މަރިޔަމް ރޫޔާ އަލީ: އަންހެނުންގެ 100 މީޓަރު 12 ސިކުންތަށް ވުރެ އަވަހަށް ދުވި ރާއްޖޭގެ ފުރަތަމަ އެތުލީޓު
ރޫޔާ، ދުވުމުގައި ދިވެހި އަންހެނުންގެ ތާރީހު ބަދަލުކޮށްލައިފި
އިއްޔެ ޖެމެއިކާގައި އޮތް ރޭހެއްގައި އަންހެނުންގެ 100 މީޓަރު 11:87 ސިކުންތުން ނިންމުމާ އެކު މަރިޔަމް ރޫޔާ އަލީ ތާރީހުގެ ތެރެއަށް އެ ވަނީ، މިހާތަނަށް 100 މީޓަރު 12 ސިކުންތަށް ވުރެ އަަވަހަށް ދުވި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިޔާގެ ގޮތުގަ އެވެ.
މިއީ ހަމައެކަނި އުމުރުން 18 އަހަރުގެ ދުވުންތެރިޔާގެ ކުރިމަގާ މެދު އާ އުއްމީދުތަކެއް ގެެނެސްދިން ކާމިޔާބީއެއް ނޫނެވެ. މިއީ މި ސަރަހައްދުން މެޑެއްޔެއް ހޯދުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ހުޅުވުނު ކުރިއެރުމެކެވެ.
ރޫޔާ ވަނީ މި މަހު ހަތަރު ވަނަ ދުވަހު އޮތް ރޭހެއްގައި 100 މީޓަރު 12:02 ސިކުންތުން ދުވެ، އޭރު އޮތް ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އެހެންކަމުން މިއީ ދެ ހަފުތާ ތެރޭގައި އެ ރެކޯޑް އޭނާ އަތުލި ދެވަނަ ފަހަރެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ ރޫޔާގެ އާ ރެކޯޑަކީ އެސޯސިއޭޝަނުން ވެސް ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
"އެސޯސިއޭޝަނުން ކުރިން ބޭނުންވީ ގައުމީ ރެކޯޑް އާކުރަން. އެކަން ވުމުން ދެން ބެލީ 12 ސިކުންތަށް ވުރެ އަވަހަށް ދުވާނެ ދުވުންތެރިން އުފެއްދޭތޯ. ރޫޔާ އެ ފުރިހަމަކުރީ އެ އުއްމީދުތައް،" މުންތަގިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަންހެން ދުވުންތެރިޔާ ކަމަށް ބެލެވޭ ސަމްހާ އަހުމަދު 2001ގައި ހެދި 12:27 ސިކުންތުގެ ގައުމީ ރެކޯޑް މުގުރާލެވުނީ 21 އަހަރު ފަހުން 2022ގައި އޮތް ކޮމަންވެލްތު ގޭމްސްގައި އައިޝަތު ހިމްނާ ހަސަން 12:17 ސިކުންތުން ދުވެގެންނެވެ.
ރޫޔާގެ އާ ރެކޯޑަށް ބަލާއިރު އޭނާ އެހުރީ ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ސާފް ގޭމްސްގައި މެޑެއްޔެއް ހޯދޭ ފެންވަރުގަ އެވެ. އެންމެ ފަހުން 2019ގައި ނޭޕާލުގައި އޮތް ސާފް ގޭމްސްގެ އަންހެން 100 މީޓަރުން ތިން މެޑެލް ކާމިޔާބުކޮށްފައި ހުރީ 11:80 ،11:82 އަދި 11:84 ސިކުންތުން ދުވެގެންނެވެ.
މިވަގުތު ސަރަހައްދުގެ އެންމެ ބާރު އަންހެން ދުވުންތެރިޔަކީ އިންޑިއާގެ ގިރިދަރަނި ރަވީކުމާރެވެ. މިދިއަ އަހަރު އޭނާ ވަނީ 100 މީޓަރު 11:36 ސިކުންތުން ދުވެފަ އެވެ. ސްރީ ލަންކާގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ބަޓުވަނަގޭ މެދާނީ 2022ގައި އެންމެ ބާރަށް ދުވެފައި ވަނީ 11:79 ސިކުންތެވެ.
ރޫޔާގެ މިހާރު އޮތް އެންމެ ބޮޑު އުއްމީދަކަށް ވާނީ ޖުލައި މަހު ފްރާންސްގައި އޮންނަ އޮލިމްޕިކް ގޭމްސްގައި ދުވުމެވެ. އެކަމަކު އެތުލެޓިކްސްއިން ރާއްޖެއަށް ލިބޭ ހަމައެކަނި ފުރުސަތަށް ހޮވޭ އެތުލީޓުގެ ނަން އެސޯސިއޭޝަނަކުން އަދި ހާމައެއްނުކުރެ އެވެ. އެ ފުރުސަތު ލިބޭނީ ދުނިޔޭގެ ރޭންކިންގައި އެންމެ ކުރީގައި އުޅޭ ދުވުންތެރިޔަކަށެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި މި ވަގުތު އޮލިމްޕިކްސްގެ ޖާގައަށް ރާއްޖެއިން ފުރުސަތު ބޮޑީ ރޫޔާގެ އިތުރުން އުއްމީދީ ފިރިހެން ދުވުންތެރިޔާ އިބާދުﷲ އާދަމް އެވެ. އިއްޔެ ރޫޔާ ރެކޯޑް ހެދި ރޭހުގެ ފިރިހެން ބައިގައި ދުވެ އިބާދުﷲ ނިންމީ 10:50 ސިކުންތުންނެވެ.