މިދިއަ ބުރާސްފަތިދުވަހު އޮތް ނެޝަނަލް ޗެމްޕިއަންޝިޕްގެ މީޓަރުގެ ރޭހުން އެއްވަނަ ހޯދި އިބާދުﷲ އާދަމްއާ އެކު ހަސަން ސާއިދު (ކ) -- ފޮޓޯ/އެތުލެޓިކްސް އެސޯސިއޭޝަން

ހަސަން ސާއިދު

އިބާދުﷲއަށް ސާއިދުގެ ނަސޭހަތް: މުހިންމީ ޑިސިޕްލިން އާއި އެކަމާ ގަޔާވެގެން ކުރާ މަސައްކަތް

ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮތް 100 މީޓަރު ރޭހަކުން ބަލިވީ އިބާދުﷲ އާދަމްއާ ވާދަކޮށްގެން
8 ސެޕްޓެމްބަރު 2024

ކޮންމެ މީހެއްގެ ކުޅިވަރުގެ ހަޔާތަށް ވެސް ނާކާމިޔާބީގެ ދުވަސްތައް އަލިވިލޭނެ އެވެ. ރާއްޖޭގައި 10 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަލިކުރެވޭނެ ދުވުންތެރިޔަކު ނެތި ހަސަން ސާއިދު ހޯދަމުން އައި ކާމިޔާބީތަކަށް ފުރަތަމަ ފަހަރަށް މިދިއަ ބުރާސްފަތިދުވަހު ހުރަސްއެޅުނެވެ. ދުވުމުގެ އާ ތަރިއަކީ އިބާދުﷲ އާދަމް އެވެ.

ނެޝަނަލް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ އެއްވަނަ އިބާދުﷲ ހޯދުމާ އެކު ސާއިދުގެ ފަރާތުން ފެނުނީ އޭނާގެ ކާމިޔާބީގައި ދަސްވި ފިލާވަޅުތަކުން ބައެއް ކިޔައިދިން ތަނެވެ. އެގޮތުން ސާއިދުގެ ފޭސްބުކްގައި އިބާދުﷲއަށް މަރުހަބާ ކިޔުމަށް ފަހު ދިނީ ނަސޭހަތެވެ.

"ތިބާ ކުރިއަށް ދާއިރު، މިއަށް ވުރެ ބޮޑެތި ކާމިޔާބީތައް ހޯދަން ހިފަހައްޓަން ޖެހޭ ކަންކަމަކީ ޕްރޮފެޝަނަލިޒަމް އާއި ކުޅިވަރުގެ އަހުލާގާއި ގަޔާވެގެން ދޫނުކޮށް މަސައްކަތްކުރުމެވެ،" އިނގިރޭސި ބަހުން ލިއުނު ޕޯސްޓްގައި ސާއިދު ބުންޏެވެ.

އޭނާ ސިފަކުރި ގޮތުގައި އިބާދުﷲ ކަހަލަ އުއްމީދީ އެތުލީޓުން ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގަށް ވަރަށް ބޭނުންތެރި އެވެ.

"އެ ދަތުރުގައި ކުރިމަތިލާން ޖެހޭ ކޮންމެ މުބާރާތެއް ވެސް އެހާމެ މުހިންމެވެ،" ޕޯސްޓް ނިންމާލަމުން ސާއިދު ލިއުނެވެ.

އުމުރުން 32 އަހަރުގެ ދުވުންތެރިޔާއަށް ގައުމީ މުބާރާތުގެ 100 މީޓަރުން ދެވަނަ ލިބުނަސް އޭނާ ދެން ވާދަކުރި 100 އަދި 400 މީޓަރުގެ ރިލޭއިން ރަން މެޑެލް ހޯދި އެވެ.

ސާއިދަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ. ރާއްޖޭގެ  ފިރިހެނުންގެ 100 ،200 އަދ ި400 މީޓަރުގެ ގައުމީ ރެކޯޑް އަދިވެސް އޮތީ އޭނާގެ އަތުގަ އެވެ.

ސާއިދު ކަހަލަ ތަރިންގެ ފަރާތުން ކުރިމަގުގެ ޒުވާން ދުވުންތެރިންނަށް ދަސްވާނެ އެތައް ފިލާވަޅެއް ހުންނާނެ އެވެ. އޭނާއަށް އެހާ ގިނަ ދުވަހު އެ ފެންވަރުގައި ހިފެހެއްޓުނީ، ޕޯސްޓްގައި އިބާދުﷲއަށް ހަނދާންކޮށްދިން ގޮތަށް، އަޒުމެއްގައި ހުރެވުނީތީ އެވެ. އެ ފެންވަރަށް މަސައްކަތްކުރެވުނީމަ އެވެ. ހަމައެހެން ކުޅިވަރުގެ އަހުލާގު ވެސް ހިފަހައްޓައިގެންނެވެ.

ބުރާސްފަތިދުވަހު ބަލިވިޔަސް ސާއިދުގެ ދުވުން އަދި ނިމުނީ ކަމަށް ބެލެވޭކަށް ނެތެވެ. އަހަރުގެ ފަހުކޮޅު އޮންނަ ގްރޭންޑް ޕްރީގައި ސާއިދާއި، މިދިއަ މަހު ޕެރިސްގައި އޮތް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި އިބާދުﷲގެ ވާދަކުރުމެއް ފެނުން ވަރަށް ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް