ގަތަރު ވޯލްޑް ކަޕްގައި މޮރޮކޯގެ ސަޕޯޓަރުން ފޯރި ނަގަނީ: އެ ވޯލްޑް ކަޕަށް ވުރެ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓް ތިން ގުނަ ބޮޑު

ވޯލްޑް ކަޕް 2026

ވޯލްޑް ކަޕްގެ ޓިކެޓް އަގު ބޮޑުކަމުން ފީފާ ދެކެ ރުޅިގަދަވަނީ

ގަތަރުގެ މުބާރާތަށް ވުރެ ތިން ގުނަ ބޮޑު. ފައިނަލް މެޗުގެ އެންމެ އަގު ހެޔޮ ޓިކެޓްގެ އަގު އުޅެނީ 4000 ޑޮލަރަށް ވުރެ މަތީގައި
15 ޑިސެމްބަރު 2025

އަންނަ އަހަރު އެމެރިކާ އާއި ކެެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕްގެ ޓިކެޓް އަގުބޮޑުކަމުން އެކި ގައުމުތަކުގެ ސަޕޯޓަރުން ރުޅިގަދަވެ، ފީފާއަށް ފާޑުކިޔަން ފަށައިފި އެވެ.

ފުޓްބޯލް ސަޕޯޓާސް އެސޯސިއޭޝަނުން ފީފާގެ އެ އަގުތައް ސިފަކުރީ "ހިނި އަންނަ އަދި މަލާމާތެއް'ގެ ގޮތަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓްގެ އަގު 2022ގައި ގަތަރުގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޓިކެޓަށް ވުރެ ތިން ގުނަ ބޮޑެވެ. ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ކުދި އަދި ފަގީރު ގައުމުތަކުގެ ސަޕޯޓަރުން ގްރޫޕް މެޗުތަކުގެ ޓިކެޓަށް ހޭދަކުރަން ޖެހޭ މިންވަރު މަހުގެ އާންމު މުސާރައަށް ވުރެ ވެސް ބޮޑެވެ.

ބައެއް ސަޕޯޓަރުން ބީބީސީއާ ވާހަކަ ދައްކަމުން ބުނީ ޓިކެޓްގެ އަގު ބޮޑުކަމުން ދަތުރުގެ ޕްލޭންތައް ވެސް ބަދަލުކުރަން މަޖުބޫރު ކަމަށެވެ. މާނައަކީ މެޗުތައް ބަލަން ނުދިއުމެވެ.

މިދިއަ ހުކުރުދުވަހު ޓިކެޓް ވިއްކަން ހުޅުވާލުމާ އެކު 24 ގަޑިއިރުގެ ތެރޭގައި 200 ގައުމަކުން 5 މިލިއަން ރިކްއެސްޓް ލިބުނު ކަމަށް ފީފާއިން ބުންޏެވެ. އެކަމަކު އެތައް ބަޔަކު ދަނީ ޝަކުވާ ވެސް ކުރަމުންނެވެ.

ގަތަރު ވޯލްޑް ކަޕްގައި ދަނޑަށް ވަދެ މެޗު ބަލަނީ: ކޮލިފައިވާ ގައުމުތަކުގެ އެތައް ބަޔަކު މެޗުތައް ބަލަން ދަތުރުކުރޭ (ފޮޓޯ/ފީފާ)

ފަގީރު ގައުމެއް ކަަމަށްވާ ހައިޓީ ވަނީ 52 އަހަރު ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެ ގައުމުގެ އެވްރެޖް މަހު މުސާރަ އުޅެނީ 147 ޑޮލަރު (2،266ރ) ގަ އެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްކޮޑްލެންޑްއާ ބައްދުކުރާ އިރު އެ މެޗުގެ އެންމެ އަގު ހެޔޮ ޓިކެޓް ލިބެނ ީ180 ޑޮލަރު (2،775ރ) އަށެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ މޮރޮކޯ އާއި ބްރެޒިލް ލައިގެން، ހެއިޓީގެ ތިން މެޗު ބަލަން ދަނޑަށް ވަންނަ ނަމަ އެންމެ އަގުހެޔޮ ޓިކެޓަށް 625 ޑޮލަރު (3،387ރ) ހޭދަކުރަން ޖެހޭނެ އެވެ.

ގާނާއަކީ އޭގެ އަނެއް ގައުމެވެ. އެ ގައުމުގެ އެވްރެޖް މަހު މުސާރަ އުޅެނީ 254 ޑޮލަރު (3،916 ރ)ގަ އެވެ.

ގާނާގެ އެއް ސަޕޯޓަރަކު ބުނީ ވަރަށް ގިނަ މީހުންގެ ދަތުރު ކެންސަލްކުރަން ޖެހޭނެ ކަމަށެވެ.

"މިދިއަ ތިން އަހަރެއްހާ ދުވަހު ބައެއް މީހުން މުސާރައިގެ ވަކި ބައެއް ރައްކާކުރަމުން ދިޔައީ ވޯލްޑް ކަޕް ބަލަން ދާން. އެކަމަކު މިހާރު މިވީ ވަރަށް ދެރަ ގޮތެއް،" ގާނާގެ މީހެއް ކަމަށްވާ ޖޯޖޯ ގުއެންސާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވާ ގައުމުތަކުގެ އަދަދު 48އަށް ބަދަލުކުރީ ވެސް ގިނަ ގައުމުތަކަށް ފުރުސަތު ދޭށެވެ. ނަމަވެސް އެ ފުރުސަތާ އެކު އަމިއްލަ ގައުމު ކުޅޭތަން ހަމަ ލޮލުން ބަލަން ދާން ބޭނުން މީހުންނަށް ޓިކެޓްގެ އަގާ ހެދި ހުރަސްތައް އެޅުމަކީ މައްސަލައެއް ކަމަށް، އޭނާ ބުންޏެވެ.

ފީފާއިން ޓިކެޓްގެ އަގުތައް ނެރުނު އިރު ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއް ވެސް އުޅެނީ 4،147 ޑޮލަރު (63،946ރ،)ގަ އެވެ.

މުބާރާތުގެ އެކި ސްޓޭޖަށް ގައުމުތައް ކޮލިފައިވާ ނިސްބަތުން ޓިކެޓް އަގު ވެސް ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން އަންނަ އަހަރުގެ ވޯލްޑް ކަޕް ހަމަ ލޮލުން ބަލައިލުމަކީ ހަރަދު ބޮޑު ކަމަކަށް ވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް