މިދިއަ އަހަރު ބޭއްވި ފުރަތަމަ 'ހުޅުމާލެ ރަން'ގައި ވަނަ ހޯދި ދުވުންތެރިން މެޑެލް އާއި އިނާމާ އެކު
ހުޅުމާލެ ރަންގައި ރަޖިސްޓްރީވެގެން މެލޭޝިއާގެ ދެ ކޮޅު ޓިކެޓް
ޖުލައި މަހު އޮންނަ ހުޅުމާލޭ ރަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި 4 ޖުލައިގައި އޮންނަ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރު އަދި ކުޑަކުދިންގެ އެއް މޭލު ހިމެނޭ 'ހުޅުމާލެ ރަން'ގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ނަގާ ގުރުން ހޮވިއްޖެ ނަމަ ލިބޭ އިނާމުތައް މިހާރު ވަނީ ހާމަކޮށްފަ އެވެ. ރަޖިސްޓްރީވާ މީހުންގެ ތެރެއިން ޖުމްލަ 25 ނަސީބު ނަންބަރު ނަގަ އެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
-
އެކަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓް ހިލޭ
-
އެކަކަށް މެލޭޝިއާގެ ދެ ކޮޅު ޓިކެޓް %50 ޑިސްކައުންޓަކާ އެކު
-
ސެމްސަންގް ކިޔޫލެޑް ޓީވީއެއް
-
ޑެލް ބްރޭންޑްގެ ލެޕްޓޮޮޕެއް
-
ކަރޯކޭ ސިސްޓަމެއް
މެލޭޝިއާއަށް ދާން ޓިކެޓް ދެނީ ބަޓިކް އެއާއިންނެވެ. މި ރޭހުގެ ޓްރެވަލް ޕާޓްނަރަކީ ބަޓިކް އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް ކަމަށްވާ ކޮންސިއާޖް ގްެރޫޕް މޯލްޑިވްސް އެވެ.
"އަޅުގަނޑުމެން ހޮވާ 25 ނަސީބުވެރިންނަށް ތަފާތު އިނާމުތައް ލިބޭނެ،" ހުޅުމާލެ ރަން އިންތިޒާމްކުރާ އެލީޓް ރަނާސް މޯލްޑިވްސްގެ އެއް ފައުންޑަރު އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް ބުންޏެވެ.
މިދިއަ އަހަރު ބާއްވަން ފެށި މި ރޭހުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމަށް ވެސް ޝަރަފް ބުންޏެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށައި އަދި އެތަނަށް ނިންމާ ގޮތަށް އޮންނަ ރޭހުގައި ރަޖިސްޓްރީކުރަން ފީއެއް ނަގަ އެވެ. އެގޮތުން:
-
10 ކިލޯމީޓަރުގެ ރޭސް: 420ރ
-
5 ކިލޯމީޓަރުގެ ރޭސް: 310ރ
-
1 މޭލު ރޭސް (12 އަހަރުން ދަށް): 150ރ
މި ރޭސް ހުޅުވާލާފައި ޖުމްލަ ފަސް ބަޔަކަށެވެ. އެއިން ކޮންމެ ބަޔަކުން ވެސް ދެ ޖިންސްގެ ދުވުންތެރިންގެ މެދުގައި ވަކިން ވަނަ ހޮވައި، ފައިސާގެ އިނާމު ވެސް ލިބޭނެ އެވެ.
ހުޅުމާލެ ރަންގެ ބައިތައް:
-
10 ކިލޯމީޓަރު އޯޕަން
-
10 ކިލޯމީޓަރު، 41 އަހަރުން މަތީގެ މާސްޓާ ކެޓެގަރީ
-
5 ކިލޯމީޓަރު އޯޕަން
-
5 ކިލޯމީޓަރު 5-17 އަހަރާ ދެމެދުގެ ކުދިންނަށް
-
1 މޭލު ރޭސް (12 އަހަރުން ދަށުގެ ކުދިންނަށް)