ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް ކޮޅަށް މާޒިޔާއިން ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ (ފޮޓޯ/މާޒިޔާ ފޭސްބުކް)
މާޒިޔާއިން އޭއެފްސީ ކަޕްގެ ފެށުން ބޮޑު މޮޅަކުން
މެޗު ކޮންޓްރޯލްކޮށްގެން، ގިނަ ހަމަލާ ދޭ ޓީމުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދުމަކީ ކުޑަ ކަމެއް ނޫނެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މާޒިޔާ އިން ސާބިތުކޮށްދިނީ އެކަމެވެ.
ގްރޫޕް ޑީގެ މި މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސްގެ މައްޗަށް މާޒިޔާ އިން 3-1ގެ ކާމިޔާބީއެއް ހޯދީ، މުޅި މެޗުގެ %73 ކޮންޓްރޯލްކޮށްގެން ބަޝުންދަރަ ކުޅެމުން ދަނިކޮށެވެ.
ފުރަތަމަ ހާފުގައި ވޮޖިސްލާވް ބަލަބަނޮވިޗު ކާމިޔާބުކޮށްދިން ލަނޑުގެ ތެރެއަށް ފަހު ހާފުގައި ހަސަން ނަޒީމް (ޗޯޓު) އާއި އަލީ ފާސިރު (ސެންޓޭ) ދެ ލަނޑު އިތުރުކޮށްދިނެވެ. ބަޝުންދަރައަށް ލަނޑު ޖެހުނީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މުޅި މެޗުގައި މާޒިޔާއިން އިދިކޮޅުގެ ގޯލަށް ނުވަ ހަމަލާ ދިން އިރު ބަންގްލަދޭޝްގެ ޓީމުން 19 ހަމަލާ އުފެއްދި އެވެ.
މި މޮޅާ އެކު ގްރޫޕް ޑީގައި މާޒިޔާ އޮތީ ދެ ވަނައިގަ އެވެ. ގްރޫޕްގައި މިއަދު ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ އިންޑިއާގެ ދެ ޓީމު ކަމަށްވާ އޮޑިއްސާ އެފްސީ އާއި މޯހަން ބާގަން އެވެ. މި މެޗުން 4-0 އިން މޮޅުވީ މޯހަން ބާގަން އެވެ. އެހެންކަމުން ލަނޑުގެ ތަފާތުން މާޒިޔާއަށް ވުރެ ކުރި ލިބެނީ އެ ޓީމަށެވެ.
މާޒިޔާގެ ދެ ވަނަ މެޗުގައި 2 އޮކްޓޯބަރުގައި އިންޑިއާގައި ނުކުންނާނީ މޯހަން ބާގަންއާ ދެކޮޅަށެވެ.