ޔޫރޯ ކާމިޔާބުކުރުމަށް ފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ
ބޮޑު މުބާރާތެއްގެ ފައިނަލުން އިންގްލެންޑަށް މޮޅުނުވެވޭތާ 58 އަހަރު ވީ އެވެ. މިރޭ ޔޫރޯ މުބާރާތުގެ ފައިނަލުގައި ސްޕެއިން އަތުން 2-1 އިން ބަލިވުމާ އެކު އެ އިންތިޒާރު އިތުރަށް ދިގުދެމިގެން ދިޔައީ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި ނިމުނު ނަމަވެސް، ފަހު ހާފުގައި ތިން ގޯލު ފެނުނެވެ. ދެ ގޯލު ސްޕެއިނުންނެވެ. އިންގްލެންޑަށް އެންމެ ގޯލެކެވެ.
ސްޕެއިންގެ ޒުވާން ދެ ފޯވަޑުން ގުޅިގެން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ފަހު ހާފު ފެށި ގޮތަށެވެ. ލަމީން ޔަމާލްގެ ހިތްގައިމު ޕާހަކުން ލަނޑު ކާމިޔާބުކުރީ ނިކޯ ވިލިއަމްސް އެވެ.
ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ގޮތަށް ކޯލް ޕާމާ ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ސްޕެއިނުން ދެ ވަނަ ފަހަރަށް ލީޑު ނެގީ 90 މިނެޓު ހަމަވާން ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށް މިކޭލް އޮޔަޒަބަލް އެވެ. އޭނާ އޮފްސައިޑު ނުވެ ސަލާމަތްވީ އިންގްލެންޑް ޑިފެންޑަރެއްގެ ކަކުލާ ހެދި އެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ގޯލެއް ނުޖެހި ޔޫރަޕް ފުޓުބޯޅައިގެ ރަސްކަން ލިބުނީ ސްޕެއިނަށެވެ.
މިއީ ސްޕެއިނުން މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މިފަހަރުގެ މޮޅާ އެކު އެންމެ ގިނައިން މުބާރާތް ކާމިޔާބުކުރި ގައުމަކަށް ވެސް ސްޕެއިން ވަނީ ވެފަ އެވެ.
ކޮމެންޓް (1)
ޓެކްނިކަލް އަލީ