އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު މޮޅު އެތުލީޓުންގެ ތައްޓާ އެކު (ފޮޓޯ/އެތުލެޓިކްސް އެސޯސިއޭޝަން)
އިބާދުﷲގެ ތަރި އަރައިފި، މުބާރާތުގެ ރެކޯޑަކާ އެކު އެއްވަނަ
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބާރު އަދި އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު ސްޕްރިންޓް ދުވުންތަކުގައި ކޮންޓްރޯލް ނެގި ފަހުން ދިވެއްސެއްގެ އަތުން، މިދިއަ ބުރާސްފަތިދުވަހުގެ ކުރިން، ބަލިވެފައެއް ނުވެ އެވެ.
ނެޝަނަލް ޗެމްޕިއަންޝިޕްގައި އެ ދުވަހު އޮތް 100 މީޓަރު ފައިނަލްގައި ސާއިދުގެ މައްޗަށް ކާމިޔާބު ހޯދީ މިހާރު އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އިބްދުﷲ އާދަމް އެވެ.
ތާރީހީ އެ ރޭސް އޭނާ ކާމިޔާބުކުރީ 10.59 ސިކުންތުން ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ސާއިދުގެ ވަގުތަކީ 10.69 ސިކުންތެވެ.
ޕެރިހުގައި މިދިއަ މަހު އޮތް އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލްކުރި 23 އަހަރުގެ ދުވުންތެރިޔާގެ މި ކާމިޔާބީއަށް ދެވަނަ ރަން މެޑެލް އިތުރުކުރީ 200 މީޓަރުގެ ރޭސް، މުބާރާތުގެ ރެކޯޑް ވަގުތެއްގައި ނިންމައިގެންނެވެ. އެކަމަކު މި ރޭހުގައި ސާއިދު ނުދުވެ އެވެ.
ގދ. ތިނަދުއަށް އުފަން އިބާދުﷲ ގައުމީ މުބާރާތުގެ ރެކޯޑް ހެދީ 21.69 ސިކުންތުން ނިންމައިގެންނެވެ. ދެވަނައަށް ދިޔަ މުހައްމަދު މިންހާލް ޝާމިންގެ ވަގުތަކީ 22.00 ސިކުންތެވެ. ތިން ވަނަ ހޯދީ 22.17 ސިކުންތުން ނިންމި އަހުމަދު ނަޖުދާން އަބްދުﷲ އެވެ.
މުުބާރާތުގެ ރެކޯޑް ހެދުމާއި ދެ ރަން މެޑެއްޔާ އެކު ފިރިހެން އެއްވަނަ އެތުލީޓުގެ މަގާމު ލިބުނީ، އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް، އިބާދުﷲއަށެވެ.
އަންހެން އެއްވަނަ އެތުލީޓު ފަސޫހާ އަހުމަދު ވަނީ 1500 މީޓަރުން ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާގެ 5:03.51 މިނިޓަކީ މިދިއަ އަހަރުގެ ޑިސެމްބަރު މަހު އޮތް ގްރޭންޑް ޕްރީގައި އޭނާ ހެދި ގައުމީ ރެކޯޑް ކަމަށްވާ 5:04.02 މިނިޓަށް ވުރެ އަވަސް ވަގުތެކެވެ.
އޭގެ އިތުރުން ފަސޫހާ ވަނީ 400 މީޓަރާއި 800 މީޓަރުގެ އަންހެނުންގެ ރޭހުން ވެސް އެއްވަނަ ހޯދައިފަ އެވެ. އެހެންކަމުން ތިން ރަން މެޑެލްއާ އެކު ފަސޫހާ ވެސް އެ ނިންމާލީ އޭނާގެ ހަޔާތުގައި މިހާތަނަށް އެންމެ ކާމިޔާބު މުބާރާތެވެ.