މިސްރުގެ ފޯވަޑް އަދި ކެޕްޓަން މުހައްމަދު ސަލާހު، އެފްކޮންގައި ގާނާއާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވެގެން ދަނޑު މަތީގައި އިށީދެގެން
ސަލާހުއަށް އަނިިޔާވެ މިސްރުގެ ދެ މެޗަށް ވެސް ނޭރޭނެ
އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި މިސްރަށް ކުރިއަށް އޮތް ދެ މެޗުގައި ވެސް ފޯވަޑް އަދި ކެޕްޓަން މުހައްމަދު ސަލާހަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
ގްރޫޕް ބީގެ ދެ ވަނާގައި އޮތް މިސްރުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ފަލަމަސްގަނޑަށް އަނިޔާވީ އިއްޔެ ގާނާއާ ދެކޮޅަށް ކުޅެނިކޮށް ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. އެ މެޗާއި އޭގެ ކުރިން މިސްރުން މޮޒަންބީކްއާ ކުޅުނު މެޗު ވެސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދާން މިސްރަށް ފުރުސަތު އޮތީ ފަހު މެޗުގައި ކޭޕް ވާޑޭ ބަލިކޮށްގެންނެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިގެން ކޭޕް ވާޑޭ ވަނީ ގަދަ 16 ކަށަވަރުކޮށްފަ އެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ދެ މެޗުގައި ސަލާހުއަށް ނުކުޅެވޭނެ ކަމަށެވެ. އޭގެ މާނައަކީ ގްރޫޕްގެ ފަހު މެޗާއި ގަދަ 16 އަށް ދަތުރުކޮށްފި ނަމަ އެ މެޗެވެ. ނަމަވެސް މިހާތަނަށް އެފްކޮން ހަތް ފަހަރަށް ހޯދާފައިވާ މިސްރަށް ގަދަ 16 ކަށަވަރުކުރަން އޮތް މަސައްކަތް ބުރަ އެވެ.
ސަލާހުއަށް އަނިޔާވުމަކީ އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ ކުރީގައި މި ވަގުތު އޮތް ލިވަޕޫލަށް ވެސް ނުބައި ހަބަރެކެވެ. ލިވަޕޫލް މިހާރު އޮތް ރަނގަޅު ފެންވަރު ދަމަހައްޓަން އޭނާގެ މުހިންމުކަން ވަރަށް ބޮޑެވެ.