ކްރިސްޓިއާނޯ ރޮނާލްޑޯ 2016ގެ ޔޫރޯ ތަށި ހިފައިގެން: ހަމައެކަނި މަދުވަނީ ވޯލްޑް ކަޕްގެ ތަށި

ކުރިއަށް އޮތީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފި

ޕޯޗުގަލްގެ ތަރި ބުނީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ފުޓްބޯޅަ ކުޅުން ވެސް ހުއްޓާލާނެ ކަމަށް
12 ނޮވެމްބަރު 2025

އަންނަ އަހަރު އޮންނަ ވޮލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ފުޓްބޯޅަ ތަރި ބުނީ ކުރިއަށް އޮތް "ދޭއް ނުވަތަ ތިން އަހަރުގެ ތެރޭގައި" ފުޓްބޯޅަ ކުޅުން ވެސް ހުއްޓާލާނެ ކަމަށެވެ. ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އަށެވެ.

ކްލަބްތަކާއި އޭނާގެ ގައުމަށް މިހާތަނަށް ރޮނާލްޑޯ ވަނީ 953 ގޯލު ޖަހައިދީފަ އެވެ. އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕަކީ ރޮނާލްޑޯ ކުޅޭ ހަވަނަ ވޯލްޑް ކަޕެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އޮތް ޓުއަރައިސް ސަމިޓްގައި ރޮނާލްޑޯއާ ސުވާލުކުރީ 2026ގެ ވޯލްޑް ކަޕް އޭނާގެ ފަހުގެ ވޯލްޑް ކަޕަށް ވާނެތޯ އެވެ.

"އާނ. އެއްވެސް ޝައްކެއް ނެތް. އޭރު އަހަރެންގެ އުމުރު އުޅޭނީ 41 އަހަރުގައި. އެއީ ބޮޑު ވާދަކުރުމުގެ އެ ވަގުތަށް ވާނެ،" ރޮނާލްޑޯ ބުންޏެވެ.

މިހާތަނަށް ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން 143 ލަނޑާ އެކު، އޭނާއަކީ ބައިނަލްއަގުވާމީ އެންމެ ގިނަ ލަނޑު ޖެހި ފިރިހެން ކުޅުންތެރިޔާ އެވެ. މުޅި ކެރިއަރުގައި އޭނާ ޖެހި ލަނޑުގެ އަދަދު 1،000އަށް އަރުވަން ވެސް އޭނާ ބޭނުންވެ އެވެ.

މެންޗެސްޓަ ޔުނައިޓެޑް އާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ ކުރީގެ ތަރި ބުނީ 'ވަރަށް އަވަހަށް' ކުޅެން ހުއްޓާލަން ވެސް ބޭނުންވާ ކަމަށެވެ.

"ވަރަށް އަވަހޭ މި ބުނީ ކުރިއަށް އޮތް ދެތިން އަހަރަަށް،" ރޮނާލްޑޯ ބުންޏެވެ.

އޭނާގެ ތަށި ހަރުގަނޑުގައި މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓެވެ. އެނޫން ހުރިހާ ބޮޑެތި ކާމިޔާބީތައް ރޮނާލްޑޯގެ ވިދުން ގަދަ މާޒީގައި ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް