ޔޫރޯ 2024ގައި ބެލްޖިއަމް އާއި ސްލޮވާކިއާ ބައްދަލުކުރި މެޗު
ބެލްޖިއަމްގެ ރަން ޖީލުގެ ކުލަ ވެއްޓި އޮފު ވެސް ކެނޑިފައި
ޔޫރޯ 2024ގެ ގްރޫޕް އީގައި ރޭ ސްލޮވާކިއާއިން ބެލްޖިއަމްއާ ދެކޮޅަށް ނުކުތީ ވަކި ކަމަކަށް ހިތު ނިޔަތް ގަނެގެންނެވެ. އެ ޓީމުގެ ކޯޗުގެ ބަހުން ނަމަ މުހިންމީ އެ މެޗުން ބަލިނުވުމެވެ. ނަމަވެސް ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތް ބެލްޖިއަމް، އެއްވެސް މީހަކު ހީނުކުރާ ގޮތަކަށް، ބަލިކޮށް ދަނޑުން ފައިބައިގެން ދިޔައީ ތިން ޕޮއިންޓު ހިފައިގެންނެވެ.
ސްލޮވާކިޔާ މޮޅުވީ 1-0 އެވެ. މެޗު ފެށުނު ގޮތަށް ހީވީ ބެލްޖިއަމް ހަމަ ދެންމެ ދެންމެ ގޯލެއް ޖަހާފާނެ ހެންނެވެ. ނަމަވެސް ހަތް ވަނަ މިނެޓުގައި ގޯލު ޖެހީ ސްލޮވާކިޔާއިންނެވެ. ބެލްޖިއަމްގެ ވިންގަރު ޖެރެމީ ޑޯކޫ ޕްރެޝަރުގައި ހުރެ އަމިއްލަ ޕެނަލްޓީ އޭރިއާ ތެރޭގައި ކުޅުންތެރިއަކަށް ދިން ޕާހެއް ލިބުނީ ސްލޮވާކިއާގެ ކުރިއަށް ކުޅޭ އިވާން ޝްރާންޒްއަށެވެ. އޭނާ ޖެހި ފުރަތަމަ ހަމަލާ ބެލްޖިއަމްގެ ކީޕަރު ހުޝިޔާރު ކަމާ އެކު މަތަކުރި ނަމަވެސް ރީބައުންޑުގައި ދެ ވަނަ ފަހަރަށް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވި އެވެ.
ފަހު ހާފުގައި ބެލްޖިއަމްއަށް ކުރިމަތިވީ އަދި މާ ބޮޑު ހިތްދަތިކަމެކެވެ. ލުކާކޫގެ ދެ ހަމަލާއެއް ސްލޮވާކިއާގެ ގޯލަށް ވަނެވެ. ނަމަވެސް ވީއޭއާރުން ވަނީ އެ ދެ ގޯލު ވެސް ބާތިލުކޮށްފަ އެވެ. ފުރަތަމަ ގޯލު، ލުކާކޫ އޮފްސައިޑު ވެގެންނެވެ. ދެ ވަނަ ގޯލަށް ފުރުސަތު ފަހިކުރުމުގެ ތެރޭގައި އެހެން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެންނެވެ.
"އަހަރެމެންނަށް އެނގޭ ކޮންމެވެސް މެޗަކުން ބަލިވާނެ ކަން. ކަން ދިމާކުރި ގޮތުން މި މެޗަށް މިވީ. ޓީމު އިތުރަށް ރަނގަޅުކުރަން ބުނާނެ މާ ބޮޑު އެއްޗެއް ނެތް. ބައިވަރު ފުރުސަތުތައް ލިބުނު އަދި ގޯލު ޖެހުނު ނަމަ މިއީ ފަސޭހަ މެޗަކަށް ވީސް،" މެޗަށް ފަހު ބެލްޖިއަމްގެ ކޯޗު ޑޮމެނީކޯ ޓެޑެސްކޯ ބުންޏެވެ.
މީގެ ކުރިން ވެސް ޔޫރޯ މުބާރާތްތަކުގައި ހީނުކުރާ ގޮތަށް މެޗުތަކުގެ ނަތީޖާ ނުކުމެފައި އެބަ ހުއްޓެވެ. ނަމަވެސް ފީފާ ރޭންކިންއަށް ބަލައިފި ނަމަ ސްލޮވާކިއާ އަތުން ބެލްޖިއަމް ބަލިވުމަކީ ޔޫރޯގެ ތާރީހުގައި ވެސް މިފަދަ އެންމެ ބޮޑު ސިހުމޭ ބުނެވިދާނެ އެވެ. ސަބަބަކީ ދެ ޓީމުގެ ރޭންކިންގައި ހުރި ފަރަގު ބޮޑުކަމެވެ. ބެލްޖިއަމްއަކީ ދުނިޔޭގެ ތިން ވަނަ އެވެ. ސްލޮވާކިއާ އޮތީ 48 ވަނައިގަ އެވެ.
ޔޫރޯ 2024ގައި ބެލްޖިއަމް ލިބުނީ ރަނެއް ފަދަ ގްރޫޕެކެވެ. ދުނިޔޭގެ ރޭންކިންގެ 20އަށް ވުރެ މަތީ ރޭންކެއްގައި އޮތް އެއްވެސް ޓީމެއް އެ ގްރޫޕުގައި ނެތެވެ. ވަރަށް ފަސޭހަކަމާ އެކު ގަދަ 16 އަށް ދެވެން އޮއްވައި ރޭގެ ނަތީޖާއާ އެކު ކުރަން ޖެހޭ މަސައްކަތް ވަނީ ބޮޑުވެފަ އެވެ. ސުވާލަކީ އެކަން ކުރެވޭނެތޯ ނުވަތަ ނޫންތޯ އެވެ.
މީގެ މަދު އަހަރުތަކެއް ކުރިއަށް ބަލައިފި ނަމަ ބެލްޖިއަމްއަކީ ބޮޑެތި މުބާރާތްތަކުގެ ތަށިތަކަށް ވާދަކުރެވޭ ވަރުގެ ހައިބަތު ހުރި ސްކޮޑެއް އޮތް ޓީމެކެވެ. އެ ޓީމު މަޝްހޫރު ވީ ބެލްޖިއަމްގެ 'ގޯލްޑަން ޖެނެރޭޝަން' ނުވަތަ ރަން ޖީލުގެ ނަމުންނެވެ. ނަމަވެސް ރަން ޖީލަށް ވެސް ބޮޑު އެއްވެސް މުބާރާތެއްގެ ފައިނަލާ ހަމައަށް ބެލްޖިއަމް ގެންދެވިފައެއް ނުވެ އެވެ.
މިހާރު އޮތް ސްކޮޑުގައި އަދިވެސް އެ ރަން ޖީލުގެ ބައެއް ކުޅުންތެރިން އެބަ ތިއްބެވެ. ނަމަވެސް މިހާރު އެ ތިބީ ޕީކު ފަހަނައަޅައި ގޮސް، މުސްކުޅިވާ އަތަށް އަޅާފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ 'ކުލަ ވެއްޓި، އޮފު ކެނޑިފަ' އެވެ. ޓީމުގައި އަދިވެސް އެ ތިބީ، އެ މީހުންގެ ބަދަލުގައި ސްކޮޑަށް ނަގާނެ ވަރުގެ ކުޅުންތެރިން އެ ގައުމުގައި އުފެދިފައި ނެތީމަ އެވެ.