ރޭ ފްރާންސްގެ މާސޭ ކޮޅަށް ދެ ލަނޑު ޖެހި ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕޭ އުފާ ފާޅުކުރަނީ

ރެއާލް މެޑްރިޑް

އެމްބާޕޭގެ ދެ ލަނޑުން ރެއާލް މެޑްރިޑަށް އުފާވެރި ފެށުމެއް

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ރޭ ފެށިއިރު ރެއާލްގެ އިތުރުން އާސެނަލް ވެސް ވަނީ މޮޅުވެފައި
17 ސެޕްޓެމްބަރު 2025

މެޗުގެ ފަހު 28 މިނިޓް ރެއާލް މެޑްރިޑުން ކުޅުނީ 10 ކުޅުންތެރިންނާ އެކު ކަމަށް ވިޔަސް، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފުރަތަމަ މެޗުން ކީލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު އުފާވެރި ފެށުމެއް ހޯދައިފި އެވެ.

ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ލީގު ބުރުގައި ފްރާންސްގެ މާސޭ އަތުން ރެއާލްއަށް މި މޮޅު ހޯދައިދިނީ އެމްބާޕޭ ދެ ހާފުގައި ޖެހި ދެ ޕެނެލްޓީ ކާމިޔާބުކޮށްގެންނެވެ.

މިދިއަ މުބާރާތުގެ ކްއާޓާ ފައިނަލްގައި އާސެނަލް އަތުން ބަލިވެގެން ކެޓި އެކަމަކު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބް، ރެއާލްއަށް ރޭގެ މެޗުގައި އަމިއްލަ ދަނޑުގައި އޮތް ހަމައެކަނި ހިތާމައަކީ 72 ވަނަ މިނިޓްގައި ޑަނީ ކަރުވަހާލްއަށް ރަތް ކާޑު ދެއްކުމެވެ.

މި ސީޒަންގައި އެމްބާޕޭ އަންނަނީ އޭނާގެ ހުނަރު ތަފާތުކަން ސާބިތުކޮށްދެމުންނެވެ. ރޭގެ ދެ ލަނޑާ އެކު ރެއާލްއަށް ފަސް މެޗުން އޭނާ ވަނީ ހަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ރަށުން ބޭރުގައި އާސެނަލް 2-0 އިން މޮޅުވީ ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަތުންނެވެ. އާސެނަލްގެ ދެ ލަނޑު ވެސް ޖެހީ ބަދަލު ކުޅުންތެރިންގެ ގޮޮތުގައި ފަހު ހާފުގައި ދަނޑަށް ނުކުތް ގެބްރީލް މާޓިނެއްލީ އާއި ލިއެންޑްރޯ ޓްރޮސާޑް އެވެ.

ރޭ ވިލަރެއާލް އަތުން 1-0 އިން ޓޮޓެންހަމް ވެސް މޮޅުވި އެވެ. އޭގެ އިތުރުން ޔުވެންޓަސް އާއި ބޮރޫޝިއާ ޑޯޓުމުންޑްގެ މެޗު ނިމުނީ ވަރުގަދަ ވާދަވެރިކަމަކަށް ފަހު 4-4 އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް