ނޭޕާލްގައި 2019 ގައި އޮތް ސާފް ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑެލް ހޯދި ދުވުން ނިންމާލަނީ: މިއީ އެތުލެޓިކްސްގައި ރާއްޖޭގެ އެންމެ ކާމިޔާބު ވަގުތުކޮޅު

ހަސަން ސާއިދު

ސާއިދު އެ ދުވަސް ހަނދާންކޮށްދީފި، ތާރީހީ ކާމިޔާބީއެއް

ރާއްޖޭގެ ތާރީހުގައި ވެސް މިހާ ބާރު އަދި ބޭރުގެ މުބާރާތްތަކުގައި ރާއްޖެ އެހާ މައްޗަށް ގެންގޮސްދިން ދުވުންތެރިޔަކު އުފެދިފައެއް ނުވޭ
3 ޑިސެމްބަރު 2021

މީގެ ދެ އަހަރު ކުރިން 3 ޑިސެމްބަރު 2019 ގައި، ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގެ ދުވާ ޓްރެކަށް ހަސަން ސާއިދު ނުކުތީ ވެސް އުއްމީދާ އެކުގަ އެވެ. އެކަމަކު އެއީ އޭގެ ކުރިން ދިވެހި އެއްވެސް ދުވުންތެރިޔަކަށް، ނުވަތަ އެހެން ކުޅިވަރަކުން ވެސް އަތުވި މަގާމެއް ނޫނެވެ: ސާފް ގޭމްސް އިން ރަން މެޑެލް ހޯދުމެވެ.

ސާއިދުގެ އުއްމީދު ހާސިލްވެއްޖެ ނަމަ އޭނާ ވީހީ، 1.5 ބިލިއަން މީހުންނަށް ވުރެ ބޮޑު ވުރެ އާބާދީއެއް އޮތް މި ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާއަށެވެ. 

އުފާވެރި ވަގުތުކޮޅެކެވެ. ތާރީހީ ވަގުތުކޮޅެކެވެ. ސާފް ގޭމްސްގެ 100 މީޓަރު ދުވުމުގައި ބޮޑު އިންޑިއާ ވެސް، ބޮޑު ޕާކިސްތާނާއި ބަންގްލަދޭޝް ވެސް، އަދި ސްޕްރިންޓްގައި ސަރަހައްދީ ގަދަ ބާރު، ސްރީ ލަންކާ ވެސް ފަހަތަށް ޖައްސާލައިފައި، ސާއިދު ރަން މެޑެލް ހޯދި އެވެ.

އޭނާގެ ބާރު ދުވުން 10:49 ސިކުންތުން ނިންމާލި އިރު ސްރީ ލަންކާގެ ހިމާޝާ އީޝާން ދެ ވަނައަށް ދިޔައީ 10:50 ސިކުންތުންނެވެ. ލޯ މެޑެލް ހޯދި ޕާކިސްތާންގެ އުޒެއިރު ރަހުމާންގެ ވަގުތަކީ 10:71 ސިކުންތެވެ.

ސާފް ގޭމްސްގެ 100 މީޓަރުން ސާއިދު ރަން މެޑެލް ހޯދުމުން އޭރުގެ އޮލިމްޕިކް ކޮމިޓީގެ

މިއީ އެއްގޮތަކަށް ވެސް ކުޑަ ކާމިޔާބީއެއް ނޫނެވެ. އަދި މިއީ އޭގެ ތިން އަހަރު ކުރިން 2016 ގައި، އިންޑިއާގައި އޮތް ސާފް ގޭމްސްގެ 100 އަދި 200 މީޓަރު ދުވުމުން ރިހި މެޑެލް ކާމިޔާބުކުރި ދުވުންތެރިޔާ ނުހުއްޓުވޭނެކަމުގެ ވަރަށް ބޮޑު މިސާލެއް ވެސް މެ އެވެ.

އެ ދެ ދުވުމުން އެ ފަހަރު ސާއިދު ރިހި މެޑެލް ހޯދުމުގެ ކުރިން ސާފް ގޭމްސްގެ ރިހި މެޑެއްޔަކާ ހަމައަށް ދެވުނީ އެންމެ ކުޅިވަރަކުންނެވެ: ކޮލަމްބޯގައި 1991ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅައިންނެވެ. 

  •  ސާފް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑެލް ހޯދުމަށް ފަހު ހަސަން ސާއިދު އެ ކާމިޔާބީގެ އުފާ ފާޅުކުރަނީ
  • ނޭޕާލުގައި 2019ގައި އޮތް ސާފް ގޭމްސްގެ 100 މީޓަރުގެ ރަން މެޑެލް ހިފައިގެން ހަސަން ސާއިދު. އޭނާ ވާތް ފަރާތުގައި ރިހި މެޑެލް ހޯދި ސްރީ ލަންކާގެ ހިމާޝާ އީޝާން އަދި ލޯ މެޑެލް ހޯދި ޕާކިސްތާންގެ އުޒެއިރު ރަހުމާން
  • ސާފް ގޭމްސްގެ 100 މީޓަރު ރޭހުން ރަން މެޑެލް ހޯދުމަށް ފަހު ހަސަން ސާއިދު ގައުމީ ދިދަ ހިފައިގެން: ސާއިދަކީ ރާއްޖޭގައި އުފެދުނު އެންމެ ބާރު އަދި އެންމެ ކާމިޔާބު ދުވުންތެރިޔާ

ސާއިދަކީ އަދިވެސް ރާއްޖޭގެ އެންމެ ބާރު އަދި އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ. އެގޮތުން މިދިއަ މަހު ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ލިބުނީ، 100 ،200 އަދި 400 މީޓަރުން ވެސް ރަން މެޑެލް ހޯދައިގެންނެވެ.

މިއަދު ސާއިދު ވަނީ އެންމެ ދެ ޖުމްލައިން، ކާމިޔާބީގެ ހަނދާންތައް އާކޮށްފަ އެވެ. އޭނާގެ ފޭސްބުކް ޕޭޖްގައި އިނގިރޭސި ބަހުން ލިއުނީ "ދެ އަހަރު ކުރިން މިއަދެވެ." އޭގެ ތިރީގައި އެ ރަން ވަނައިގެ ވާހަކަ އެވެ: "ސައުތު އޭޝިއަން ގޭމްސްގައި މިހާތަނަށް ރާއްޖެއަށް ކާމިޔާބުކުރެވުނު ހަމައެކަނި ރަން މެޑެލް އެވެ."

ރާއްޖެ ފަދަ ކުޑަ ގައުމަކުން އެވަރުގެ ދުވުންތެރިން އުފެދޭނީ ވަރަށް މަދުންނެވެ. މިހާ ހިސާބަށް އެއީ އެންމެ ދުވުންތެރިއެކެވެ: އޭނާގެ ނަމަކީ ހަސަން ސާއިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް