ރޭ ވެސްޓް ހެމް ކޮޅަށް ހެޓްރިކް ހެދުމަށް ފަހު މެންޗެސްޓަ ސިޓީގެ ފޯވަޑް އާލިން ހާލޭންޑް އުފާ ފާޅުކުރަނީ
އެ ހެދީ ދެވަނަ ހެޓްރިކް، ހާލޭންޑް ހުރެ ސިޓީ ބަލިވާނެތަ؟
އާސެނަލް އާއި މެންޗެސްޓަ ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުން އެ މަންޒަރު ބަލާކަށް ބޭނުމެއް ނުވާނެ އެވެ. އެކަމަކު މެންޗެސްޓަ ސިޓީގެ ޒުވާން ފޯވަޑް އާލިން ހާލޭންޑް ނުހުއްޓުވޭ ނަމަ އެ ޓީމު ބަލިކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
ރޭ ވެސްޓް ހެމް ކޮޅަށް އޭނާ ޖެހި ތިން ލަނޑާ އެކު އެ ހެދީ ޖެހިޖެހިގެން ދެ ވަނަ ހެޓްރިކެވެ. މިއީ އާދައިގެ ފޯވަޑެއް ނޫންކަން އެހާ ވަރުން ވެސް އެބަ އެނގެ އެވެ.
ރޭގެ މެޗާ އެކު ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލި އިރު، ހަތަރު އަހަރު ޗެމްޕިއަން މި ވަނީ ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފަ އެވެ.
އެ ތިން މެޗުގައި ހާލޭންޑް ޖެހި ލަނޑުގެ އަދަދު ހަތަކަށް އެރީ އެވެ. މިއީ މިފަހަރުގެ ލީގުގައި މިހާތަނަށް ދެން ލަނޑު ޖެހި ކުޅުންތެރިންނަށް ބަލާ ނަމަ ހަތަރު ލަނޑުގެ ތަފާތު މިންވަރެކެވެ.
މިދިއަ ހަފުތާގައި ހެޓްރިކް ހެދުމުން ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހާލޭންޑްގެ ލަނޑު ޖެހުމުގެ ހުނަރު ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.
"އަހަރެންގެ ހަމަ ނެތް ބުނާނެ އެއްޗެއް ވެސް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
"އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ އެއަށް ވުރެ ވެސް އޭނާ މޮޅުކުރަން އެހީތެރިވުން، ލަނޑު ޖަހަން ބޯޅަ ދިނުން."
މިހާރު ހާލޭންޑް ހުރީ އެހެން ފެންވަރެއްގައި ކަމަށް ގާޑިއޯލާ ގާބޫލުކުރެ އެވެ. އޭގެ މިސާލެއް ދައްކަމުން އޭނާ ބުނީ މުޅި މެޗުގައި އޭނާގެ އަތުން އެންމެ ބޯޅައެއް ވެސް ނުގެއްލޭ ކަމަށެވެ.
ސިޓީގެ ތިން މޮޅު މި އައީ މިދިއަ ދެ ސީޒަންގައި ސިޓީއާ އެންމެ ބޮޑަށް ވާދަކުރި އާސެނަލް އަމިއްލަ ދަނޑުގައި އިއްޔެ ހަވީރު ބްރައިޓަންއާ 1-1 އިން އެއްވަރުވެފައި އޮއްވަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެ ޕޮއިންޓް އުނިވެ، އާސެނަލް އޮތީ ތިން މެޗުން ހަތް ޕޮއިންޓްގަ އެވެ.
ކޮމެންޓް