ރެއާލް މެޑްރިޑްގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މި އަހަރުގެ ފުރަތަމަ ކްލެސިކޯގައި ވިނީޝިއަސް ޖޫނިއަ ބަދަލުކުރަން އުޅުމުން ރުޅިއައިސް ހަޅޭއްލަވަނީ
ވިނީޝިއަސް ދެއްކި ރުޅިން ރެއާލްގެ މޮޅަށް ވެސް ހިޔަނި އެޅިއްޖެ
ބަދަލުކުރާނެ ކުޅުންތެރިޔާ އާއި މެޗުގެ ކުޅުމަށް ގެންނާނެ ބަދަލު އެނގޭނީ ކޯޗަށެވެ. ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އޮލޮންސޯއަކީ ކުޅޭކުޅޭ މީހެއް ނޫނެވެ. އެކަމަކު މެޗުގެ 72 ވަނަ މިނިޓްގައި ބަދަލުކުރުމުން ވިނީޝިއަސް ޖޫނިއަ އެ ދެއްކި ރުޅިވެރިކަމާއި ލެވިހަޅޭއްކުން، ރެއާލްގެ މޮޅަށް ވެސް އެޅުނީ ހިޔަންޏެވެ.
އަހަރުގެ ފުރަތަމަ ކްލެސިކޯ - ރެއާލް މެޑްރިޑާއި ބާސެލޯނާގެ ރަސްމީ ވާދަވެރި މެޗުތަކަށް ކިޔާ ވަނަން - ގައި ރެއާލްގެ ދަނޑުގައި ބާސެލޯނާ ބަލިކުރީ 2-1 އިންނެވެ. ބަލިކުރުން އެކަންޏަކުން ނުފުދެ އެވެ. ބާސެލޯނާ މައިތިރިކުރަން މުޅި މެޗުގައި ގެންގުޅުނު ގޭމް ޕްލޭން ވެސް މޮޅީ އެވެ.
ރެއާލްއާ ހަވާލުވެގެން އޮލޮންސޯ ނުކުތް ފުރަތަމަ ސީޒަން އަދި އޭނާގެ ކޯޗުކަމުގައި ފެނުނު ފުރަތަމަ ކްލެސިކޯއިން މޮޅުވުމަކީ ކުޑަ ކަމެއް ނޫނެވެ. ރެއާލްގެ ކުރީގެ އަށް ކޯޗުންގެ ތެރެއިން ހަތް ކޯޗުންގެ ފުރަތަމަ ކްލެސިކޯގައި ކުރިމަތިވީ ބައްޔެވެ. އެހެންކަމުން އޮލޮންސާއަށް ރޭގެ މެޗު މުހިންމެވެ.
ބާސެލޯނާގެ އަވަސް، މޮޅު ކުޅުން ހުއްޓުވަން ރެއާލްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފަހަތަށް ފައިބައި، ކުއްލިއަކަށް ކުރިއަށް ދެމިގަނެ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު ވިނީޝިއަސްއަށް އެހާ ބާރަށް ފަހަތަށް ދެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އޭނާ ބަދަލުކޮށް ރޮޑްރިގޯ އެރުވި އެވެ.
ވިނީޝިއަސް ދަނޑުން ފައިބައިގެން ދިޔައީ އޮލޮންސޯއާ ސަލާން ވެސް ނުކޮށެވެ. ބެންޗަށް ދިއުމުގެ ބަދަލުގައި އޭނާ ވަނީ ޗޭންޖިން ރޫމަށެވެ. ބެންޗަށް އައީ އިރުކޮޅެއް ފަހުންނެވެ.
މެޗު ނިމުމާ އެކު ދެން ފެނުނު އަނެއް މަންޒަރަކީ ބާސެލޯނާގެ ލަމީން ޔަމާލްއާ ދިމާކޮށްލަން ކުރި މަސައްކަތެވެ. އޭނާ ހިފަހައްޓަން ވެސް ޖެހުނެވެ. އެ އަހުލާގުގެ ސަބަބުން ވިނީޝިއަސްއަށް ފަހުން ރީނދޫ ކާޑެއް ދެއްކި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރަނގަޅު އަގެއް ލިބިއްޖެ ނަމަ ރެއާލްއިން ވިނީޝިއަސް ދޫކޮށްލަން ދެވަނަ ވިސްނުމަކަށް ވެސް ނުދާނެ އެވެ. އެހާ ވެސް އޭނާގެ މިޒާޖު ތަފާތުވެފައި ގެންގުޅެން އުނދަގޫ ކަމަށްވެ އެވެ.
ރޭގެ މެޗުގައި ރެއާލްއަށް ލަނޑު ޖަހައިދިނީ ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިގަމް އެވެ. ބާސެލޯނާއިން ލަނޑު ޖެހީ ފާމިން ލޯޕޭޒެވެ. ދެވަނަ ހާފުގައި އެމްބާޕޭ ޖެހި ޕެނެލްޓީ ކާމިޔާބުނުކުރެވުނެވެ.
މި މޮޅާ އެކު ރެއާލް މެޑްރިޑް ވަނީ ތާވަލްގެ އެއް ވަނާގައި 27 ޕޮއިންޓާ އެކު ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އޮތީ 22 ޕޮއިންޓް ލިބިގެން ދެ ވަނައިގަ އެވެ.
ކޮމެންޓް (1)
ޢަލީ