ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް، އާމީނިއާ ޔޫތު އޯޕަންގައި ކުޅެނީ

ބެޑްމިންޓަން

އާމީނިއާގެ މުބާރާތުން ލައިބާ ތިން ކެޓެގެރީން ވެސް ޗެމްޕިއަންކަން ހޯދައިފި

އުމުރުން 13 އަހަރުގެ ލައިބާ އަހުމަދު މަހްލޫފް މި މުބާރާތުގައި ދެއްކީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު ކުޅުން
8 ޖޫން 2025

ރާއްޖޭގައި މިހާރު ހުރި ބެޑްމިންޓަންގެ އެންމެ އުއްމީދީ އެއް އަންހެން ކުޅުންތެރިޔާ 13 އަހަރުގެ ލައިބާ އަހުމަދު މަހުލޫފް، އާމީނިއަން ޔޫތު އޯޕަންގެ 13 އަހަރުން ދަށުގެ ހުރިހާ ކެޓެގަރީއަކުން ވެސް މިއަދު ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ މިހާތަނަށް ލައިބާގެ ކެރިއަރުގެ އެންމެ ކާމިޔާބު ނަތީޖާ އެވެ. ބޭރުގެ މިކަހަލަ މުބާރާތެއްގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިޔަކު މިހާތަނަށް މިވަރުގެ ހާސިލްވުމަކާ ހަމައަށް ވާސިލްވެވިފައެއް ވެސް ނުވެ އެވެ.

ޔޫރަޕްގެ ބެޑްމިންޓަން ކަލަންޑަރުގައި ވެސް ހިމެނޭ މި މުބާރާތުގައި ލައިބާ ވާދަކުރި ފައިނަލްތަކުގެ ނަތީޖާއަކީ މި އެވެ:

ސިންގަލްސް ފައިނަލް

  • 15-21 ،21-11 އިން ލައިބާ މޮޅުވީ އެމޭލިއާ ސޮފޮކްލިއަސްއާ ވާދަކޮށްގެން

ސިންގަލްސް ފައިނަލަށް ލައިބާ ދިޔައީ އެ އުމުރު ފުރައިގައި އާމީނިއާގެ އެއްވަނަ ކުޅުންތެރިޔާ ގަޔާނޭ އަވެޓްސިޔަން ބަލިކޮށްފަ އެވެ.

ސައިޕްރަސްގެ 13 އަހަރުން ދަށުގެ އެއް ވަނަ އަންހެން ކުޅުންތެރިޔާގެ މަގާމުގައި ހުރި އެމޭލިއާއަކީ ލައިބާގެ ޑަބަލްސް ޕާޓްނަރު ވެސް މެ އެވެ.

ޑަބަލްސް ފައިނަލް

ލައިބާ އާއި އެމޭލިއާ މެޗެއްގައި ޕޮއިންޓެއް ހޯދުމަށް ފަހު އުފާ ފާޅުކުރަނީ
  • 21-11، 21-11 އިން ލައިބާ އާއި އެމޭލިއާ ސޮފޮކްލިއަސް މޮޅުވީ ޒޮއިއާ ކުޓުޒޮވާ އާއި އަނާ ސާކީސިއަންއާ ކުޅެ

ލައިބާ އާއި މިކްސްޑް ޑަބަލްސްގައި އޭނާގެ ޕާޓްނަރު އެރިކް މެޗެއްގައި ކުޅެނީ

މިކްސްޑް ޑަބަލްސް ފައިނަލް

  • 25-23 ،21-11އިން ލައިބާ އާއި އެރިކް އެލޯޔަން މޮޅުވީ އެންޑްރިއަސް ސްޓްރޮވޮލިޑިސް އާއި އެމޭލިއާ ސޮފޮކްލިއަސް ދެކޮޅަށް ކުޅެގެން

އެރިކްއަކީ އާމީނިއާގެ 13 އަހަރުން ދަށުގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ އެވެ.

މިއީ އެއް މުބާރާތެއްގެ ތިން ކެޓެގަރީއަކުން ލައިބާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ. 

މި މުބާރާތުގައި އާމީނިއާ އާއި ސައިޕްރަސް އާއި ރާއްޖޭގެ އިތުރުން ރަޝިޔާ އާއި ޔުކްރެއިން އަދި ޖޯޖިއާގެ 92 ކުޅުންތެރިން ވާދަކުރި އެވެ.

ލައިބާ ރަން ތިން މެޑެއްޔާ އެކު ދިވެހި ދިދަ ހިފަހައްޓާލައިގެން

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަންނަނީ ބެޑްމިންޓަނަށް މުޅިން ހުސްވެގެން ތަމްރީންތައް ހަދަމުންނެވެ. މިހާތަނަށް އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުން ދައްކައިދެނީ ކުރިމަގުގައި ދިވެހި އަންހެން މުހިންމު ކުޅުންތެރިޔަކަށް ލައިބާ ވާނެކަމެވެ.

މުބާރާތުގެ ޑަބަލްސް އިން ވަނަ ހޯދި ކުޅުންތެރިންނާ އެކު ލައިބާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް