ހެރީ ކޭން ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކްއަށް ކުޅުނު ބުންޑަސްލީގާގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ހެރީ ކޭން

ކޭން ބުނަނީ ސަޕޯޓަރުންނަށް ބީޗުގެ ފޮޓޯތައް ފޮނުވާނެ ކަމަށް، އަނެއްކާ ރާއްޖެއިން ބާ؟

އިންގްލެންޑްގެ ކެޕްޓަން އަދި މިހާރު ބަޔާން މިޔުނިކްގެ ފޯވަޑް، ފުރަތަމަ ފަހަރަށް ފިނި މޫސުމުގެ ޗުއްޓީއަކަށް ނައްޓާލަނީ
21 ޑިސެމްބަރު 2023

އިންގްލެންޑާއި ބަޔާން މިޔުނިކްގެ ފޯވަޑް ހެރީ ކޭންއަށް މިފަހަރު ނޫނީ ފިނި މޫސުމުގައި ރަނގަޅު ޗުއްޓީއެއް ނުލިބެ އެވެ. އެކަމަކު މިހާރު ޖަރުމަންގެ ބުންޑަސްލީގާގައި ކުޅޭތީ ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީ މިއަދު މި އޮތީ ފެށިފަ އެވެ.

ރޭ ވޮލްފުސްބާގް އަތުން 2-1 އިން ބަޔާން މޮޅުވި މެޗުގައި ވެސް ލަނޑު ޖެހި ކޭން ބުނީ އޭނާގެ މި ޗުއްޓީގައި ބީޗުގެ ފޮޓޯތައް ސަޕޯޓަރުންނަށް ފޮނުވާނެ ކަމަށެވެ.

ބުންޑަސްލީގާ ތިން ހަފުތާއަށް މެދުކަނޑާލި އިރު ކޭންގެ ޗުއްޓީ އޮތީ ކޮން ގައުމެއްގައި ކަމެއް ނުބުނެ އެވެ. އެކަމަކު ކޭންއަކީ ވެސް ރާއްޖެއަށް ޝައުގުވެރިވާ ކުޅުންތެރިޔަކަށް ވާތީ، އެ ބުނާ ބީޗަކަށް ރާއްޖޭގެ ރިސޯޓެއް ވުން ވެސް ކައިރި އެވެ.

އިނގިރޭސި ލީގަކީ ކްރިސްމަސް އާއި އާ އަހަރަށް މެދުކަނޑާލާ ލީގެއް ނޫނެވެ. އޭގެ ބަދަލުގައި އަވަސް އަވަހަށް ގިނަ މެޗުތައް ކުޅޭ ލީގެކެވެ.

ކޭންއަކީ ކްރިސްމަސް ބަންދުގައިި ކުޅުނު މެޗުތަކުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެގޮތުން ޓޮޓެންހަމްއަށް 10 ލަނޑު، ކްރިސްމަސް ބަންދުގައި އޭނާ ޖަހައިދިނެވެ.

ކޭން ބުނީ ޗުއްޓީއަށް ދާން އޭނާގެ ކެތްތެރިކަން ކުޑަވެފައިވާ ކަމަށެވެ.

"މިދިއަ ހަތަރު މަސް، އާއިލާއާ ދުރުގައި، ދަރިންނާއި އަންހެނުން ވެސް ނެތި، މި ތަނުގައި އުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވެ ޗުއްޓީއަށް ވަރަށް ބޮޑަށް ބަލަމުން މިއައީ،" ކޭން ބުންޏެވެ.

ޓޮޓެންހަމް ދޫކޮށް 120 މިލިއަން ޑޮލަރުގެ ފީއެއްގައި ބަޔާނަށް ބަދަލުވި ފަހުން ޖަރުމަނުގައި ކޭން ފުރަތަމަ އުޅުނީ ހޮޓަލެއްގަ އެވެ. މިހާރު އޭނާ ބޭނުންވާ ކަހަލަ ގެއެއް ލިބިގެން މި ފަހުން ވަނީ އެތަނަށް ބަދަލުވެފަ އެވެ.

ކޭން ޖަރުމަނަށް ދިޔައީ އަންހެނުންނާއި ކުދިން ލަންޑަންގައި ބައިތިއްބައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް