22 ޖޫން 2025 - ޖޯޑަންގައި ބާއްވަން އޮތް ޓެނިސް މުބާރާތެއްގައި ބައިވެރިވާން ދިޔަ ރާއްޖޭގެ ޖޫނިއަ އަންހެން ކުޅުންތެރިން ޖޯޑަންގެ ކުޅިވަރުގެ އިސް އޮފިޝަލުންތަކަކާ އެކު (ފޮޓޯ/މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ)

ޓެނިސް

ޖޯޑަންގައި ތާށިވި ރާއްޖޭގެ ޓެނިސް ޓީމު އެނބުރި އަތުވެއްޖެ

ޖޫނިއަ އަންހެން ޓީމު ޖޯޑަންއަށް ދަތުރުކުރީ މި މަހު ބާއްވަން އޮތް މުބާރާތެއްގައި ވާދަކުރަން. އެކަމަކު ހަނގުރާމަ ފެށުމުން މުބާރާތް ވެސް ވަނީ ކެންސަލްކޮށްފައި
22 ޖޫން 2025

ރާއްޖޭގެ ޖޫނިއަ އަންހެން ޓެނިސް ޓީމު ޖޯޑަންއަށް ދަތުރުކުރީ މި މަހު 16ގައި ފަށަން އޮތް ޓެނިސް މުބާރާތެއްގައި ވާދަކުރާށެވެ. ނަމަވެސް ޖޯޑަންއަށް އެ ޓީމު ދިއުމާ އެކު އިޒުރޭލާއި އީރާނުގެ ހަނގުރާމަ ފެށި ހުރިހާ ކަމެއް ބަދަލުވީ އެވެ.

އީރާނުން އިޒުރޭލަށް ފޮނުވާ ބައެއް މިސައިލްތައް ދަނީ ޖޯޑަންގެ މަތިންނެވެ. އެހެންވެ ޖޯޑަންގެ ވައިގެ އުދުހުންތައް ވެސް ގިނަ ވަގުތުތަކުގައި ހުއްޓާލައި، ރޭގަނޑު އޮންނަނީ ކުއްލި ހާލަތުގަ އެވެ.

މި ނުރައްކަލުގެ ތެރޭގައި މުބާރާތް ވެސް ކެންސަލްކުރީ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ދަތުރުކުރި އެއާލައިންގެ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލުމުން ޖޯޑަންއިން އެނބުރި އަންނަން ހުރަސްތައް ކުރިމަތިވި އެވެ.

މިދިއަ ބުރާސްފަތިދުވަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވަނީ ދިވެހި ޓީމާ ބެހޭ ބައެއް މައުލޫމާތު ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އެގޮތުން ޖޯޑަންގެ އޮލިމްޕިކް ކޮމިޓީ އާއި ޓެނިސް ފެޑެރޭޝަންގެ އިސް ބައެއް ބޭފުޅުން ދިވެހި ޓީމު ކައިރިއަށް ކުރި ޒިޔާރަތް ފާހަގަކޮށް ޝުކުރު އަދާކުރި އެވެ.

އިއްޔެ އެ ކުޅުންތެރިން ރާއްޖެ އައީ ޖޯޑަންގެ ގައުމީ އެއާލައިންގެ ފްލައިޓެއްގައި ގަތަރުގެ ދޯހާއަށް ގޮސް ދޯހާ މަގުން ގަތަރު އެއާލައިންސްގަ އެވެ.

ހަނގުރާމައިގެ ސަބަބުން ކުޅުންތެރިންނާއި އެ ކުޅުންތެރިންނާ އެކު ދިޔަ ބެލެނިވެރިންނަށް ވެސް ހާސްކަން ކުރިމަތިވި އެވެ. މައުލޫމާތު ހުރި ބައެއް މީހުން ބުނީ އެންމެ ކަންބޮޑުވީ ރޭގަނޑު މިސައިލްތައް ދާ މަންޒަރު ފެންނާތީ އާއި ޖޯޑަންއިން ނުކުމެވޭނެ ވަގުތެއް ނޭނގުމުން ކަމަށެވެ. އެކަމަކު އޮލިމްޕިކް ކޮމިޓީ އާއި ފޮރިން މިނިސްޓްރީގެ މަސައްކަތުން އެ ފުރުސަތު ޓީމަށް ހޯދައިދިނެވެ.

އީރާނަށް ރޭ އެމެރިކާއިން ހަމަލާ ދިނުމުން ހަނގުރާމަ އިތުރަށް ފުޅާވެ، ނުރައްކާވެދާނެކަމުގެ ބިރު އެބަ އޮތެވެ. މިއަދު ހެނދުނު ޖޯޑަންގެ ވެރިރަށް އައްމާންގައި ދެ ފަހަރަށް ސައިރަން ވެސް އެޅި އެވެ. އެއީ އީރާނުގެ މިސައިލްތަކެއް އިޒުރޭލަށް އަމާޒުކުރުމުންނެވެ.

ޖޯޑަންގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އޮންނަ މިސައިލް އާއި ޑްރޯންތަކަށް ޖޯޑަންގެ ވައިގެ ދިފާއުން ހަމަލާދީ ވައްޓާ ވެސް ލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް