ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ވަޑައިގަތުމުން ވީއައިއޭއިން އޭނާއަށް މަރުހަބާ ކިޔަނީ (ފޮޓޯ/އެފްއޭއެމް)

ފީފާ

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިިގެންފި، ހޫނު މަރުހަބާއެއް

މިއީ 20 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތް
24 އޮކްޓޯބަރު 2025

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ވީއައިއޭގައި އޭނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތުގެ ގޮތުގައި ބެލެވޭ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް މި ކުރައްވަނީ ދިވެހި ފުޓްބޯޅަ އަލުން ދިރުވަން އާ މަސައްކަތްތަކެއް ފެށި ދުވަސްވަރެއްގަ އެވެ.

ތަފްސީލް - އަމިއްލަ ޖެޓެއްގައި ވީއައިއޭއަށް ވަޑައިގެން ޓާމިނަލްއިން ނުކުމެވަޑައިގަތުމުން އިންފަންޓީނޯއަށް ކިޔާފައި ވަނީ ވަރަށް ހޫނު މަރުހަބާއެކެވެ. ދިވެހި ސަގާފީ ކުޅިވަރުގެ އިތުރުން އޭނާގެ އިސްތިގުބާލުގައި ކުޑަކުދިންނާއި ފުޓްބޯޅައާ ގުޅުން ހުރި އެތައް ބަޔަކު ތިއްބެވެ.

މިއީ ފީފާގެ ރައީސަކު މިދިއަ 20 އަހަރު ތެރޭގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު (ފޮޓޯ/އެފްއޭއެމް)

މިއީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2005ގައި ރާއްޖެއަށް ޒިޔާރަތްކުރެއްވި ފަހުން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެ ދެމެދު މިވަނީ 20 އަހަރު ވެފަ އެވެ.

އިންފަންޓީނޯގެ މި ދަތުރަކީ ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) ރައީސަކަށް ހުންނެވި އެފްއޭއެމްގެ އާ މެނޭޖްމަންޓަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބެލެވެ އެވެ. ކުރީގެ މެނޭޖްމަންޓްގައި ހިންގި ހިޔާނާތާއި މަނީ ލޯންޑަރިންގެ އަމަލްތަކާ އެކު އެފްއޭއެމް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެއްޖެ އެވެ. އަލުން ހިނގައި ގަތީ މިދިއަ ޖުލައި މަހު އޮތް އާ އިންތިހާބަށް ފަހު އެވެ.

އިންފަންޓީނޯ މަރުހަބާ ކިޔަން ފުޓްބޯޅަ އެކަޑަމީތަކުގެ ކުޑަކުދިން ވެސް ވީއައިއޭއަށް ގެންދިޔަ (ފޮޓޯ/އެފްއޭއެމް)

ފީފާއިން ދިން އެތައް މިލިއަން ޑޮލަރަކަށް ކުރީގެ މެނޭޖްމަންޓުން ހެދި ގޮތެއް ސާފެއް ނުވެ އެވެ. ހިންގި ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން ފީފާއަށް ދީފައި ވަނީ ދޮގު މައުލޫމާތުތަކެވެ. އެ މަޝްރޫއުތައް ނިންމާފައެއް ވެސް ނުވެ އެވެ.

ފުޓްބޯޅައިގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ފީފާގެ އެހީތެރިކަން އެފްއޭއެމަށް ނުހަނު މުހިންމު ދަނޑިވަޅެއްގައި އިންފަންޓީނޯ ވަޑައިގަތުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު އިންފަންޓީނޯ ބައްދަލުކުރައްވާނެ އެވެ. އަދި އޭނާގެ ޝަރަފުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ދައްކާލުމުގެ ފުޓްބޯޅަ މެޗެއް ވެސް އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް