މީގެ ކުރިން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގައި ފިރިހެނުންގެ ކުޅުންތެރިއެއް. (ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން)
ނުފޫޒު ގަދަވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނަށް ބާރު ދެއްކުމުން ރާއްޖެ ސަސްޕެންޑުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަމަލުތަކުގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުމަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން ބީއޭއެމް ސަސްޕެންޑުކޮށްފި އެވެ.
އެނގުން މުހިންމު - ބީޑަބްލިއުއެފްގެ މެމްބަރުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކާއި ކުޅުންތެރިން ބިނާކުރުމުގެ ޕްރޮގްރާމްތަކާއި އެވޯޑުތަކުގެ އިތުރުން ބައިނަލްއަގްވާމީ އެހެނިހެން ޖަމިއްޔާތަކާ ގުޅިގެން ބާއްވާ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
އެ ފެޑެރޭޝަނުން ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑުކުރުމާ އެކު އެ ހުރިހާ ފުރުސަތުތަކެއް، ސަސްޕެންޝަން ދެމިިއޮންނަހާ ހިނދަކު އޮންނާނީ ގެއްލިފަ އެވެ.
ވީ ކިހިނެއް؟ - ބީއޭއެމް ސަސްޕެންޑުކުރިކަން އެންގީ، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ސަމޫހު އަހްމަދުއަށް އެޑްރެސްކޮށް، ބީޑަބްލިއުއެފްގެ ސެކްރެޓަރީ ޖެނެރަލް ތޯމަސް ލުންޑް މިދިޔަ ހުކުރު ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ހަވާލާދީފައިވަނީ 24 އޭޕްރީލް 2025ގައި ސްޕޯޓްސް ކޮމިޝަނަރު ފޮނުވި ސިޓީއަކާއި 11 މެއި 2025ގައި އޮލިމްޕިކް ކޮމިޓީއިން ފޮނުވި ސިޓީއަކާ އެވެ.
ބުނީ ކީކޭ؟ - ބީޑަބްލިއުއެފްގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީއިން ވަނީ ބީއޭއެމްގެ އެތެރޭގެ ހިންގުމަށް ނުފޫޒު ފޯރުވައި، ބީޑަބްލިއުއެފްގެ ގަވާއިދުގެ ފަސް ވަނަ މާއްދާއާ ހިލާފުވެފަ އެވެ.
މައްސަލަ - މިކަން ހިނގަން މެދުވެރިވީ ބީއޭއެމްގެ އިންޓެރިމް ކޮމިޓީއަށް މެމްބަރުން އައްޔަން ކުރުމުގެ ތެރޭގައި ބެޑްމިންޓަން އިސްވެރިންގެ މެދުގައި ދެބަސްވުން އުފެދި، އެކަން ކޮޅެއްގައި ނުޖެހި ދިގުލައިގެންދިއުމެވެ.
އިންޓެރިމް ކޮމިޓީ އެކުލަވައިލާނެ ގޮތާއި ކަންކަން ނިންމާނެ ގޮތާ މެދު މީގެ ކުރިން ބީޑަބްލިއުއެފް އާއި ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީއާ އެއްބަސްވުމަކަށް އޮތީ އާދެވިފަ އެވެ. އެގޮތުން ފުރަތަމަ މަޝްވަރާކުރީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އިންޓެރިމް ކޮމިޓީ އެކުލަވައިލުމަށެވެ.
ނަމަވެސް ފަހުން އޮލިމްޕިކް ކޮމިޓީއިން ވަނީ އިތުރު ދެ މެމްބަރުން (މިނިވަން ގާނޫނީ ވަކީލަކާއި ބެޑްމިންޓަން ކޮމިއުނިޓީ ތަމްސީލުކުރާނެ ފަރާތެއް) އެ ކޮމިޓީގައި ހިމެނުމަށް ބަހުސްކޮށްފަ އެވެ. އެގޮތުން:
-
އޮލިމްޕިކް ކޮމިޓީގެ އެ ހުށަހެޅުމަށް ބީޑަބްލިއުއެފްއިން ތާއީދުކުރީ އިންޓެރިމް ކޮމިޓީއަށް އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން އިތުރު ދެ މެމްބަރުން އައްޔަންކޮށް، ކޮމިޓީގެ މަސައްކަތް ކުރާ ނަމަ
-
އެ ގޮތުގެ މަތިން ފަސް މެމްބަރުންގެ މައްޗަށް ކޮމިޓީ އެކުލަވައިލަން މައްސަލައެއް ނެތް ކަމަށް ބީޑަބްލިއުއެފްއިން ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިންނަށް އެންގި
-
ނަމަވެސް އޮލިމްޕިކް ކޮމިޓީއިން އެ ދެ މެމްބަރުން އައްޔަންކުރީ، އިންޓެރިމް ކޮމިޓީގެ ޗެއާގެ ގޮތުގައި ބަލާ ބީޑަބްލިއުއެފް އާއި އިތުރު މެމްބަރުންގެ ވެސް މަޝްވަރާއާ ނުލައި އަމިއްލައަށް
-
ބޭނުންވާ ދެ މެމްބަރުން އައްޔަންކުރުމަށްފަހު ކޮމިޓީގެ ނިންމުންތައް ނިންމާނީ އަގުލަބިއްޔަތު ވޯޓުގެ އުސޫލުން ކަމަށް އޮލިމްޕިކް ކޮމިޓީއިން ބީޑަބްލިއުއެފްއަށް ވަނީ އަންގާފައި
-
ނަމަވެސް މެމްބަރުން އައްޔަންކުރި ގޮތުން ބީޑަބްލިއުއެފްއިން އެކަމަށް އެއްބަސްނުވި
އެއާ އެކު، އޮލިމްޕިކް ކޮމިޓީއިން ނިންމީ ފަސް މެމްބަރުންގެ އިންޓެރިމް ކޮމިޓީގެ ބަދަލުގައި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ 'އެޑް ހޮކް ކޮމިޓީ'އެއް އެކުލަވާލައިގެން، ބީޑަބްލިއުއެފް އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިން ބައިވެރިނުކޮށް، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހުކޮށް، ހިންގާ ކޮމިޓީގެ އިންތިހާބު ވެސް ބޭއްވުމަށެވެ.
ބީޑަބްލިއުއެފްގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި އެޑް ހޮކް ކޮޮމިޓީއެއް އެކުލަވާލައިގެން އެކަންކަން ކުރަން ނިންމީ ސްޕޯޓްސް ކޮމިޝަނަރެވެ.
ބީޑަބްލިއުފްގެ ނިންމުން
އެ ފެޑެރޭޝަންގެ ގަވަނެންސްއާ ބެހޭ ކޮމިޝަނަކުން އެ މައްސަލަ ބެލުަމށްފަހު ނިންމީ، ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީގެ އަމަލުތަކަކީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ތެރެއަށް ނުފޫޒުފޯރުވުން ކަމަށެވެ.
މިއީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަނުން ކަމަށް ނިންމައި، ބީޑަބްލިއުއެފްއިން ވަނީ ބީއޭއެމް ސަސްޕެންޑުކޮށް، އެ ފެޑެރޭޝަންގެ މެމްބަރުންނަށް ލިބޭ ފައިދާތައް ވެސް އަތުލާފަ އެވެ. އެ ސަސްޕެންޝަން ކަށަވަރު ވާނީ ދެން އެންމެ އަވަހަށް ބާއްވާ ބީޑަބްލިއުއެފްގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ސަސްޕެންޝަން އުވާލަން ބޭނުންވާނަމަ، ބެޑްމިންޓަން އެސޯސިއޭޭޝަންގެ ހިންގުމާ ގުޅޭ ކަންކަން ނިންމުމުގައި އެ އެސޯސިއޭޝަންގެ އިންތިހާބުކޮށްފައިވާ ވެރިންނާ އޮލިމްޕިކް ކޮމިޓީއިން މަޝްވަރާ ކުރަން ޖެހޭނެ އެވެ.
މި ހާލަތު ބަދަލުކުރަން ފެނޭތޯ ބީޑަބްލިއުއެފްއިން ދޭތެރެދޭތެރެއިން ބަލަމުން އަންނާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.