އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ކުރީކޮޅު އައްޑޫގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަންގެ ތެރެއިން. (ފައިލް ފޮޓޯ/އުރީދޫ)
އުރީދޫ ފަން ރަންގައި ބައިވެރިވާން ހުޅުވާލައިފި
އުރީދޫ ފަން ރަން 2025-ހުޅުމާލެއަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން އަންނަ 19 ޑިސެމްބަރުގައި ހުޅުމާލޭގައި ބާއްވާނެ އެވެ.
އަންނަ މަހު 14ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ފުރުމުގެ ކުރިން މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް އުރީދޫން ދައުވަތު ދެ އެވެ.
ތަފްސީލް - ބައިވެރިންނަށް ދެ ކިޓް އިހްތިޔާރުކުރެވޭނެ އެވެ. އެއީ:
-
ސްޓޭންޑާޑް ކިޓްސް - 110ރ.؛ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ
-
ފަން ކިޓްސް - 210ރ.؛ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނޭ
ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުން މި މަހުގެ ނިޔަލަށް އިތުރު އަގަކާ ނުލާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތުގައި 6،500އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އުމުރުން 6 އަހަރުން މަތީގެ އެންމެންނަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.