މިއަދުގެ މެޗުގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (11) އާއި ފިލިޕީންސްގެ ކެޕްޓަން އަމާނީ މެނުއެލް އަގުއިމަލްޑޯ ބޯޅަ ހޯދަން މަސައްކަތްކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭޝިއަން ކަޕް

ރާއްޖެ އަތުން ފިލިޕީންސް މޮޅުވިޔަސް އެއްވަނައަށް ތަޖިކިސްތާން އަރައިފި

މާލޭގައި ކުޅުނު މެޗުގައި ފިލިޕީންސުން ރާއްޖެ 2-0 އިން ބަލިކުރި އިރު ޓިމޯ ލެސްޓޭ އަތުން ތަޖިކިސްތާން މޮޅުވީ 5-0އިން. އެހެންވެ ގްރޫޕްގެ އެއްވަނައަށް ތަޖިކިސްތާން އެރީ ފައިދާ ލަނޑުގެ ތަފާތުން
18 ނޮވެމްބަރު 2025

އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ރާއްޖެ އަތުން 2-0 އިން ފިލިޕީންސް މޮޅުވިޔަސް ގްރޫޕް އޭގެ އެއްވަނައަށް ތަޖިކިސްތާނުން މިއަދު އަރައިފި އެވެ.

އޮސްޓްރޭލިޔާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ތަޖިކިސްތާން މޮޅުވީ 5-0 އިންނެވެ. އެހެންކަމުން ފިލިޕީންސް އާއި ތަޖިކިސްތާން 13 ޕޮއިންޓުން އެއްވަރުވިޔަސް ފައިދާ އެންމެ ގޯލެއްގެ ތަފާތުން އެއްވަނާގައި މިހާރު އޮތީ ތަޖިކިސްތާނެވެ. އެ ގައުމަށް ފައިދާ 11 ލަނޑު އަދި ފިލިޕީންސްއަށް 10 ލަނޑެވެ.

ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޯޅައެއް ފޮނުވާލަނީ ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގްރޫޕްގެ ފަހު ދެ މެޗު އޮންނާނީ 31 މާޗު 2026ގަ އެވެ. މާލޭގައި ރާއްޖެ ބައްްދަލުކުރާނީ ޓިމޯ ލެސްޓޭއާ އެވެ. ފިލީންސް އާއި ތަޖިކިސްތާން މެޗު އޮންނާނީ ތަޖިކިސްތާންގަ އެވެ.

ނާއިޒް ހަސަން (ކ) ފިލިޕީންސްގެ ކުޅުންތެރިއެއް ކައރިިން ބޯޅަ ހިފައިިގެން ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގްރޫޕްގައި އަދި އެންމެ ޕޮއިންޓެއް ވެސް ނުލިބި އޮތް ރާއްޖެ މިއަދުގެ މެޗަށް ނުކުތީ އެ ސުން ކަނޑުވާލުމުގެ އަޒުމުގަ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި ފިލިޕީންސްއިން ޖެހި ދެ ލަނޑާ އެކު ރާއްޖެއަށް އެ މަސައްކަތް ބުރަވި އެވެ. ރާއްޖެއިން ރަނގަޅު ޕާސްތަކަކާ އެކު މެޗު ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ބޯޅައެއް ލަނޑަކަށް ނުހެދުނެވެ.

އުމުރުން 17 އަހަރުގެ އީތަން އިބްރާހިމް ޒަކީ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއަދު މެޗުގެ ފަހު ހާފުގައި އުމުރުން 17 އަހަރުގެ އީތަން އިބްރާހިމް ޒަކީ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅެން ނުކުތެވެ. މިއީ ރާއްޖޭގައި މިހާރު އުފެދެމުން އަންނަ އެންމެ ހުނަރުވެރި ޕްލޭމޭކަރުންގެ ތެރެއިން އެކެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް