ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ރަސްމީ ރޭގަނޑު ކެއުމެއްގައި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވަނީ

ސައުދީ ވަލީއަހުދާ އެކު ރޮނާލްޑޯ ވެސް ވައިޓް ހައުސްގެ ކެއުމުގައި

މިއީ 2016ގެ ފަހުން އެމެރިކާއަށް ރޮނާލްޑޯ ކުރި ފުރަތަމަ ދަތުރު. އޭނާއަކީ ސައުދީ އަރަބިއްޔާގެ އިގުތިސާދު ބަދަލުކޮށްލަން ވަލީއަހުދު މުހައްމަދު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު މޫނެއް
19 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހާރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުގައި ރޭ ވައިޓް ހައުސްގައި އޮތް ރަސްމީ ކެއުމުގައި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބައިވެރިވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހަފުލާގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ހަގު ދަރިކަލުންނަކީ ރޮނާލްޑޯގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.

"ވައިޓް ހައުސްގައި ރޮނާލްޑޯއަށް މެހެމާންދާރީ އަދާކުރެވުމަކީ ޝަރަފެއް ކަމަށް ދެކެން،" ޓްރަމްޕް ވިދާޅުވި އެވެ.

ރޮނާލްޑޯއަކީ މުހައްމަދުގެ މި ދަތުރުގެ ރަސްމީ ވަފުދުގެ ބައިވެރިއެއްކަން ނުވަތަ ނޫންކަމެއް ނޭނގެ އެވެ. އެކަމަކު މިއީ 2016ގެ ފަހުން އެމެރިކާއަށް އޭނާ ކުރި ފުރަތަަމަ ދަތުރެވެ.

ތެލަށް ބަރާސޯވެފައި އޮތް އިގުތިސާދެއްގެ ބަދަލުގައި އެހެން އިންޑަސްޓްރީތައް ކުރިއަށް ގެންދަވަން ވަލީއަހުދު މުހައްމަދު ފެއްޓެވި މަސައްކަތުގައި ރޮނާލްޑޯއަކީ މުހިންމު ބައިވެރިއެކެވެ. ސައުދީގެ މިހާރު މަޝްހޫރު ފުޓްބޯޅަ ލީގުގައި އޭނާ އަންނަނީ އަލް ނަސްރަށް ކުޅެމުންނެވެ.

ޓޫރިޒަމް އާއި ކުޅިވަރާއި މުހިފޫހިފިލުވުމުގެ މުހިންމު މަންޒިލަކަށް ހަދަން ސައުދީގައި ވަރަށް ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް އެބަ ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް