މިދިއަ އަހަރު ބޭއްވި ހުޅުމާލެ ރަންގެ 10 ކިލޯމީޓަރުން އެއްވަނަ ހޯދި ހުސައިން ފަޒީލް ހާރޫނު ރޭސް ނިންމަނީ: މާދަމާ ވެސް ފަޒީލް ވާދަކުރާނެ

ހުޅުމާލެ ރަން

މާދަމާއަކީ އަނެއްކާވެސް ދުވުންތެރިންނަށް ރަނގަޅު ރޭހެއް ހޯދައިދެވޭ ދުވަހެއް

ހުޅުމާލެ ރަން އިންތިޒާމްކުރާ އެލީޓް ރަނާސްއިން ބުނީ ދުވުންތެރިން ހިތްހަމަޖެހޭނެ ގޮތަށް ކަންކަން ރާވާފައި ހުންނާނެ ކަމަށް
3 ޖުލައި 2025

މާދަމާ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކްގައި 'ހުޅުމާލެ ރަން' ކުރިއަށް ދާނެ އެވެ. މިއީ މި އަހަރު ރާއްޖޭގައި ބާއްވާ ވާދަވެރި ރޭސްތަކުގެ ތެރެއިން އެއް ރޭހެވެ.

އެލީޓް ރަނާސްއިން އިންތިޒާމްކޮށްގެން މިދިއަ އަހަރު ބާއްވަން ފެށި ހުޅުމާލެ ރަންގައި ހިމެނެނީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ އިތުރުން ކުޑަކުދިންނަށް 1 މޭލުގެ ރޭހެވެ. ފުރަތަމަ ދެ ރޭސް ފަށާނީ ހެނދުނު 6:00ގައި އެކުއެކީގަ އެވެ. ކުޑަކުދިންގެ ރޭސް ފަށާނީ ހެނދުނު 7:00ގަ އެވެ.

އެލީޓް ރަނާސްގެ އެއް ބާނީ އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް ބުނީ އެޗުޑީސީއާ އެކު ވަރަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. 

މިއަދު ހަވީރު 4:00އާ ހަމައަށް ރޭހުގެ އެކްސްޕޯ ވެސް އެބަ ކުރިއަށް ދެ އެވެ. މިހާރު ވެސް ގިނަ ދުވުންތެރިން ރޭހާ ގުޅޭ ސާމާނު ގެންގޮސްފި ކަމަށް، ޝަރަފް ބުންޏެވެ.

"އެޗުޑީސީއާ ގުޅިގެން ރޭހުގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ހަމަޖެއްސޭތޯ މި އުޅެނީ. އެޗުޑީސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ،" ރޭހުގެ މައި ސްޕޮންސަރާ ބެހޭ ގޮތުން ޝަރަފް ބުންޏެވެ.

ހުޅުމާލެ ރަން ބެހިފައިވާ ގޮތް:

  • 10 ކިލޯމީޓަރު އޯޕަން

  • 10 ކިލޯމީޓަރު، 41 އަހަރުން މަތީގެ މާސްޓާ ކެޓެގަރީ

  • 5 ކިލޯމީޓަރު އޯޕަން

  • 5 ކިލޯމީޓަރު 5-17 އަހަރާ ދެމެދުގެ ކުދިންނަށް

  • 1 މޭލު ރޭސް (12 އަހަރުން ދަށުގެ ކުދިންނަށް)

ޝަރަފް ބުނީ މިދިއަ އަހަރު އޮތް ފުރަތަމަ ރޭހުގައި ދުވުންތެރިން ބައިވެރިކުރަން ވަކި އަމާޒެއް ގެންގުޅެފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ ރޭހުގެ ތަޖުރިބާއަށް ބަލާފައި މި ފަހަރު އުއްމީދުކުރީ މަދުވެގެން 1،000 ދުވުންތެރިންގެ ވާދަކުރުމަކަށެވެ.

"އެ އަމާޒަށް އަޅުގަނޑުމެންނަށް ދެވުނު،" ޝަރަފް ބުންޏެވެ.

ދުވުމުގެ ރޭސްތަކުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އަންނަނީ ގިނަވަމުން

މި ރޭހުގެ ހުރިހާ ބައިތަކަކަށް ވެސް ވަނީ ފައިސާގެ އިނާމު ހުށައަޅައިފަ އެވެ. އޭގެ އިތުރުން ބައިވެރިންގެ މެދުގައި 25 ނަސީބު ނަންބަރު ނަގައި، އެކި އިނާމުތައް ވެސް ދެ އެވެ. އެގޮތުން އެއްވަނަ އިނާމަކަށް ލިބެނީ ބަޓިކް އެއާލައިންއިން މެލޭޝިއާއަށް ދެކޮޅު ޓިކެޓެވެ. ބަޓިކް އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް ކަމަށްވާ ކޮންސިއާޖް ގްެރޫޕް މޯލްޑިވްސްއަކީ ހުޅުމާލެ ރަންގެ ޓްރެވަލް ޕާޓްނަރެވެ.

ނަސީބުވެރިންނަށް ލިބޭ އިނާމުތަކަކީ:

  • އެކަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ހިލޭ

  • އެކަކަށް މެލޭޝިއާގެ ދެ ކޮޅު ޓިކެޓް %50 ޑިސްކައުންޓަކާ އެކު

  • ސެމްސަންގް ކިޔޫލެޑް ޓީވީއެއް

  • ޑެލް ބްރޭންޑްގެ ލެޕްޓޮޮޕެއް

  • ކަރޯކޭ ސިސްޓަމެއް

"ރޭސްތައް ނިމުނީމާ އޮންނާނެ ވަގުތުން ނަސީބުވެރިން ހޮވުން،" ޝަރަފް ބުންޏެވެ.

އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ރޭސްތަކެއް ހުޅުމާލޭގައި މިހާރު ކުރިއަށް ދެ އެވެ. ހުޅުމާލެ ރަން މި އަންނަނީ މީގެ ދެ ހަފުތާ ކުރިން ޓީއެފްޖީގެ 5 ކިލޯމީޓަރަށް ހާއްސަ ރޭހަށް ފަހު އެވެ. މި ރޭސްތަކުގައި ވާދަކުރާ ދުވުންތެރިންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް