އޮލިމްޕިއާކޯސް ކޮޅަށް ހަތަރު ލަނޑު ޖެހި ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕޭ (ކ) އެ ޓީމުގެ ވިނީޝިއަސް ޖޫނިއާއާ އެކު އުފާ ފާޅުކުރުމުގައި
އެމްބާޕޭގެ ހަތަރު ލަނޑަކީ ޗެމްޕިއަންސް ލީގުގައި ވެސް ތަދު ކަމެއް
ގްރީކް ވެރިރަށުގައި ރޭ ފުރަތަމަ ލަނޑު، މެޗުގެ އަށް ވަނަ މިނިޓްގައި، ޖަހާ އޮލިމްޕިއާކޯސް އެ ލީޑް ނެގުމުން ރެއާލް މެޑްރިޑަށް ހުއްޓުން އަރާފާނެ ކަމަށް ހީވެދާނެ އެވެ. ނަމަވެސް އަނެއްކާވެސް ބުނެލަން ޖެހެނީ ކީލިއަން އެމްބާޕޭ އެ ހުރީ އެ ޓީމުގެ ފޯވަޑަކަށް ކަމެވެ.
ދެން ފެށުނީ އޭނާގެ އެ ހުނަރު ދެއްކުމުގެ ވަގުތުކޮޅެވެ. މެޗުގެ 22 ،24 އަދި 29 ވަނަ މިނިޓެވެ. އެންމެ ހަތް މިނިޓްގެ ތެރޭގައި ހެޓްރިކް ހަދައި، ޗެމްޕިއަންސް ލީގުގެ ވެސް އެންމެ ތަދު ހުނަރުވެރިކަމުން ހެދުން އަޅައިލީ އެވެ.
އެހާ ހިސާބުން ވެސް 26 އަހަރުގެ ފޯވަޑްގެ ބޯޅަތައް ނިމުމަކަށް ނަ އެވެ. ހަތަރު ވަނަ ލަނޑު 60 ވަނަ މިނިޓްގައި ވެސް ޖެހީ އެވެ. މެޗު ނިމުނީ 4-3 އިން ރެއާލް މޮޅުވެ، ތާވަލްގެ ފަސް ވަނައަށް އަރުވައިފަ އެވެ.
އެމްބާޕޭގެ މި ހަތަރު ލަނޑު މުބާރާތުގެ މުހިންމު ތާރީހަކަށް ވެ އެވެ. އެގޮތުން:
-
މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ހަތް މިނިޓްގެ ތެރޭގައި ހެޓްރިކް ހެދި ދެވަނަ ފަހަރު
-
ރަށުން ބޭރުގައި ކުޅެ މިހާތަނަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑް ވެސް އެމްބާޕޭއަށް ލިބުނު. ޖުމްލައަކީ ހަތަރު ހެޓްރިކް.
-
ރެއާލް މެޑްރިޑްގެ ތާރީހަށް ބަލާ ނަމަ ޔޫރަޕްގެ މުބާރާތެއްގައި ރަށުން ބޭރުގައި ކުޅެ ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔަކީ ވެސް އޭނާ
ރޭ އެމްބާޕޭގެ ލަނޑުތަކާ އެކު މިފަހަރު މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. ފަސް މެޗުން ނުވަ ލަނޑެވެ.
މި ސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށްލައިގެން އެމްބާޕޭގެ ލަނޑުގެ ޖުމްލަ އުޅެނީ 22ގަ އެވެ. އެއީ ޖުމްލަ 18 މެޗު ކުޅެގެންނެވެ.
"އަހަރެން ވަރަށް އުފާވޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.
"ގޯލު ޖެހުމަކީ އަހަންނަށް އަބަދުވެސް އެންމެ ބޮޑު އުފާ. ޓީމުގެ އެހެން ކުޅުންތެރިން އަހަންނަށް ވަރަށް ރަނގަޅު ޕާސްތައް އެބަ ދޭ."
ޗެމްޕިއަންސް ލީގުގައި މި ވަގުތު ގަދަ 10
-
1-އާސެނަލް، ކުޅުނު 5، ޕޮއިންޓް 15
-
2-ޕީއެސްޖީ، ކުޅުނު 5، ޕޮއިންޓް 12
-
3-ބަޔާން މިޔުނިކް، ކުޅުނު 5، ޕޮއިންޓް 12
-
4-އިންޓަ މިލާން، ކުޅުނު 5، ޕޮއިންޓް 12
-
5-ރެއާލް މެޑްރިޑް، ކުޅުނު 5، ޕޮއިންޓް 12
-
6-ބޮރޫޝިއާ ޑޯޓްމުންޑް، ކުޅުނު 5، ޕޮއިންޓް 10
-
7-ޗެލްސީ، ކުޅުނު 5، ޕޮއިންޓް 10
-
8-ސްޕޯޓިން، ކުޅުނު 5، ޕޮއިންޓް 10
-
9-މެންޗެސްޓަ ސިޓީ، ކުޅުނު 5، ޕޮއިންޓް 10
-
10-އެޓަލާންޓާ، ކުޅުނު 5، ޕޮއިންޓް 10