ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލްގެ ގޯލަށް ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ޕެނެލްޓީ ޖަހާ ވައްދާލަނީ

އެމްބާޕޭގެ ޕެނެލްޓީގެ ސަބަބުން ނިއުކާސަލް މޮޅުވިޔަކަނުދިން

ޕީއެސްޖީގެ ދަނޑުގައި މެޗު އެއްވަރުވުމުން ގްރޫޕްގެ ދެވަނަ ޓީމުގެ ޖާގަ ހޯދުމުގެ ވާދަވެރިކަން އޮތީ ކުރިއަށް
29 ނޮވެމްބަރު 2023

ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު ވަރުގަދަ މެޗުގެ ފަހު ވަގުތުކޮޅު ލިބުނު ޕެނެލްޓީ ކީލިއަން އެމްބާޕޭ ކާމިޔާބުކުރުމާ އެކު ގްރޫޕް އެފްގެ ދެވަނަ ޖާގައިގެ ވާދަވެރިކަން ވެސް ބޮޑުވެއްޖެ އެވެ.

މެޗުގެ 24 ވަނަ މިނިޓްގައި އެލެގްޒެންޑަ އިސާކް ޖެހި ލަނޑަށް ފަހު ނިއުކާސަލްގެ މުޅި ޓީމު ދިފާއުއަށް ފައިބައި، މެޗުގެ އިތުރު ވަގުތާ ހަމައަށް ޕީއެސްޖީ މައިތިރިކުރުވި އެވެ. ނަމަވެސް ހުރަހެއްގައި ނިއުކާސަލްގެ ޓީނޯ ލިވްރަމެންޓޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށް، ވިއޭއާރު މެދުވެރިކޮށް ބަލައިގެން ރެފްރީ ނިންމީ ޕެނެލްޓީއެއް ކަމަށެވެ.

މި މެޗު 1-1 އިން އެއްވަރުވި އިރު ގްރޫޕްގެ އަނެއް މެޗުގައި އޭސީ މިލާން އަތުން ބޮރޫޝިއާ ޑޯޓްމުންޑް 3-1 އިން މޮޅުވުމާ އެކު އެ ޓީމު ވަނީ އެއް ވަނަ ހޯދައިގެން ގަދަ 16 އަށް ކޮލިފައިވެފަ އެވެ.

ޕީއެސްޖީއަށް ހަތް ޕޮއިންޓެވެ. ނިއުކާސަލް އާއި އޭސީ މިލާނަށް ފަސް ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗުގައި ޕީއެސްޖީ ނުކުންނާނީ ބޮރޫޝިއާއާ ދެކޮޅަށެވެ. ނިއުކާސަލް އާއި އޭސީ މިލާނެވެ. ބޮރޫޝިއާ އަތުން ޕީއެސްޖީ ބަލިވެ، ނިއުކާސަލް މޮޅުވެއްޖެ ނަމަ ފުރުސަތު އެބަ އޮތެވެ.

ބާސެލޯނާ ފަހަތުން އަރާ މޮޅުވެ ގަދަ 16އަށް

ގްރޫޕް އެޗުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ތިން ޕޮއިންޓް ހޯދައި، ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

ޕޯޓޯއިން 30 ވަނަ މިނިޓްގައި ޖެހި ލަނޑަށް ސްޕެއިންގެ ވަރުގަދަ ޓީމު ރައްދުދިނީ 32 ވަނަ މިނިޓްގައި ޖޮއާ ކެންސެލޯ އާއި 57 ވަނަ މިނިޓްގައި ޖޮއާ ފެލިކްސް އެވެ.

މި މޮޅާ އެކު ބާސެލޯނާ ވަނީ ބާކީ އެއް މެޗު އޮއްވާ 12 ޕޮއިންޓް ހޯދައިފަ އެވެ. ޕޯޓޯ އޮތީ ނުވަ ޕޮއިންޓާ އެކު ދެވަނައިގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް