އެފްއޭއެމުން ފެށި އަލިމަސް ޔޫބީލް ފެސްޓިވަލްގައި ކުޑަކުދިން ކުޅެނީ -- ފޮޓޯ/އެފްއޭއެމް

އެތައް ސަތޭކަ ކުދިން އެފްއޭއެމްގެ ދަނޑު ހިފައިފި

މިއީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން ބާއްވާ ޑައިމަންޑް ޖުބުލީ ފުޓްބޯލް ފެސްޓިވަލްގެ ފެށުން. މުޅި ރާއްޖޭގައި މި ފެސްޓިވަލް ކުރިއަށް ދާނެ
7 ނޮވެމްބަރު 2025

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އޮންނަ އެފްއޭއެމްގެ ދަނޑަށް އަށް އަހަރުގެ އެތައް ސަތޭކަ ކުދިން އަރައި ފުޓްބޯޅައިގެ ފޯރި މިއަދު ދައްކާލައިފި އެވެ.

ފުޓްބޯޅައިގެ ހުނަރު އެ ކުދިން ދައްކާލީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޖުބުލީ ފާހަގަކުރަން އެފްއޭއެމުން ކުރިއަށް ގެންދާ ޑައިމަންޑް ޖުބުލީ ފުޓްބޯލް ފެސްޓިވަލްގެ ފުރަތަމަ ދުވަހު އެވެ.

މާދަމާ އޮންނާނީ އުމުރުން 10 އާއި 12 އަހަރުގެ ކުދިންގެ ފުޓްބޯޅަ ފޯރި ނެގުމެވެ. މި ދެ ދުވަހު 1،500އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ބުނީ މި ފެސްޓިވަލް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު އޮތީ އުމުރުން އަށް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކުރި ބައި -- ފޮޓޯ/އެފްއޭއެމް

ދިވެހި ފުޓްބޯޅައިގެ އަލިމަސް އަހަރަކީ މި އެވެ. މިއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތް 1950ގައި ބާއްވަން ފެށިތާ 75 އަހަރު ފުރުމެވެ. ރަން ޔޫބީލް ފާހަގަކުރީ 2000 ވަނަ އަހަރު އެވެ. އަވަށްޓެރި ގައުމުތަކުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ރަން ޔޫބީލް ފުޓްބޯޅަ މުބާރަތެއް ވެސް އެ އަހަރު ބޭއްވި އެވެ. ފުޓްބޯޅައިގެ ފޯރިގަދަ އެ ދުވަސްވަރު އޮތް މުބާރާތުގެ ފައިނަލްގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކޮށް ކާމިޔާބުކުރީ ލަންކާ އެވެ.

ފުޓްބޯޅައަކީ ރާއްޖޭގެ އެއް ވަނަ ކުޅިވަރުކަމުން ވަރަށް ގިނަ ކުދިން ފުޓްބޯޅަ ދެކެ ލޯބިވޭ -- ފޮޓޯ/އެފްއޭއެމް

ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)، މި އަހަރުގެ ޖުލައި މަހު އޮތް އެފްއޭއެމްގެ އާ އިންތިހާބު ކާމިޔާބުކުރައްވައި އުފެއްދެވި އާ މެނޭޖްމަންޓުން އަލިމަސް ޖުބުލީ ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަން ވަނީ ނިންމައިފަ އެވެ.

އެކަމަކު މިދިއަ ތިން އަހަރު އެފްއޭއެމްގެ ހިންގުން ހުއްޓުމަކަށް އައުމާ އެކު އަލިމަސް ޔޫބީލްގެ ހުރިހާ ކަމެއް މި އަހަރު ބޭއްވޭ ގޮތެއް ނުވާނެ އެވެ. އެހެންކަމުން އެ ހަރަކާތް ނިންމުން އޮންނާނީ އަންނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް