ރޭ ނިމުނު ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަށި ހަވާލުކޮށްދެއްވުމުން އުފާ ފާޅުކުރަނީ

ޗެލްސީއަށް ދުނިޔޭގެ ޗެމްޕިއަންކަން، ޕީއެސްޖީއަށް ބޮޑު ލަދެއް

ކޯލް ޕާމާގެ ހިތްގައިމު ދެ ލަނޑާ އެކު ޖުމްލަ 3-0ގެ ނަތީޖާއިން ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޕީއެސްޖީގެ މައްޗަށް ހޯދި ކާމިޔާބީއާ މެދު ހައިރާންކަން އުފެދޭ
14 ޖުލައި 2025

ޕީއެސްޖީ އޮތީ އެހެން ޓީމަކަށް އަތްލެވޭ ވަރަށް ވުރެ މާ ކުރީގަ އެވެ. ޕީއެސްޖީއެއް ނުހުއްޓުވޭނެ އެވެ. ބަޔާން މިޔުނިކް އާއި ރެއާލް މެޑްރިޑަށް ހަދާލި ގޮތް ބަލާށެވެ.

މިއީ ރޭ އެމެރިކާގައި އޮތް ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން އެތައް ބަޔަކު ދެއްކި ވާހަކަ އެވެ. ހާއްސަކޮށް އިނގިރޭސި ޕްރިމިއަ ލީގުގައި މިދިއަ ސީޒަންގެ ހަތަރު ވަނާގައި އޮތް ޗެލްސީއަށް ޕީއެސްޖީ ހުއްޓުވޭނެ ގޮތެއް ބައެއް މީހުންނަކަށް ނުވިސްނުނެވެ.

ނަމަވެސް މެޓްލައިފް ސްޓޭޑިއަމްގައި، 81،000 މީހުންގެ ކުރިމަތީގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ޕީއެސްޖީ މައިތިރިކޮށް އެންމެން ހައިރާންކޮށްލައިފަ އެވެ. މެޗުގެ 22 އާއި 30 ވަނަ މިނިޓްގައި އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާ، ވާތު ފައިން ގޯލުގެ އަރިމަތިން ކަނަށް ވައްދާލި ރީތި ދެ ލަނޑުން ފުދުނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާމާގެ ޕާހަކުން ޔާއޯ ޕެޑްރޯ ލަނޑެއް ޖަހައި، 3-0 އިން ޕީއެސްޖީގެ 'ދުވަސް ދުއްވާލި' އެވެ.

ޕީއެސްޖީ ކޮޅަށް ލަނޑު ޖެހުމުން ކޯލް ޕާމާ (މ)އާ އެކު އެހެން ދެ ދެ ކުޅުންތެރިޔަކު އުފާ ފާޅުކުރަނީ

ކްލަބް ވޯލްޑް ކަޕަށް ފީފާއިން ގެނައި އާ ބަދަލާ އެކު ކުޅުނު ފުރަތަމަ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ވަރުގަދަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާން 5-0އިން ބަލިކޮށް އަދި މި މުބާރާތުގައި ވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ މައްޗަށް ހޯދި ފަސޭހަ މޮޅުތަކާ އެކު ޕީއެސްޖީއާ މެދު ކުރި އުއްމީދާ އެއްފެންވަރުގެ ވާދައެއް ވެސް ޗެލްސީ ކައިރީގައި ނުދެއްކުނެވެ.

މިއީ ބޮޑު ބަދަލެއް ގެނެސްފައި އޮތް ޗެލްސީގެ ކުރިމަގަށް އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ. ކްލަބްގެ މިހާރުގެ ވެރިން އޮއްސަމުން އަންނަ އެތަައް ސަތޭކަ މިލިއަން ޑޮލަރުން ކާމިޔާބު ޓީމެއް އުފެއްދޭކަމުގެ ވެސް ހެއްކެކެވެ.

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަމާ އެކު ޗެލްސީއަށް 125 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ލިބޭނެ އެވެ. އެއީ ޗެމްޕިއަނުންނަށް ކަނޑައެޅި 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އާއި ބޯނަސްގެ ގޮތުގައި ލިބޭ 85 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް