މިސްރު ބަލިކުރި ޕެނެލްޓީ ކާމިޔާބުކޮށްދިން ކޮންގޯގެ ކީޕަރު ޒައޫ އެމްޕާސީ އުފުއްލާލައިގެން އުފާ ފާޅުކުރަނީ
ކީޕަރު ޖެހި ޕެނެލްޓީން މިސްރު ބަލިކޮށް ކޮންގޯ ކްއާޓާ ފައިނަލަށް
އައިވަރީ ކޯސްޓްގައި މިހަރު ކުރިއަށް ދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގަދަ 16ގައި ރޭ ޕެނެލްޓީ ޖަހައިގެން މިސްރު ބަލިކޮށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ކްއާޓާ ފައިނަލަށް ގޮސް، ހައިރާންކަން ގެނެސްދީފި އެވެ.
މި މުބާރާތުގައި މިހާތަނަށް އެންމެ ކާމިޔާބު ގައުމު ކަމަށްވާ މިސްރުގެ މައްޗަށް ކޮންގޯއިން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި 1-1 އިން އެއްވަރުވެ ޕެނެލްޓީއާ ހަމައަށް ގޮސް 18 ވަނަ ޕެނެލްޓީ ކޮންގޯގެ ކީޕަރު ޒައޫ އެމްޕާސީ ކާމިޔާބުކޮށްދިނުމުންނެވެ.
ލިވަޕޫލާއި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހުއަށް ގްރޫޕް ސްޓޭޖްގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް އިތުރު މެޗެއް ކުޅެވެން ވެސް އޮތީ މިސްރުން ކްއާޓާ ފައިނަލަށް ހިނގައްޖެ ނަމަ އެވެ. ނަމަވެސް މި ދިމާވީ ސަލާހަށް ވެސް ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
މެޗުގައި ޖެހި ދެ ލަނޑު ވެސް އައީ ފުރަތަމަ ހާފުގަ އެވެ. ޕެނެލްޓީ ދިޔައީ އެންމެން ނޭވާ ހިިފަހައްޓާލަން ޖެހޭ ގޮތަކަށެވެ. ދެ ޓީމުގެ ވެސް ދެ ވަނަ ޕެނެލްޓީ ނާކާމިޔާބުވި ފަހުން، އެމްޕާސީގެ އަތަށް ބޯޅަ ލިބެންދެން ކުރިއަށް ދިޔައީ ހުރިހާ ޕެނެލްޓީއެއް ވެސް ގޯލަށް ވަންނަމުންނެވެ.
އެންމެ ފަހުން 2021ގައި އޮތް މުބާރާތުގެ ފައިނަލްގައި ސެނެގޯލް އަތުން މިސްރު ބަލިވީ ވެސް ޕެނެލްޓީ ޖަހަައިގެންނެވެ.
އަންނަ ހުކުރުދުވަހު ކުޅޭ ކްއާޓާ ފައިނަލްގައި ކޮންގޯ ބައްދަލުކުރާނީ ގިނީ އެވެ.