ސަމްހާ އަހުމަދު ޖަރުމަންގައި ތަމްރީން ހަދަނީ: އަންހެނުންގެ ދިގު ދުވުމުގެ ހުރިހާ ރެކޯޑެއް އޮތީ އޭނާގެ އަތުގައި

ސަމްހާ އަހުމަދު

ބަލާބަލަ، މި އޮތް ކަމެއް! ހައިރާނެއް ނުވާނެ!

ސަމްހާ އަހުމަދު މީގެ 23 އަހަރު ކުރިން ހެދި 100 މީޓަރުގެ ރެކޯޑް މުގުރާލާނެ ޒުވާން ދުވުންތެރިން އުފެދުނީ ކިރިޔާ. އެކަމަކު މިހާރު އޭނާ ދުއްވައިގަތީ ދިގު ދުވުންތަކުގައި. އަތުލެވޭނެ މީހަކު އަދި ނެތް

މިދިއަ ހޮނިހިރުދުވަހު ޖެމެއިކާ އާއި ޖަރުމަންގައި އަންހެން ދުވުމުން ގައުމީ ދެ ރެކޯޑެއް ހެދި އެވެ. ޖެމެއިކާގައި ދުވުމުގެ އަންހެން ޒުވާން ތަރި މަރިޔަމް ރޫޔާ އަލީ 100 މީޓަރުގެ ދުވުމުން ގައުމީ ރެކޯޑް ހެދީ 12:02 ސިކުންތުން ނިންމައިގެންނެވެ.

ޖަރުމަންގައި އޮތް ދިގު ދުވުމުގައި 5000 މީޓަރުން ގައުމީ ރެކޯޑް ސަމްހާ އަހުމަދު ހެދީ 19:41.86 މިނިޓުން ދުވެގެންނެވެ. މިއީ މިދިއަ މަހު 17ގައި ޖަރުމަންގެ އެހެން ރޭހެއްގައި 5000 މީޓަރު ދުވެ 19:42.45 މިނިޓުން އޭނާ ހެދި ގައުމީ ރެކޯޑް ގާތްގަނޑަކަށް ސިކުންތަކުން އަވަސްކުރުމެވެ.

ދުވުމުގައި ސިކުންތަކީ ވެސް ބޮޑު ތަފާތެކެވެ.

ދުވުމުގެ ޒުވާން ތަރި މަރިޔަމް ރޫޔާ އަލީ: އޭނާ ވަނީ ޖެމެއިކާގައި އޮތް ރޭހެއްގައި ދުވެ 100 މީޓަރުން ގައުމީ ރެކޯޑް ހަދާފައި

ހައިރާންވާން ޖެހޭ ކަމަކީ 100 މީޓަރުގެ ގައުމީ ރެކޯޑާ ހަމައަށް ދުވެވޭނެ ދުވުންތެރިން މިހާރު ފެންނަން ފެށި އިރު އެ ދުވުމުގެ ރެކޯޑް 21 އަހަރު ވަންދެން އޮތީ ސަމްހާ، 42، އަތުގައި ކަމަށް ވެފައި، މިހާރު އޭނާ ދިގު ދުވުންތަކުން ގައުމީ ރެކޯޑް ހަދަމުން އަންނާތީ އެވެ. މިއީ ދުނިޔޭގައި ވެސް އަދި ނުފެންނަ މަންޒަރެކެވެ.

ސަމްހާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން އެއް ސްޕްރިންޓް ދުވުންތެރިޔާކަމާ މެދު ޝައްކެއް ނެތެވެ. އޭނާގެ ތަރި 1990ގެ އަހަރުތަކުގެ ފަހުކޮޅު، އަމީނިއްޔާގެ ސްޕޯޓްސް މީޓްގައި އަރަން ފެށުމާ އެކު އޭނާ އަތުލެވޭނެ އަންހެން އެހެން ދުވުންތެރިޔަކު، އޮގަސްޓް 2022އާ ހަމައަށް ރާއްޖެއަކުން ނުފެނުނެވެ. އެއީ 2001 އިން ފެށިގެން ސަމްހާގެ އަތުގައި އޮތް 12:27 ސިކުންތުގެ ގައުމީ ރެކޯޑް 12:17 ސިކުންތުން ނިންމައިގެން އާއިޝަތު ހިމްނާ އުފާ ހޯދި މަހެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ދުވުންތެރިޔަކު 11 ސިކުންތުން 100 މީޓަރުގެ ދުވުން ދުވެވޭނެކަމުގެ އުއްމީދު ރޫޔާ މިވަނީ އުފައްދަައިދީފަ އެވެ. އެހެންކަމުން މިއީ އަނެއްކާވެސް އަންހެން ބާރު ދުވުންތެރިންތަކެއް އުފެދޭ ދުވަސްވަރެއް ކަމަށް ބަލަމާ ހިނގާށެވެ.

ސަމްހާ އަހުމަދު، އަމީނިއްޔާގެ ސްޕޯޓްސް މީޓްގައި ދުވަނީ. އޭރު ވެސް އޭނާ އަތުލެވޭނެ ދުވުންތެރިޔަކު ނުފެނޭ

ޒުވާން ދުންތެރިންނަށް ހިތްވަރުދިނުމާ އެކު ސަމްހާގެ މި އާދަޔާ ހިލާފު ކުރިއެރުމަކީ އޭނާއަށް ގައުމީ އިނާމު ވެސް ހައްގުވާ ކަހަލަ ކާމިޔާބީއެކެވެ. ރާއްޖޭގެ ފެންވަރަށް ބަލާ ނަމަ 5000 މީޓަރުގެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ނިންމޭވަރުގެ އަންހެން ދުވުންތެރިން، ސެޕްޓެމްބަރު 2022ގައި އޮތް ގައުމީ މުބާރާތާ ހަމައަށް، އުފެދިފައެއް ނުވެ އެވެ. އެ މުބާރާތުގައި އައިމިނަތު ޖައިޝާ ޖުނީޒް 5000 މީޓަރުގެ ދުވުން 19 މިނެޓާއި 43.09 ސިކުންތުން ނިންމި އެވެ.

މިދިއަ މަހު 17 ވަނަ ދުވަހު ސަމްހާ ފުރަތަމަ މުގުރާލީ ޖައިޝާގެ އެ ރެކޯޑެވެ. އަދި މިދިއަ ހޮނިހިރުދުވަހު އޭނާ އާކުރީ އަމިއްލަ ރެކޯޑެވެ.

މިއީ ދިގު ދުވުމުގައި ސަމްހާގެ ހަމައެކަނި ގައުމީ ރެކޯޑެއް ނޫނެވެ. މެރެތަން އާއި ހާފު މެރެތަން އާއި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 10000 މީޓަރުގެ ގައުމީ ރެކޯޑް ވެސް އޮތީ، ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާގެ އަތުގަ އެވެ.

އޭނާގެ ކޯޗަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރެތަން ދުވި ނަސްރުﷲ އަހުމަދެވެ. ޖަރުމަންގައި ތަމްރީން ހަދަނީ ނަސްރުގެ އިރުޝާދުގެ ދަށުން، އޭނާ ދޭ ޕްރޮގްރާމްތަކެވެ.

އިއްޔެ ސަމްހާ ލިއުނު ފޭސްބުކް ޕޯސްޓްގައި ބުނީ ނަސްރަކީ 'އޭނާއަށް ލިބުނު އެންމެ ރަނގަޅު ކޯޗު' ކަމަށެވެ.

ސަމްހާ އޭނާގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)އާ އެކު މާލޭގެ ދުވާ ޓްރެކްގައި

"ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީން ލިބުމަކީ އަހަންނަށް ޝަރަފެކެވެ. 'ތިކަން ވާނެއޭ' ބުނެ ކޯޗު އަހަރެން ކައިރީގައި އަބަދު ބުނާ ވާހަކަ ހަނދާން އެބަ ހުއްޓެވެ."

ސަމްހާގެ އުއްމީދުތަކަށް ނިމުމެއް ނެތެވެ. ފުރާ އުމުރުގެ ފިރިހެން ދެ ކުދިންނާއި ފަސް އަހަރުގެ އަންހެން ދަރިފުޅު ބަލަމުން އަންނަ މަންމަ މިހާރު ވެސް އޮތީ ތިން ލަނޑުދަނޑިއެއް ކަނޑައަޅައިފަ އެވެ. އެއީ 800 ،1500 އަދި 3000 މީޓަރުން ގައުމީ ރެކޯޑް ހެދުމެވެ.

ސަމްހާގެ ރެކޯޑްތައް މުގުރާލަން އަނެއް 21 އަހަރު ނުނަގައިފިއްޔާ ރަނގަޅެވެ. އެއަށް ވުރެ ކުރިން ސަމްހާ ކަހަލަ އަންހެން ދުވުންތެރިން އުފެއްދުމަކީ، ކޯޗުންނާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ޒިންމާއެކެވެ.

އެކަމަކު މިހާ ހިސާބުން ވެސް ސަމްހާއަށް އައްސަރިބަހާއި ސާބަސް ނުދީ ފަރުޖެއްސޭކަށް ނެތެވެ. ތިޔައީ ހަމަ އަޖައިބެއް ކަހަލަ ދިވެހި ދަރިއެކެވެ.

ކޮމެންޓް (2)

profile-image-placeholder

މަގޭ ހުސޭނު

6 މޭ 2024
އޭ މަބުނީ އެއޮތް އުޅޭ ޕީޖީ ޝަމީމް ނުހަދާތަ ދުވުމުން ރެކޯޑެއް. އުޅޭ ގޮތުން ހީވަނީ އޭނާއަކީ ދުވުމުގެ ރެކޯޑް ބްރޭކާރއެއްހެން.

ތެފައާސާ.

8 މޭ 2024
@މަގޭ ހުސޭނު ޖޭ ވީ އޭ ދޯ؟ މަގޭ ހުސޭނުވެސް ނިކަން ނިކުމެ ދުވެލައި އުޅެލަބަލަ، އަބަދު ތިޔަހެން ފިލައި ނޫހަށް ކޮމެންޓު ލިޔަން ނީނދެ!!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް