ހޯސޭ މޮރީނިއޯ. އޭނާ ލަފާކުރާ ގޮތުގައި މިފަހަރު ޔޫރޯ ތަށި ނަގާނީ ޕޯޗުގަލް

ޔޫރޯ 2024

ކޮން ސުޕަކޮމްޕިއުޓަރެއް؟ 'ދަ ސްޕެޝަލް ވަން' ލަފާކުރަނީ އިނގިރޭސިން މާޔޫސްވާނެ ކަމަށް

އޮޕްޓާ ސުޕަކޮމްޕިއުޓަރުން ޔޫރޯ މުބާރާތް 10،000 ފަހަރު ސިމިއުލޭޓު ކުރުމަށްފަހު ޗެމްޕިއަނުންނަށް ވާނެ ކަމަށް ލަފާކުރީ އިންގްލެންޑް. އަދި ޕޯޗުގަލް އޮތީ އެ ލިސްޓުގެ ފަސް ވަނައިގައި. ނަމަވެސް މޮރީނިއޯ ބުނަނީ ފައިނަލުގައި ޕޯޗުގަލް އަތުން އިނގިރޭސިން ބަލިވާނެ ކަމަށް
15 ޖޫން 2024

މީގެ 20 އަހަރު ކުރިން ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ދިން ފުރަތަމަ ބަސްދީގަތުމުގައި ހޯސޭ މޮރީނިއޯ، އޭނާއަކީ 'ސްޕެޝަލް ވަން' ނުވަތަ ހާއްސަ މީހެއްކަން ދުނިޔެއަށް އިއުލާންކުރި އެވެ. ކޯޗިން ހަޔާތުގައި އޭނާގެ ކާމިޔާބީތަކަށް ފަހު ގިނަ މީހުން މިއަދު އެކަމާ ދެކޮޅެއް ވެސް ނުހަދާނެ އެވެ. އާދައިގެ ޓީމުތަކާއި ސްކޮޑުތައް ގޮވައިގެން އޭނާ ވަނީ ޔޫރަޕުގެ އެންމެ ފަހުރުވެރި މުބާރާތްތަކުގެ ރަން ވަނަތައް ހޯދާފަ އެވެ.

މިފަހުން ތުރުކީގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފެނަބާޗޭގެ ކޯޗުކަމާ ހަވާލުވި ނަމަވެސް މިވަގުތު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރޭ ފެށި ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ 2024 މުބާރާތަށެވެ. އަދި އެ މުބާރާތާ ބެހޭގޮތުން އޭނާ ލަފާކުރާ ގޮތް މިފަހުން ހިއްސާކުރި އިރު، ލަފާކުރުންތައް ހުރީ ވަރަށް ތަފާތުކޮށެވެ.

'ދަ ސްޕެޝަލް ވަން'ގެ ގޮތުގައި މަޝްހޫރު މޮރީނިއޯ

އިނގިރޭސި ކުޅިވަރު ޗެނަލް ޓީއެންޓީ ސްޕޯޓްސްއާ ވާހަކަދައްކަމުން މޮރީނިއޯ ވަނީ އޭނާގެ ތަޖުރިބާގެ އަލީގައި މިފަހަރުގެ ޔޫރޯ މުބާރާތުގެ ޗެމްޕިއަން ޓީމާއި ބައެއް އެހެން ކަންކަން ހިއްސާކޮށްފަ އެވެ.

މޮރީނިއޯ ލަފާކުރާ ގޮތުގައި މިފަހަރު ތަށި އުފުލާލާނީ އޭނާގެ އުފަން ގައުމު ޕޯޗުގަލްއިންނެވެ. މިއީ ގިނަ ބެލުންތެރިންނާއި ސުޕަކޮމްޕިއުޓަރުގެ ލަފާކުރުންތަކާ ވެސް މުޅިން ތަފާތު ލަފައެކެވެ.

އޮޕްޓާ ސުޕަކޮމްޕިއުޓަރުން ޔޫރޯ 2024 10،000 ފަހަރު ސިމިއުލޭޓު ކުރުމަށްފަހު ޗެމްޕިއަން ޓީމަށް ވާނެ ކަމަށް ލަފާކުރީ އިނގިރޭސިންނެވެ. އެއާ އެންމެ ކައިރި ކުރާނެ ކަމަށް ވަނީ ފްރާންސް އެވެ. ޕޯޗުގަލް އޮތީ ޖަރުމަނާއި ސްޕެއިން އަށްވުރެ ވެސް ފަހަތުން ފަސް ވަނައިގަ އެވެ.

އޮޕްޓާ ސުޕަކޮމްޕިއުޓަރުން ޔޫރޯ 2024އަށް ލަފާކުރާ ގޮތް

މޮރީނިއޯ ބުނާ ގޮތުގައި މިފަހަރު ވެސް އިނގިރޭސިން ފައިނަލަށް ދަތުރުކުރާނެ އެވެ. ނަމަވެސް ފައިނަލްގައި ޕޯޗުގަލްއާ ޖެހި، އިނގިރޭސިންނަށް އޮތީ މާޔޫސްކަމެވެ.

އެހެން ނަމަވެސް ކުޅުންތެރިންނަށް ލިބޭ ވަނަތަކުގައި އިނގިރޭސި ކުޅުންތެރިން ވިދާލާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

މޮރީނިއޯގެ ލަފާކުރުންތައް

  • ޗެމްޕިއަން - ޕޯޗުގަލް

  • ރަނަރަޕް - އިންގްލެންޑް

  • ސަޕްރައިޒް ވިނާ - ޕޯޗުގަލް، އިންގްލެންޑް އަދި ފްރާންސް ނޫން ކޮންމެ ބައެއް

  • ރަން ބޯޓު - ހެރީ ކޭން

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ - ޖޫޑް ބެލިންހަމް

މޮރީނިއޯ ޓީއެންޓީ ސްޕޯޓްސްއަށް އިންޓަވިއުއެއް ދެނީ.

މިއަހަރު ބެލޮން ޑޯ ނަގާނެ ކަމަށް މޮރީނިއޯއަށް ފެންނަނީ ކޮން ކުޅުންތެރިއެއްތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެއީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ވިނީޝަސް ޖޫނިއާ ކަމަށެވެ.

ޕޯޗުގަލް ޔޫރޯ މުބާރާތް ކާމިޔާބުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2016ގައި ފްރާންސް ބަލިކުރުމަށްފަހު އެވެ. އިނގިރޭސިންނަށް އަދި މިހާތަނަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނެތެވެ. ތަށްޓާ އެންމެ ގާތްކުރި އެންމެ ފަހުން ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ފައިނަލުގައި އިޓަލީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް