް ހުޅުވި ރަސްމިއްޔާތުގައި (ފޮޓޯ/ވީއޭއެމް)

ވޮލީބޯޅަ

ދިވެހި އަންހެން ޓީމު ސޯޝަލް ސެންޓަރުގައި ރަނިކަން ކުރަނީ

ވިމެން ކާވާ ކަޕްގައި އޮތް ލީގު ބުރުން ރާއްޖެ އެއްވަނަ ހޯދީ ރޭ ކިރިގިސްތާންގެ މައްޗަށް ހޯދި ފުރިހަމަ ކާމިޔާބީއަކަށް ފަހު
23 ޑިސެމްބަރު 2025

ވޮލީބޯޅައިގެ ހަބަރުތަކާ ދުރުގައި އުޅޭ ބަޔަކަށް މިހާރު ސޯޝަލް ސެންޓަރުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު އެ ހޯދަމުން އަންނަ ކާމިޔާބީތައް ނޭނގިދާނެ އެވެ. އެކަމަކު ވޮލީއަށް ސަޕޯޓްނުކުރިޔަސް މި އަންހެން ޓީމަށް ސާބަސް ދޭވަރުވެ އެވެ. ރޭ ކިރިގިސްތާން ބަލިކޮށް މިހާރު އެ ވަނީ ވިމެން ކާވާ ކަޕްގެ ލީގު ބުރުން އެއް ވަނަ ހޯދައި، ސެމީއަށް ދަތުރުކޮށްފަ އެވެ.

ކާވާ ކަޕަކީ އޭޝިއާގެ ސެންޓްރަލް ޒޯނަށް ހާއްސަ ވޮލީބޯޅަ މުބާރާތެވެ. މި އަހަރުގެ ވިމެން ކާވާ ކަޕް ކުރިއަށް އެދަނީ މާލޭގަ އެވެ.

ކިރިގިސްތާން އަތުން ފަހަތުން އަރާ ރާއްޖޭގެ ޓީމު މޮޅުވުމަކީ، ހަ އަހަރުގެ ތެރޭގައި ރާއްޖެއަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ވެސް މެ އެވެ. އެންމެ ފަހުން ކިރިގިސްތާން އަތުން ރާއްޖެއަށް މޮޅުވުނީ 2019ގައި އޮތް ކާވާ ކަޕްގެ ސެމީ ފައިނަލްގައި 3-2 ސެޓުންނެވެ.

މިދިއަ އަހަރު ރާއްޖޭގައި އޮތް ޗެލެންޖް ކަޕްގައި ކިރިގިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވީ ބައްޔެވެ.

ވިމެން ކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ކިރިގިސްތާން ކުޅުންތެރިން އުފާ ފާޅުކުރަނީ: ރޭ ރާއްޖެ ވަނީ ކިރިގިސްތާން ބަލިކޮށްފައި (ފޮޓޯ/ވީއޭއެމް)

ރޭ ފުރަތަމަ ސެޓް ދިޔައީ އަނެއްކާވެސް އެ ހަނދާންތައް ގެނެސްދެމުންނެވެ. ނަމަވެސް ދެ ވަނަ ސެޓްގައި ހަތަރު ޕޮއިންޓް ފަހަތުގައި އޮވެ ރާއްޖެއިން ލީޑު ނަގައި، އެ ސެޓް ކާމިޔާބުކޮށް، ދެން ކުޅުނު ދެ ސެޓުން ވެސް ރާއްޖެ މޮޅުވި އެވެ. މެޗު ނިމުނީ 3-1 ސެޓުންނެވެ.

މެޗުގެ ސެޓްތައް ދިޔައީ 15-25 ،25-23 ،25-19 ،25-22 އިންނެވެ.

ރާއްޖެ އާއި ކިރިގިސްތާންގެ އިތުރުން ދެން ވާދަކުރަނީ އަފްގާނިސްތާން އާއި ބަންގްލަދޭޝް އެވެ. އެ ދެ ގައުމާ ދެކޮޅަށް ރާއްޖެ ކުޅުނު ދެ މެޗުން ވެސް އޮތީ މޮޅުވެފަ އެވެ. އެހެންކަމުން ހަތަރު ޓީމުގެ ލީގު ބުރުން އެއް ވަނަ ހޯދީ ރާއްޖެ އެވެ.

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުން، 25-18 ،25-12 ،25-16އިންނެވެ.

އަފްގާނިސްތާންގެ މައްޗަށް ވެސް ރާއްޖެއިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-20 ،25-13 ،25-12 އެވެ.

ލީގު ބުރުން އެއްވަނަ ހޯދުމާ އެކު މާދަމާގެ ސެމީ ފައިނަލްގައި ރާއްޖެ ކުޅެން ޖެހޭނީ ލީގުގައި އެންމެ ފުލަށް ދިޔަ އަފްގާނިސްތާންއާ އެވެ. މި މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

މާދަމާ ރޭ ކުޅޭނީ ކިރިސްތާން އާއި ބަންގްލަދޭޝް އެވެ. ފައިނަލް މެޗު އޮންނާނީ ބުރާސްފަތިދުވަހުގެ ރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް