އޭޝިއަން ކަޕްގައިި ހޮންގް ކޮންގްގެ މައްޗަށް ހޯދި ކާމިޔާބީއަށްފަހު ފަލަސްތީނުގެ މުހައްމަދު ސާލިހު އުފާ ފާޅުކުރަނީ. (ފޮޓޯ/ރޮއިޓާސް)
މުޅި ދުނިޔެއަށް ހިތްވަރު ދައްކައި ފަލަސްތީނަށް ތާރީހީ މޮޅެއް
މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި ފަލަސްތީނު ކުޅުނު ފުރަތަމަ މެޗުން އީރާން އަތުން ބަލިވި އެވެ. އިތުރު ހިތްވަރަކާ އެކު ދެ ވަނަ މެޗުގައި ޔޫއޭއީ ހިފަހައްޓާލި އެވެ. ރޭ ކުޅުނު ގްރޫޕު ސްޓޭޖުގެ ތިން ވަނަ އަދި ފަހު މެޗުގައި ހޮންގް ކޮންގްގެ މައްޗަށް ކުރި ހޯދި އެވެ.
މިއީ ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އާދައިގެ މޮޅެއް ނޫނެވެ. މިއީ އެ ޓީމުގެ ތާރީހުގައި ވެސް އޭޝިއަން ކަޕްގެ ފުރަތަމަ މޮޅެވެ. އެ މޮޅާ އެކު މުބާރާތުގެ ގަދަ 16އިން ވެސް ފަލަސްތީން ވަނީ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މުޅި ދަނޑުގައި އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ހުއްޓާލައި، ފަލަސްތީން މިނިވަން ކުރަން ގޮވާލާ އަޑުތަކާ އެކު ފެށި އެ މެޗުގައި ފަލަސްތީނުން ލީޑު ނެގީ 12 ވަނަ މިނެޓުގަ އެވެ. އަދި ފަހު ދެ ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ.
ފަހު ހާފުގެ އިތުރު ވަގުތުގައި ހޮންގް ކޮންގްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.
ފަލަސްތީނާއި ހޮންގް ކޮންގް މެޗު ކުޅެމުންދިޔައިރު އެ ގްރޫޕުގައި ހިމެނޭ އީރާނާއި ޔޫއޭއީގެ މެޗު ވެސް ކުޅުނީ ހަމަ އެ ގަޑީގަ އެވެ. އީރާނުން އެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
އީރާންގެ ދެ ވަނަ ގޯލާ އެކު ގޯލްގެ ތަފާތުން ފަލަސްތީން ކުޑަ ވަގުތުކޮޅަކަށް ތާވަލުގެ ދެ ވަނަ އެރި ނަމަވެސް، މެޗު ނިމެން ކައިރިވެފައިވަނިކޮށް ޔޫއޭއީއިން ވަނީ ގޯލެއް ޖަހާފަ އެވެ. ޕޮއިންޓުގެ ގޮތުން ފަލަސްތީނާއި ޔޫއޭއީ އެއްވަރުވި ނަމަވެސް، ޔޫއޭއީއަށް ދެ ވަނަ ލިބެނީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
މި މެޗުން މޮޅުވުމާ އެކު ފަލަސްތީން ގައުމީ ޓީމުގެ ކެޕްޓަން ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މި މޮޅާ އެކު ފަލަސްތީނު ރައްޔިތުންނަށް ވީ ވައުދެއް ފުއްދުނީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭޝިއަން ކަޕްގެ ފޯމެޓު އޮންނަ ގޮތުން ގަދަ 16އަށް ކޮލިފައިވާނީ ގްރޫޕް ސްޓޭޖުގައި ހިމެނޭ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު (ޖުމްލަ 12 ޓީމު) އާއި ހުރިހާ ގްރޫޕެއްގެ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމެވެ.
މިހާތަނަށް އައިއިރު 10 ޓީމަކުން ވަނީ ގަދަ 16އިން ޖާގައެއް ކަށަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގަތަރު، ތަޖިކިސްތާން، އޮސްޓްރޭލިއާ، އުޒްބެކިސްތާން، ސީރިއާ، ޔޫއޭއީ، އީރާން، ފަލަސްތީން އަދި އިރާގާއި ސައުދީ އަރަބިއްޔާ އެވެ.