ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ޒެގްރެބް ކޮޅަށް ހަތަރު ލަނޑު ޖެހި އިނގިރޭސި ފޯވަޑް ހެރީ ކޭން ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ
ބަޔާނުން ރެކޯޑެއް، ކޭން އެކަނި ހަތަރު ލަނޑު
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތަކުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ޑައިނަމޯ ޒެގްރެބް 9-2 އިން ބަލިކޮށް ބަޔާން މިޔުނިކުން މުބާރާތުގެ މުޅިން އާ ރެކޯޑެއް ހަދައިފި އެވެ.
އޭގެ ކުރިން ޗެމްޕިއަންސް ލީގުގެެ މެޗެއްގައި ނުވަ ލަނޑު ޖަހާފައެއް ނުވެ އެވެ.
މި ކާމިޔާބީގެ ފަހަތުގައި ހުރި މައިގަނޑު ތަރިއަކީ އިންގްލެންޑްގެ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭން އެވެ. އޭނާ ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ލަނޑު އައީ ޕެނެލްޓީންނެވެ.
ބަޔާނުން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައި އޮއްވާ ދެ ވަނަ ހާފުގައި ނުކުމެ ޒެގްރެބް އިން ދެ ލަނޑު ޖަހައި ނަތީޖާ 3-2 އަށް ބަދަލު ވެސް ކުރި އެވެ. ނަމަވެސް އޭގެ ފަހުން ބަޔާން ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
ރޭގެ ހަތަރު ލަނޑާ އެކު ކޭން ވަނީ އިނގިރޭސި ފުޓްބޯޅަ ތާރީހަށް ވެސް ވަދެފަ އެވެ. އޭނާއަކީ ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާ އެވެ. އޭނާގެ ޖުމްލަ ކަމަށްވާ 33 ލަނޑަކީ އޭގެ ކުރިން ރެކޯޑް އޮތް ވޭން ރޫނީގެ 30 ލަނޑަށް ވުރެ ތިން ލަނޑު ގިނަ އަދަދެެކެވެ.
އޭގެ އިތުރުން 31 އަހަރުގެ ކުޅުންތެރިޔާ ވެފައި ވަނީ މެޗެއްގައި ހަތަރު ލަނޑު ޖެހި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށް ވެސް މެ އެވެ.