އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑާ އެކު ފާތުމަތު ދީމާ އާއި މުހައްމަދު ޝައްފާން، ރައީސް މުހައްމަދު މުއިއްޒު އަދި ކުޅިވަރު މިނިސްޓަރު އަބްދުﷲ ރާފިއުއާ އެކު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދީމާ އާއި ޝައްފާން، ކުޅިވަރު އެވޯޑްސްގެ އެންމެ އަލިގަދަ ތަރިން

ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިއަ އަހަރުގެ އެންމެ މޮޅު ދެ އެތުލީޓުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު
18 އޮކްޓޯބަރު 2024

ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިދިއަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ޓީޓީ ކުޅުންތެރިން ކަމަށްވާ ފާތުމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް ރޭ ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ކުޅިވަރުގެ ބޮޑު ހަފުލާގައި މި ދެ ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ އިތުރުން ދީމާ ވަނީ އެހެން ދެ އެވޯޑެއް ވެސް ހޯދައިފަ އެވެ. އެއީ މިދިއަ އަހަރުގެ އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ މަގާމާއި އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމެވެ.

ދީމާއަކީ 2022ގެ ވެސް އެންމެ މޮޅު އަންހެން އެތުލީޓެވެ.

ދީމާ އާއި ޝައްފާން އެވޯޑްސް ހިފައިގެން ސްޓޭޖުން ފައިބަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޝައްފާން ވަނީ މިދިއަ އަހަރުގެ އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ޓީޓީ ދެ ކުޅުންތެރިންނަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުނީ މިދިއަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ރަން ވަނަތަކާ އެކު އެވެ.

އެ މުބާރާތުގައި ދީމާ ވަނީ ސިންގަލްސް އާއި ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުން ރަން މެޑެލް ހޯދައިފަ އެވެ.

ޝައްފާންގެ ވަނަތަކަކީ ފިރިހެން ސިންގަލްސް އާއި ޑަބަލްސް އަދި ޓީމު އިވެންޓުން ރިހި މެޑެލް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް