އިންޑިއާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ރޯހިތު ޝަރުމާ ކުޅެނީ؛ އޭނާގެ 86 ލަނޑަކީ މެޗުގައި މުހިންމު އަދަދެއް

އިންޑިއާއިން ޕާކިސްތާން ބަލިކޮށްލީ ހީކުރި ވަރަށް ވުރެ މާ ފަސޭހަކޮށް

މިއީ ކްރިކްޓް ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ވުރެ ވެސް ފޯރި ގަދަ، ވާދަވެރި މެޗަކަށް ވާނެ ކަމަށް ކުރިން ބެލެވުނު. އެކަމަކު ޕާކިސްތާންގެ ފެންވަރު ފެނުނީ ދަށްކޮށް
15 އޮކްޓޯބަރު 2023

އިންޑިއާގައި މިހާރު ކުރިއަށް ދާ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ވުރެ ވެސް އިއްޔެގެ މެޗުގެ ވާދަވެރިކަން ބޮޑުވެފައި، ފޯރި ގަދަވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އިންޑިއާ އަތުން ޕާކިސްތާން ބަލިވީ، އެއްކޮޅަށް ހުސްވެފައި އޮތް މެޗެއްގައި، އެހާމެ ފަސޭހަ ގޮތަކަށެވެ.

ޕާކިސްތާންގެ އެއްވެސް ސަޕޯޓަރަކު ނެތް، އެކަމަކު އިންޑިއާގެ 132،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ އަށް ވިކެޓުންނެވެ. ބާކީ 20 އޯވަރު އޮތެވެ.

ފުރަތަމަ ކުޅެން އަރާ ޕާކިސްތާނުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ. މިއީ 50 އޯވަރުގެ މެޗަކަށް ބަލާއިރު ވަރަށް ދަށް މިންވަރެކެވެ.

އެކަމަކު ދެ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނުން 155 ލަނޑާ ހަމައަށް ދިޔަ އިރު ވާދަވެރި މެޗެއް ފެންނާނެ ކަމަށް، ކުރިންސުރެ ބެލިބެލުން ވަރުގަދަވި އެވެ. ދެން ފެނުނީ ކެޕްޓަން ބާބަރު އަޒަމް 50 ލަނޑަށް ނުބައިވި ތަނެވެ. ޕާކިސްތާންގެ ކުޅުން ހަމަޔަކަށް އަޅުވާނެ ކަމަށް ހީކުރި ކުޅުންތެރިޔާ ނުބައިވުމުން ފެށުނީ އެންމެ 36 ލަނޑަށް، ފުލުފުލުގައި އަށް ކުޅުންތެރިން ނުބައިވުމުގެ ސިލްސިލާ އެވެ.

އިންޑިއާ ކުޅެން އަރާ ޕާކިސްތާން ބަލިކުރަން 193 ލަނޑު ދިނީ އެންމެ ތިން ކުޅުންތެރިން ނުބައިވެގެން 30 އޯވަރުގެ ތެރޭގަ އެވެ. ކެޕްޓަން ރޯހިތު ޝަރުމާ 86 ލަނޑު ދިނެވެ.

މިއީ އިންޑިއާގައި ޕާކިސްތާން މި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ޕާކިސްތާން ޓީމުގައި އޭގެ ކުރިން އިންޑިއާގައި މެޗެއް ކުޅުނު އެންމެ ކުޅުންތެރިޔަކު ވެސް ނެތެވެ.

މިހާ ދަށް ވާދަވެރިކަމެއް ފެނުމުން އިންޑިއާގެ ކްރިކެޓް ޕާކިސްތާނަށް ވުރެ ވަރުގަދަކަން ސާބިތުކޮށްދިނެވެ. އެކަމަކު މިހާ ހިސާބުން ޕާކިސްތާނަށް އަދި މަގެއް ނުގެއްލެ އެވެ. މި ދެ ޓީމު އަލުން ފައިނަލްގައި ބައްދަލުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް