އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި 13 އޮކްޓޯބަރު 2021 ގައި ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެރުތީ ހިފަހައްޓަން ރާއްޖޭގެ ހުސެއިން ޝިފާއު ޔޫސުފް ވިއްދާފައި: އިންޑިއާ މޮޅުވީ ޗެތުރީ ޖެހި ދެ ލަނޑުން --(ފޮޓޯ/އިމޭޖްސް އެމްވީ)
ޗެތުރީ އަލުން ކުޅެން ނުކުމެއްޖެ، ފުރަތަމަ މެޗު ރާއްޖެއާ ދެކޮޅަށް
އިންޑިއާގެ ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ އުމުރުން 40 އަހަރުގައި އަލުން ގައުމީ ޓީމަށް ކުޅެން ނުކުމެއްޖެ އެވެ. އޭނާގެ ފުރަތަމަ މެޗުގައި ދަނޑަށް އަރާނީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް، ރަހުމަތްތެރިކަމުގެ ވާދަކުރުމެއްގަ އެވެ.
އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޗެތުރީ ގައުމީ ޓީމަށް އަލުން ނެގީ އޭޝިއަން ކަޕްއަށް ކޮލިފައިވާން އިންޑިއާއަށް އޮތް ފުރުސަތު ބޮޑުކަމުން އެކަމުގައި އޭނާގެ އެހީތެރިކަން ހޯދާށެވެ.
އިންޑިއާގެ ކޯޗު މަނޯލޯ މަރްކުއޭޒް ބުނީ ޗެތުރީ އަލުން ކުޅެން ނުތުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރި ކަމަށެވެ.
"އޭޝިއަން ކަޕްއަށް ކޮލިފައިވުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް. އެ މުބާރާތުގެ މުހިންމުކަމާއި ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު އަހަރެން ޗެތުރީއާ ވާހަކަ ދެއްކިން ކުޅުމުގެ ތެރެއަށް އަލުން އެނބުރި އައުމާ ބެހޭ ގޮތުން،" މަރްކުއޭޒް ބުންޏެވެ.
"އޭނާ އައުމަކީ ޓީމު ވަރުގަދަވާނެ ކަމެއް. އޭނާ އެކަމަށް އެއްބަސްވި. އެހެންވެ މިހާރު އޭނާ ޓީމުގައި ހިމަނައިފިން."
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި އިންޑިއާ ކުޅޭނީ މި މަހު 19ގަ އެވެ. އިންޑިއާ ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗު މި މަހު 25ގައި އޮންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭނީ ފިލިޕީންސްއާ އެވެ.
ރާއްޖޭގައި ރަސްމީ ފުޓްބޯޅަ މުބާރާތްތައް ނުބާއްވާތާ ދެވަނަ އަހަރަށް އެޅުނު އިރު މިއީ ގައުމީ ޓީމެއް ބިނާކުރަން އޮތް ގޮންޖެހުމެކެވެ. ނަމަވެސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވާން ރޭ ގައުމީ ޓީމުގެ ޕްރެކްޓިސް، ކޯޗު އަލީ ސުޒެއިންގެ ބެލުމުގެ ދަށުން ވަނީ ފަށައިފަ އެވެ.
ޗެތުރީއަކީ ރާއްޖޭގެ ދިފާއީ ކުޅުންތެރިންނަށް ކުރިމަތިވި ސަރަހައްދީ އެންމެ އުނދަގޫ ފޯވަޑެވެ. ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަަންޝިޕްގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓީ ވެސް، ފަހު މެޗުގައި އިންޑިއާއިން ހޯދި 3-1ގެ ކާމިޔާބީއާ ގުޅިގެންނެވެ. އެ މެޗުގައި ޗެތުރީ ދެ ލަނޑު ޖެހި އެވެ.