ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ފީފާގެ ދާރުލްއާސާރުގެ އޮފިޝަލަކާ ހަވާލުކުރައްވަނީ (ފޮޓޯ/އެފްއޭއެމް)

ގައުމީ ފުޓްބޯޅަ ޖާޒީ ފީފާގެ މައި މަރުކަޒުގެ ދާރުލްއާސާރަށް

ފީފާއަށް ހަދިޔާކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ތައްޔާރުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޖާޒިއާ އިން ރާއްޖޭގައި
10 އޮކްޓޯބަރު 2025

ރާއްޖޭގެ ގައުމީ ޓީމުގެ ރަސްމީ ޖާޒީ، ފީފާގެ ދާރުލްއާސާރަށް ލައިފި އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ދާދި ފަހުން ސްވިޓްޒަލެންޑްގެ ޒިޔުރިކަށް ކުރެއްވި ދަތުރުގައި ފީފާގެ މައި އިދާރާއަށް ވަޑައިގެން ގައުމީ ޖާޒީ ވަނީ ފީފާގެ ދާރުލްއާސާރާ ހަވާލުކުރައްވައިފަ އެވެ.

ފީފާއަށް ހަދިޔާކުރެއްވީ ދިވެހި ކުންފުންޏެއް ކަމަށްވާ ޖާޒިއާއިން ރާއްޖޭގައި ތައްޔާރުކުރި ގައުމީ ޓީމުގެ ޖާޒީއެއް ކަމަށް ތޯރިގު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި އެވެ.

ރާއްޖޭގެ ރަސްމީ ޖާޒީގެ މައިގަނޑު ކުލައަކީ ރަތެވެ. އެ ޖާޒީ ޑިޒައިންކޮށް އުފައްދަނީ ވެސް ޖާޒިއާއިންނެވެ.

ފީފާގެ ދާރުލްއާސާރުގައި ދުނިޔޭގެ 211 ގައުމެއްގެ ރަސްމީ ޖާޒީ ހިމެނެ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް މިދިއަ 26 ޖުލައިގައި އިންތިހާބުކުރި ތޯރިގު ވަނީ ފީފާގެ ސްޓޭންޑިން ކޮމިޓީއެއް ކަމަށްވާ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ވެސް މި މަހު އައްޔަންކޮށްފަ އެވެ. މިއީ ދިވެހި ފުޓްބޯޅަ އޮފިޝަލަކު، ފީފާގެ ސްޓޭންޑިން ކޮމިޓީއަކުން ފުރުސަތު ހޯއްދެވި ފުރަތަމަ ފަހަރެވެ.

ދަރަންޏާއި ހިޔާނާތުގެ އެތައް މައްސަލައަކާ ހެދި ދެ އަހަރެއްހާ ދުވަހު ނުހިނގާ އޮތް އެފްއޭއެމް އަލުން ހިނގަން ފެށީ އާ އިންތިހާބަށް ފަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް