ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އިޓަލީގެ އެޓަލާންޓާގެ ކުޅުންތެރިން ތައްޓާ އެކު އުފާ ފާޅުކުރަނީ

ޔޫރޮޕާ ލީގު

ރޭގެ ޔޫރޮޕާ ލީގުގެ ފައިނަލްއާ ގުޅިފައި ހުރި އާދަޔާ ހިލާފު ކަންކަން

މިއީ ޒަބީ އޮލޮންސޯގެ ކޯޗުކަމުގައި މި ސީޒަންގައި ބަލިވެފައި ނުވާ ބަޔާ ލެވަކޫސަންގެ ފުރަތަމަ ބަލި. ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ހެދި ހަވަނަ ހެޓްރިކް. އެޓަލާންޓާގެ ފުރަތަމަ ޔޫރަޕްގެ ތަށި
23 މޭ 2024

އަޔަލެންޑްގެ ވެރިރަށުގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލްގައި ޖަރުމަންގެ ޗެމްޕިއަން ބަޔާ ލެވަކޫސަން 3-0 އިން ބަލިކޮށް އިޓަލީގެ އެޓަލާންޓާ ތަށި ހޯދި އިރު މި މެޗާ ތާރީހީ ގޮތުން ގުޅޭ ހަތަރު ކަމެއް އެބަ އޮތެވެ.

ފުރަތަމަ ކަމަކީ މިއީ ކްލަބްގެ މުޅި ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ޖަރުމަން ލީގު ކާމިޔާބުކުރި ލަވަކޫސަން ބަލިނުވެ 51 މެޗު ކުޅުމަށް ފަހު ބަލިވި ފުރަތަމަ މެޗަށް ވުމެވެ. މިދިއަ އަހަރުގެ 27 މެއިން ފެށިގެން ރެއާ ހަމައަށް ލަވަކޫސަން އެއްވެސް މެޗެއްގައި ބަލިނުވެ 361 ދުވަސް ހަމަކުރި އެވެ. 

މެޗާ ގުޅޭ އަނެއް ހައިރާންކަމަކީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އަޑެމޮލާ ލުކްމަން އެވެ. މިއީ ޔޫރަޕްގެ ފައިނަލް މެޗެއްގައި ހެޓްރިކް ހެދި ހަވަނަ ކުޅުންތެރިޔާ އެވެ. ރޭގެ ކުރިން އެންމެ ފަހުން ހެޓްރިކް ހެދީ 1975ގެ ޔުއެފާ ކަޕް ފައިނަލްގަ އެވެ.

އެޓަލާންޓާގެ ތިން ލަނޑު ވެސް ޖެހި އަޑެމޮލާ ލުކްމަން އުފުއްލާލައިގެން: މިއީ 1975ގެ ފަހުން ޔޫރަޕްގެ ފައިނަލެއްގައި ހެދި ފުރަތަމަ ހެޓްރިކް

އިނގިރޭސި ވިލާތަށް އުފަން އަދި ކުރިން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު އެކަމަކު މިހާރު ނައިޖީރިޔާ ތަމްސީލްކުރަމުން އަންނަ އަރިމަތިން ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިޔާގެ ހަޔާތުގައި ވެސް މި ގޮތަށް ހެޓްރިކެއް އަދި ނުހެދެ އެވެ. އޭގެ އިތުރުން އިޓަލީގެ ލީގަށް ބަދަލުވުމުގެ ކުރިން އިނގިރޭސި ލީގުގެ އެކި ފަންތި އާއި ޖަރުމަން ލީގުގައި ކުޅުނު އިރު އެންމެ ސީޒަނެއްގައި ވެސް ދެ އަދަދު ހަމަވާ ވަރަށް ލަނޑު ޖަހާފައެއް ނުވެ އެވެ. އެކަމަކު އެޓަލާންޓާގައި ދެ ސީޒަންގައި ވެސް އޭނާ ވަނީ 15 ލަނޑު ޖަހައިފަ އެވެ.

ރޭގެ ފައިނަލްއާ ގުޅުން ހުރި ތިން ވަނަ ބޮޑު ކަމަކީ އެޓަލާންޓާ ޗެމްޕިއަންކަން ހޯދުމެވެ. މިއީ އެ ޓީމުގެ 116 އަހަރުގެ ތާރީހުގައި ކާމިޔާބުކުރެވުނު ދެވަނަ ތައްޓެވެ. އަދި 1963ގައި ކޮޕާ އިޓާލިއާ ކާމިޔާބުކުރި ފަހުން ކްލަބްގެ ހަރުގަނޑަށް ވެއްދުނު ފުރަތަމަ ތަށި ވެސް މެ އެވެ.

ހަތަރު ވަނަ ކަމަކީ އެޓަލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގަސްޕެރިނީ އެވެ. މިއީ އުމުރުން 66 އަހަރުގެ ކޯޗަށް ލިބުނު ފުރަތަމަ ތަށި ވެސް މެ އެވެ. އެޓަލާންޓާއާ 2016ގައި ހަވާލުވެ ތިން ފަހަރަށް ކޮޕާ އިޓާލިއާގެ ފައިނަލްގައި ކުޅެ ބަލިވި އެވެ. އެންމެ ފަހު ބަލިވުން ކުރިމަތިވީ މިދިއަ ހަފުތާގައި ޔުއެންޓަސް އަތުންނެވެ.

އެޓަލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގަސްޕެރިނީ ތަށި ހިފައިގެން

"މިއީ އިޓަލީއަށް ބަދުނަސީބަކަށް ވެފައި އޮތް ތައްޓެއް. އެހެންވެ އަހަރެން ވަރަށް ފަހުރުވެރިވޭ މި ކާމިޔާބީއާ މެދު،" މެޗަށް ފަހު ގަސްޕެރިނީ ބުންޏެވެ.

"ހާއްސަކޮށް އެޓަލާންޓާއާ އެކު މި ތަށި ހޯދުމަކީ އާދަޔާ ހިލާފު ވާހަކައެއްކަން ޔަގީން."

ލެވަކޫސަންގެ ކޯޗު އަދި ކުރީގެ ސްޕެއިން އާއި ބޮޑެތި ކްލަބްތަކުގެ ތަރި އޮލޮންސޯ ބުނީ ބަލިވުމަކީ ކޮންމެވެސް ދުވަހަކުން ކުރިމަތިވާނެ ކަމެއް ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ފައިނަލެއްގައި ބަލިވުމަކީ ވަރަށް ބޮޑު ވޭނެއް ކަމަށް ބުންޏެވެ.

މި ސީޒަންގައި އޭނާގެ ޓީމުން ދައްކަމުން އަންނަ އާދަޔާ ހިލާފު ކުޅުމާއި ހިތްވަރަށް ކުޅުންތެރިންނަށް އޭނާ ޝުކުރުއަދާކުރި އެވެ. ތައުރީފް ވެސް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް