ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ އާ ރައީސް މުހައްމަދު ލަތީފާއި އާ އެގްޒެކްޓިވް ކޮމިޓީގެ ބައެއް މެމްބަރުން

ވޮލީ އެސޯސިއޭޝަނާ ގުޅިފައި އޮތް 'ތެޅުން' އާ އިންތިހާބާ އެކު މި ވަގުތަށް ހައްލުވެއްޖެ

އާ ރައީސަކަށް ހޮވުނީ ކުރީގެ ރައީސް މުހައްމަދު ލަތީފު. އޭނާ ނޫން އެހެން ކެންޑިޑޭޓަކު އެ މަގާމަށް ކުރިމައްޗެއް ވެސް ނުލާ
27 މާރިޗު 2024

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނާ ގުޅިފައި އޮތް 'ތެޅުން' މި ވަގުތަށް ހައްލުވެ، އާ އިންތިހާބަކާ އެކު ކުރީގެ ރައީސް މުހައްމަދު ލަތީފުގެ ބާރުގެ ދަށަށް އެ އިދާރާ ރޭ ހިނގައްޖެ އެވެ.

ރާއްޖޭގެ ދެވަނަ ކުޅިވަރުގެ ގައުމީ އިދާރާގެ ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް އިސްތިއުފާ ދެއްވުމުން އާ އިންތިހާބަކަށް މަގު ހުޅުވުމާ އެކު ލަތީފް ރައީސްކަމަށް ވަަޑައިގަތީ ކުރިއަށް އޮތް އަހަރެއްހާ ދުވަހަށެވެ. އޭގެ ފަހުން އާ އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.

ރަނޭޝްގެ ބެލުމުގެ ދަށުން، އެޕްރީލް 2021އިން ފެށިގެން، ވީއޭއެމް ހިންގި އިރު ފުރަތަމަ ދެ އަހަރު އަހަރީ އާންމު ޖަލްސާ ވެސް ބާއްވާފައެއް ނުވެ އެވެ. ބަޖެޓް ފާސްނުކޮށް އެތަން އޭނާ ހިންގަވަމުން ގެންދެވީ އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީ ސަރުކާރުން ދިން އެހީތެރިކަމުގަ އެވެ.

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ އާ ރައީސް މުހައްމަދު ލަތީފު، އިންތިހާބަށް ފަހު ވާހަކަ ދައްކަވަނީ

ރަނޭޝްއާ ދެކޮޅަށް އެންމެ ބޮޑަށް ނުކުމެ ހުންނެވީ އޭނާގެ ކުރިން ރައީސްކަމުގައި ހުންނެވި، ރަނޭޝް ފަދައިން ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، މުހައްމަދު ލަތީފެވެ. ރަނޭޝް ދޫކޮށް ލަތީފުގެ ފަހަތަށް ވަރަށް ގިނަ ކްލަބްތައް އެރި އެވެ.

ރޭ އޮތް އާ އިންތިހާބުގައި އާ އެގްޒެކްޓިވް ކޮމިޓީ އެކުލަވާލުމާ އެކު އަނެއްކާވެސް ވޮލީގެ އިދާރީ ހިންގުމަށް އާ ދިރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މި އިންތިހާބު މި ބޭއްވުނީ އެސޯސިއޭޝަންގެ މެޖޯރިޓީ ކްލަބްތަކުން އެކި ގޮތްގޮތަށް ކޮންގްރެސްތައް ބާއްވައިގެން ވެސް ރަނޭޝް ދުރުނުކުރެވި އެތައް ދުވަހެއް ވީ ފަހުން މިދިއަ މަހު އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވުމުންނެވެ.

ރަނޭޝް ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވީ ޔޫއޭއީގެ އެއާލައިނަކުން ހޯއްދެވި ޕައިލެޓްގެ ވަޒީފާއަށް ވަޑައިގަތުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް