އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭޝިއަން ކަޕް

މާދަމާ ގަލޮޅު ދަނޑު ފުރާލަންވީ، ގައުމީ ޓީމަށް ފުރުސަތު އެބަ އޮތް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ރަސްމީ ވަރުގަދަ މެޗެއް ގަލޮޅު ދަނޑުގައި ނުކުޅޭތާ އަހަރުތަކަކަށް ފަހުން މާދަމާ އެ ނުކުންނަނީ ތަޖިކިސްތާނާ ދެކޮޅަށް. މިއީ ވަރުގަދަ ފޯރިއެއް އަރުވައިފި ނަމަ ނަތީޖާ ނެރެވިދާނެ މެޗެއް
13 އޮކްޓޯބަރު 2025
1

ގައުމީ ފުޓްބޯޅަ ޓީމަށް ފޯރިދޭން ލޯބިކުރާ ދިވެހިންނަށް މާދަމާއަކީ އަނެއްކާވެސް އީދެއް ކަހަލަ ދުވަހަކަށް ވުން ކައިރި އެވެ.

ގަލޮޅު ދަނޑުގައި ރަސްމީ ބޮޑު ވާދަކުރުމެއް ނެތި ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ފަހުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މާދަމާ ހަވީރު އެ ނުކުންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށެވެ. މިިދިއަ ހަފުތާގައި މި ދެ ޓީމު ތަޖިކިސްތާންގައި ބައްދަލުކޮށް ރާއްޖެ ވަނީ 2-0 އިން ބަލިވެފަ އެވެ.

ނަމަވެސް ގަލޮޅު ދަނޑަށް ރަތުން ދިރުން ގެނެސްދީ، ހިތްވަރުގެ އަޑުތަކުން ގުގުމާލަދޭ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއަށް މާދަމާގެ މެޗު އަނބުރާލެވެން އެބަ އޮތެވެ. ތަޖިކިސްތާނަށް ކުރިން ކޯޗުކޮށްދިން އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޕީޓާ ސެގާޓް ވެސް ގަބޫލުކުރަނީ އެގޮތަށެވެ. ދިވެހި ނޫސްވެރިއެއް ކައިރީގައި އޭނާ ބުނީ ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ތަޖިކިސްތާނަށް ވެސް ފަސޭހަ ނުވާނެ ކަމަށެވެ.

ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، ކ، އާއި ގައުމީ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނި ގޮތުގައި މާދަމާގެ މެޗަށް ޓީމު އޮތީ ތައްޔާރުވެފަ އެވެ. އަދި ސަޕޯޓަރުންގެ އެހީތެރިކަމާ އެކު މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުއްމީދު ވެސް އޮތް ކަމަށް ބުންޏެވެ. ނަމަވެސް އިދިކޮޅުން ނުކުންނަ ޓީމުގެ ފެންވަރުގެ މަތިން އޭނާ ހަނދާން ނައްތައެއް ނުލަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އޭގައި ރާއްޖެ މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގަ އެވެ. ރަށުން ބޭރުގައި ކުޅެން ޖެހޭ ތިން މެޗު ނިމި، މާދަމާ އެ ފަށަނީ ގަލޮޅު ދަނޑުގައި ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ.

ދެން އޮތް އަނެއް ދެ ޓީމު ކަމަށްވާ ފިލިޕީންސް އާއި ޓިމޯ ލެސްޓޭއަކީ ވެސް، ގަލޮޅު ދަނޑުގައި ރާއްޖެއަށް ބަލިނުކުރެވޭނެ ވަރުގެ ޓީމުތަކެއް ނޫނެވެ.

ރާއްޖޭގައި 2021ގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ސަޕޯޓްކުރަން ވަދެ ތިބި ދިވެހިން ހިނިތުންވުމުގައި -- (ފޮޓޯ/އިމޭޖްސް އެމްވީ)

މޯހަން ބުނީ އަމިއްލަ ދަނޑުގައި ކުޅުމަކީ އެއްގޮތަކުން އެޑްވާންޓޭޖަކަށް ވާއިރު އަނެއް ގޮތުން އެއީ ޕްރެޝަރެއް ވެސް ކަމަށެވެ. މިވަގުތު އޮތް އެންމެ ބޮޑު ޕްރެޝަރަކީ މިދިއަ ދެތިން އަހަރު ދިވެހި ފުޓްބޯޅައަށް ދިމާވި މައްސަލަތަކާއި މުބާރާތްތައް ނުބޭއްވުމާއި ކުޅުންތެރިންނަށް އެކަށީގެންވާ މެޗުތަކެއް ނުލިބުމެވެ. އެ ހަގީގަތްތަކާ އެކު ވެސް ދިވެހި ސަޕޯޓަރުން ބޭނުންވާނީ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް ވާތީ އެއީ ކުޅުންތެރިންނަށް އޮތް ޕްރެޝަރެއް ކަަމަށް، އެސިސްޓެންޓް ކޯޗެއްގެ ގޮތުން މީގެ ކުރިން ގައުމީ ޓީމަށް އެތައް ކާމިޔާބީއެއް ހޯދައިދީފައިވާ ޝިޔާޒް ބުންޏެވެ.

"ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަކީ ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ބުންޏެވެ.

"ޑިސިޕްލިންގެ އެއްވެސް މައްސަލައެއް ނެތް. ﷲ އިރާދަކުރެއްވިއްޔާ ގޮތެއް ހެދޭނެ ކަމަށް ބަލަނީ. ބަލިނުވެ ނޫނީ މޮޅަކާ އެކު ނިންމާލެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."

ގަލޮޅު ދަނޑަކީ ބޭރުގެ ވަރުގަދަ ޓީމުތަކަށް ވެސް ފަސޭހަ ތަނެއް ނޫނެވެ. އޭގެ ހެއްކަކީ 2004ގައި ސައުތު ކޮރެޔާއާ ދެކޮޅަށް ކުޅެ ރާއްޖެއިން 0-0އިން އެއްވަރުކުރި ވޯލްޑް ކަޕް ކޮލިފައިން މެޗެވެ. ޗައިނާ އާއި އީރާން ފަދަ ގައުމުތަކަށް ވެސް ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރަން އުނދަގޫވި އެވެ.

އޭގެ ފަހަތުގައި އޮތް އެއް ސަބަބަކީ ރަތް ހެދުމުން ގައުމީ ވެގެން ދަނޑު ފުރާލަދޭ ދިވެހި ސަޕޯޓަރުންނެވެ.

މާދަމާގެ މެޗު ފަށާނީ ހަވީރު 3:30ގަ އެވެ.

ކޮމެންޓް (1)

ހައްޕު

14 އޮކްޓޯބަރު 2025
ފުރާލުމަކުން ނުވާނެ. ތަޖޭމެން ބަލިކުރެވޭނީ ، މޫސުމުގެ ވިއްސާރައާއި ވައިގެ އެހީތެރިކަންވެސް ހޯދައިގެނެއްނު. މޯހަން. މޯހަނަށް ބޮޑަށް އެނގޭނީ .އެކަމަކު ބުނެލީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް