ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާނާއި ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް އެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ތޮއްޑޫގެ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތުގެ ޕާޓްނަރަކަށް ދިރާގު

އަންނަ 19-25 އޮގަސްޓަށް ތޮއްޑޫގައި ބާއްވާ މި މުބާރާތަކީ އެ ރަށުގައި ކުރިއަށްގެންދާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތް
18 ޖޫން 2025

އއ. ތޮއްޑޫގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތް، 'ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް'ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އަންނަ 19-25 އޮގަސްޓަށް ތޮއްޑޫގައި ބާއްވާ މި މުބާރާތަކީ އެ ރަށުގައި ކުރިއަށްގެންދާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތެވެ.

ތަފްސީލް - ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގައި:

  • 20އަށް ވުރެ ގިނަ ގައުމުން 130އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ

  • އޭގެ ތެރޭގައި ޖަރުމަނު، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭ

  • މި މުބާރާތް ބާއްވަނީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް

ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ދިރާގަށް ލިބޭ ފަހުރެކެވެ.

"މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. މިއީ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި، މި މުބާރާތް ތޮއްޑޫގައި ބޭއްވުމަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ތޮއްޑޫ ޕްރޮމޯޓްވެ، އެ ރަށަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.

"ލޯކަލް ޓޫރިޒަމް ކުރިއަރުވައި މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ މިފަދަ ހަރަކާތްތަކަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

އިހާ އެކެޑެމީގެ ފައުންޑަރު އިބްރާހިމް ލަތީފް ފާހަގަކުރެއްވި ގޮތުގައި، މި މުބާރާތަކީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަހަރުތަކެއް ވަންދެން ކުރަމުން ގޮސްފައިވާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ އެވެ.

"މި މުބާރާތް ބޭއްވުމަށް ދިރާގުން ދީފައިވާ ފުރިހަމަ އެއްބާރުލުން އަގުވަޒަންކޮށް، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ އެތުލީޓުން ކުރިއެރުވުމަށް ދިރާގުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މިފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް