ދިވެހި ޕްރިމިއަ ލީގުގައި 2023ގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީތަން އިބްރާހިމް ޒަކީ އުފާ ފާޅުކުރަނީ، ފަހަތުގައި އިލާން (ފޮޓޯ/އެފްއޭއެމް)

އުމުރުން 17 އަހަރުގައި އީތަން ގައުމީ ސްކޮޑަށް ނަގައިފި

އީތަން އަންނަނީ ދިވެހި ލީގުގައި ވެލެންސިއާގެ ކެޕްޓަންގެ ޒިންމާ ނަގަމުން
10 ނޮވެމްބަރު 2025

މި މަހު 18ގައި ފިލިޕީންސްއާ ދެކޮޅަށް މާލޭގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިންއަށް ނެގި ގައުމީ ސްކޮޑުން އުމުރުން 17 އަހަރުގެ އީތަން އިބްރާހިމް ޒަކީއަށް ފުރުސަތު ލިބިއްޖެ އެވެ.

މިއީ ދިވެހި ލީގުގައި ވެލެންސިއާގެ ކެޕްޓަންގެ ޒިންމާ ނަގަމުން އަންނަ ޒުވާން މިޑްފީލްޑަރަށް ގައުމީ ސްކޮޑުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ އެކި އުމުރު ފުރައިގެ ގައުމީ ޓިމުތަކަށް ކުޅެމުންނެވެ.

މިދިއަ އޮކްޓޯބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް އިލާން ތައްޔާރުވަނީ (ފޮޓޯ/އެފްއޭއެމް)

އީތަންގެ އިތުރުން، އޭނާއަށް ވުރެ ދެ މަސް ހަގު، ފޯވަޑް މުހައްމަދު އިލާން އިމްރާން ވެސް ސްކޮޑްގައި ހިމެނެ އެވެ. މިހާރުގެ ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގައުމީ ޓީމާ ހަވާލުވެ ނެގި ފުރަތަމަ ސްކޮޑުން ފެށިގެން އިލާންއަށް ފުރުސަތު ލިބެ އެވެ. އެގޮތުން މިދިއަ ސެޕްޓެމްބަރުމަހު ސްރީ ލަންކާގައި އެ ގައުމާ އެކު ކުޅުނު ބައިނަލްއަގުވާމީ ދެ މެޗުގައި 16 އަހަރުގެ އިލާން ކުޅެން ނުކުތެވެ. އެހެންކަމުން އޭނާ ވީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އިލާން ދިވެހި ލީގުގައި ކުޅެމުން އަންނަނީ މާޒިޔާއަށެވެ.

އިލާން އާއި އީތަންއަކީ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގެ ތަރިންނެވެ. އެގޮތުން 2023ގެ 15 އަހަރުން ދަށުގެ މުބާރާތުގައި އިސްކަންދަރު ސްކޫލް ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ ޖުމްލަ 86 ލަނޑު ޖަހައިގެންނެވެ. އިލާން އެކަނި 36 ލަނޑު ކާމިޔާބުކުރި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް