ދިރާގާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)ގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތުގައި ދިރާގުން ބައިވެރިވެއްޖެ
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމަށްވާ އައިޓީއެފް މޯލްޑިވްސް ޖޫނިއަ އޯޕަން 2025 - ޖޭ30ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް އޮންނާނީ މިއަދުން ފެށިގެން މި މަހު 30އަށް ގައުމީ ޓެނިސް ސެންޓަރުގަ އެވެ.
ތަފްސީލް - މި މުބާރާތުގައި:
-
24 ގައުމަކުން 100އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ
-
މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނޭ
-
މި މުބާރާތުގެ ޒަރިއްޔާއިން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކާލައި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ
-
މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް
ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ދިރާގުން މި މުބާރާތުގައި ބައިވެރިވުމުން ދައްކައިދެނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް، ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަމެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ޓީއޭއެމްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވި ގޮތުގައި، އެ ޖަމިއްޔާގެ މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުމެވެ.
"މި މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕާޓްނަރުގެ ގޮތުން ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.