ބަންގްލަދޭޝްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު ބައިނަލްއަގުވާމި އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން (ވ) ބަންގްލަދޭޝްގެ އިސާ ފައިސަލް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ
ބަންގްލަދޭޝްގައި އެ ގައުމުގެ މައްޗަށް ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފި
މުޅި އަހަރު ރާއްޖޭގައި މެޗެއް ނުކުޅެ ތިބި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ދިވެހި ގައުމީ ޓީމު އިއްޔެ ބަންގްލަދޭޝްއާ ވާދަކޮށް 1-0 އިން މޮޅުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކުޅެން ހަމަޖެހިފައި އޮތް ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގެ 18 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ބޮލުން ޖެހި ލަނޑުން ބަންގްލަދޭޝް ބަލިކުުރުމަކީ އެ ގައުމުގައި ރާއްޖެއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ.
އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން ކުޅުނު ރާއްޖޭގެ ޓީމުގެ މި މުހިންމު ކާމިޔާބީ ހާއްސަކުރީ މި އަހަރުގެ ޖޫން މަހު ކުއްލި ގޮތަކަށް މަރުވި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑް ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނަށެވެ.
އާރިފް މަރުވީ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައިތާ ހަފުތާއެއްގެ ތެރޭގައި ކުއްލިއަކަށް ބަލިވެ އުޅުމަށް ފަހު އެވެ.
އާރިފަކީ 2018ގައި ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ވެސް މެ އެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައަށް ރާއްޖެ ނުކުތް ފުރަތަމަކޮޅު ބޮޑު ތަފާތަކުން ބަންގްލަދޭޝް ދިޔައީ ރާއްޖެ ބަލިކުރަމުންނެވެ. އެކަމަކު 1993ގައި އެ ގައުމުގައި އޮތް ސާފް ގޭމްސްގައި 0-0ގެ ނަތީޖާ ނުކުތް މެޗަކީ ފުރަތަމަ ފަހަރަށް ރާއްޖެއިން ބަންގްލަދޭޝްއާ އެއްވަރުކުރުމެވެ.
އޭގެ ފަހުން، 2003ގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި، މިދިއަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ހަމައަށް ރާއްޖެއިން އައީ މޮޅުވަމުން ނުވަތަ އެއްވަރުކުރަމުންނެވެ.
ބަންގްލަދޭޝްގައި 2003ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި 1-0 އިން އަދި ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ރާއްޖެ ބަލިވި އެވެ. އޭގެ ފަހުން ރާއްޖެއިން ބަންގްލަދޭޝް އަތުން ބަލިނުވުމުގެ ރެކޯޑް 20 އަހަރު ދެމެހެއްޓި އެވެ. މިދިއަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ކުޅެ ރާއްޖެ ބަލިވީ 3-1އިންނެވެ.
ކޯޗު ސުޒޭން ރާއްޖޭގެ ބައެއް މީޑިއާތަކަށް އިއްޔެ ބުނީ ބަންގްލަދޭޝްގައި އެ ގައުމު ބަލިކުރެވުމަކީ ދިވެހި ފުޓްބޯޅައަށް ތާރީހީ ވަގުތުކޮޅެއް ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގެ ގައުމީ ޓީމު ބަންގްލަދޭޝްއަށް ދަތުރު އެކުރީ މި އަހަރުގެ ތެރޭގައި ރަސްމީ އެއްވެސް މެޗެއް ނުކުޅެ ކަމެވެ. އެފްއޭއެމް ބޮޑު މައްސަލަގަނޑެއްގައި އޮތުމުން ކްލަބް އެއްވެސް މުބާރާތެއް ބޭއްވޭ ވަރެއް ނުވެ އެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ޕްރެކްޓިސް ކުރިއަށް ގެންދެވުނީ ދާދި ފަހުން ކުވޭތުގައި ނިމުނު އޭއެފްސީ ޗެލެންޖް ލީގައި ވާދަކުރި މާޒިޔާގެ ސަބަބުންނެވެ. އެ މުބާރާތަށް މާޒިޔާއިން އައީ ބޭރުގެ ކޯޗަކާއި ބިދޭސީ ކުޅުންތެރިންނާ އެކު ފަރިތަކުރަމުންނެވެ. އެ ނޫން ރަސްމީ އެއްވެސް ތަމްރީނެއް މި އަހަރުގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބިފައެއް ނުވެ އެވެ.
ރަހުމަތްތެރިކަމުގެ ދެ ވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރުދުވަހު އެވެ.
ކޮމެންޓް