މި ފަހަރުގެ ލީގުގައި މިހާތަނަށް ސިޓީ ހަތަރު މެޗު ކުޅުނު އިރު އާލިން ހާލޭންޑް ވަނީ ނުވަ ލަނޑު ޖަހާފައި
ހާލޭންޑްގެ ލަނޑުތަކާ އެކު ސިޓީން %100 ރެކޯޑް ދަމަހައްޓަނީ
މެޗުގެ ފުރަތަމަ މިނިޓްގައި އިދިކޮޅު ޓީމުން ލަނޑެއް ޖެހި ނަމަވެސް ނޫނީ ފަހުކޮޅު ލަނޑެއް ޖެހިކަމުގައި ވިޔަސް މެންޗެސްޓަ ސިޓީ ބަލިކޮށްގެން ދަނޑުން ފޭބުމަކީ މި ވަގުތު ނުފެންނަ މަންޒަރަކަށް މި އޮތީ ވެފަ އެވެ.
މިފަހަރުގެ ޕްރިމިއަ ލީގުގައި މިހާތަނަށް %100ގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ހަމައެކަނި ޓީމަކީ މިދިއަ ހަތަރު އަހަރުގެ ޗެމްޕިއަން ސިޓީ އެވެ. ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ މިނިޓްގައި ބްރެންޓްފޯޑުން ލީޑު ނެގި އެވެ.
ނަމަވެސް ޒުވާން ފޯވަޑް ނުވަތަ ލަނޑު މެޝިން އާލިން ހާލޭންޑް ހުރީ ފޯމްގަ އެވެ. އެހެންކަމުން މާ ގިނަ އިރެއްނުވެ އެއްވަރުކޮށް ލީޑު ވެސް ނަގައިދިނެެވެ.
މި މެޗުން 2-1އިން ސިޓީ މޮޅުވި އިރު ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ހެދުމުގެ ރަނުގެ ފުރުސަތުތަކެއް ވެސް ހާލޭންޑްއަށް ލިބުނެވެ. އޭގެ ތެރެއިން އެއް ބޯޅަ އޭނާ ފޮނުވާލުމުން ޖެހުނީ އަރިމަތީ ދަނޑީގަ އެވެ.
ހަތަރު މެޗުގައި ހާލޭންޑް ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރައިފަ އެވެ.