ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ މާކަސް ރަޝްފޯޑް އުފާ ފާޅުކުރަނީ

ބާސެލޯނާ

ރަޝްފޯޑްގެ ފެންވަރު އެ ދައްކާލީ ބާސެލޯނާއަށް ރީތި ދެ ލަނޑު ޖަހައިދީގެން

މެންޗެސްޓާ ޔުނައިޓެޑްއަށް 'ފިޓްނުވެ' ބޭރުކުރި ކުޅުންތެރިޔާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ މޮޅުކޮށްދިނުމުގެ އިތުރުން އެއީ އޭނާއަށް ވެސް މުހިންމު ކާމިޔާބީއެއް
19 ސެޕްޓެމްބަރު 2025

ބާސެލޯނާ ކޯޗު ހެންސީ ފްލިކްއަށް މާކަސް ރަޝްފޯޑްގެ ފޮރުވިފައި ހުރި ހުނަރު ފެނެ އެވެ. އެހެންކަމުން މެންޗެސްޓަ ޔުނައިޓެޑުން ޖާގަ ނުލިބި ބޭރުކުރުމުން ލޯނެއްގެ ދަށުން އޭނާ ހޯދުމުގައި ގެއްލުމެއް ނޯންނާނެކަން ވިސްނުނެވެ.

ރޭ ނިއުކާސަލް ދަނޑުގައި ބާސެލޯނާއިން ޗެމްޕިއަންސް ލިގުގެ ވާދަ އެ ފެށީ 27 އަހަރުގެ ފޯވަޑްގެ ފަރާތުން އެ ހުނަރު ސާބިތުކޮށްދީފަ އެވެ. ފަހު ހާފުގައި ބާސެލޯނާއަށް ރަޝްފޯޑް ޖެހި ދެ ލަނޑު ވެސް ރީތިވެފައި މޮޅެވެ. ފުރަތަމަ ލަނޑު 58 ވަނަ މިނިޓްގައި ބޮލުންނެވެ. ދެވަނަ ލަނޑު 67 ވަނަ މިނިޓްގައި އެކި ކުޅުންތެރިން ކައިރިން ނައްތާލާފައި އުއްޑައެއް ފަދަ ބާރު މިނެއްގައި، ޕެެނެލްޓީ އޭރިޔާގެ ބޭރުން ފޮނުވާލައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ މި ފެށުން ބާސެލޯނާ ކާމިޔާބުކުރީ 2-1 އިންނެވެ.

ރަޝްފޯޑްގެ ކުޅުމުން އެނގުނީ އެއީ ގެއްލިފައި ހުރި ހުނަރެއް ކަމެވެ. ފްލިކްއަށް އެކަން އެނގެ އެވެ. ރަޝްފޯޑްއަށް ބޭނުންވަނީ އޭނާގެ އެ ހުނަރު ދެއްކޭނެ ގޮތެއް ކަމާއި އެ ފުރުސަތު ބާސެލޯނާގެ ތެރެއިން ދެވިދާނެކަން ވިސްނި އެވެ.

"ތަމްރީންތަކުގެ ތެރޭގައި އަހަރެމެންނަށް ރަޝްފޯޑްގެ ފަަރާތުން ފެނޭ އެ ތަފާތު. މި ރޭ މި ފެނުނީ ދަނޑު މަތިން. އޭނާއާ މެދު އަހަރެން ވަަރަށް އުފާވޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަމިއްލަ ނަފުސަށް އިތުބާރު ހޯދަން އެފަދަ ގޯލްތައް ވަރަށް މުހިންމެވެ.

ބާސެލޯނާގައި ފެންވަރު ނުދެއްކިއްޖެ ނަމަ ދުނިޔޭގެ މަތީ ކްލަބަކަށް ކުޅުމުގެ ފުރުސަތު ވެސް ގެއްލޭނެކަން ރަޝްފޯޑަށް އެނގެ އެވެ. އެހެންކަމުން އޭނާ މަސައްކަތްކުރަމުން އަންނަނީ ވެސް އެގޮތަށް ކަމަށް ބުންޏެވެ.

"އަހަރެންގެ ހިތުގައި އަބަދުވެސް ބާސެލޯނާއަށް ހާއްސަ ގަދަރެއް އޮވޭ. ބާސާއަށް ކުޅުމަކީ އާދަޔާ ހިލާފު ތަޖުރިބާއެއް،" ރަޝްފޯޑް ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގެ ކުޅުންތެރިންނާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރޭ ފުރަތަމަ 11އިން ރަޝްފޯޑަށް ފުރުސަތު ލިބުނީ 18 އަަހަރުގެ ޔަމީން ޔަމާލް އަނިޔާގައި ހުރުމުންނެވެ. އެކަމަކު ރަފީނިއާ އާއި ރޮބަޓް ލެވެންޑޮވްސްކީއަށް ވުރެ ރޭގެ މެޗުގައި ސަމާލުކަން ހުއްޓުނީ ރަޝްފޯޑަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް