އައިއޯއައިޖީގެ ބެޑްމިންޓަން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އެއްމާބަނޑު ދެބެން، ފާތުމަތު ނަބާހާ އަބްދުއްރައްޒާގު (ކ) އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އައިއޯއައިޖީ 2023

އެއްމާބަނޑު ދެބެން އެކުގައި ގޮސް އެ ހޯދައިދިނީ ރަން މެޑެލް

އެކަކު އަނެކަކާ ވާދަކުރުމުގައި ވެސް، އެކަކު އަނެކަކަށް ކާމިޔާބު ހޯދައިދިނުމުގައި ވެސް، ވާދަކުރުންތަކަށް ފަހު އަލުން ދެބެންގެ ލޯބި ދިނުމުގައި ވެސް، މިއީ ނަމޫނާއެއް
2 ސެޕްޓެމްބަރު 2023

މިއަދު އެންމެ ފުރަތަމަ އޮތް ސިންގަލްސް ފައިނަލްގައި ދައްތަ ފާތުމަތު ނަބާހާ އަބްދުއްރައްޒާގު ބަލިވެ ލިބުނު މާޔޫސްކަން މާ ގިނަ ވަގުތަކަށް ދެމިގެން ނުދިޔަ އެވެ. ދެން ކޯޓަށް ނުކުތީ ދައްތައާ އެކު ކޮއްކޮ، އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. ދެ ކުޅުންތެރިން ރާއްޖެއަށް އެ ހޯދައިދިނީ އައިއޯއައިޖީގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސްއިން ރަން މެޑެއްޔެވެ.

އެއްމާބަނޑު ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާ، މަޑަގަސްކަރައިގައި ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މޮރިޝަސްގެ ލޯނާ ޓީ.ޖޭ ބޮދާ އާއި ކޮބިޓާ ދޫހީ، ސީދާ ދެ ސެޓުން 21-14 ،21-15 އިން ބަލިކުރުމަށް ފަހު އެވެ. މިއީ 2019ގައި އޮތް އައިއޯއައިޖީގެ ބެޑްމިންޓަން އަންހެން ޑަބަލްސް ފައިނަލްގައި ދެ ކުޅުންތެރިން ހޯދި ރިހި މެޑެއްޔަކީ، މިހާރު އެ މީހުންގެ ފެންވަރެއް ނޫންކަން ސާބިތުކޮށްދިން މޮޅެކެވެ.

ނަބީހާ (ކ) އާއި ނަބީހާ ރަން މެޑެއްޔާ އެކު --ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ)

އެފަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބީހާ ހޯދައިގެން ކަރުގައި އެޅުވި ރަން މެޑެއްޔަކީ، ބޭރުގެ މުބާރާތެއްގެ ބެޑްމިންޓަނުން ރާއްޖެ ކާމިޔާބުކުރި ފުރަތަމަ ރަން މެޑެއްޔެވެ. މިއަދު ހެނދުނު ނަބާހާއަށް، ކޮއްކޮ އެ ލިބިގަތް ޝަރަފާ ކައިރިއަށް ދަތުރުކުރި އެވެ. ނަމަވެސް ފައިނަލްގައި މޮރިޝަސްގެ ޖޭ.ކޭ.އެލް ލުޑިކް އަތުން 21-13 ،21-19 އިން، ބަލިވެ ހިތްހަމަޖައްސާލަން ޖެހުނީ ރިހި މެޑެލްއިންނެވެ.

އުމުރުން 23 އަހަރުގެ ނަބާހާ އާއި ނަބީހާއަކީ އެކުގައި ބެޑްމިންޓަން ކުޅެން ފެށި، އެކުގައި ކުރިއަރަމުން އަންނަ އަދި ދެބެންގެ ލޯބި އެހާމެ ބޮޑަށް ދައްކުވައިދޭ ދެ ކުޅުންތެރިން ވެސް މެ އެވެ.

އައިއޯއައިޖީގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ނަބާހާ އާއި ނަބީހާ، ކޯޓު ތެރޭގައި ރޮމުން އުފާ ފާޅުކުރަނީ (ފޮޓޯ/މުހައްމަދު ޝަބީން)

"އެކެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. ވާދަވެރިންގެ ގޮތަށް ކޯޓަށް ދެ ފަޅިއަށް ދެ މީހުން އެރީމަ ފައިޓް ކުރާނީ ހަމަ މޮޅުވާން ދެ މީހުން ވެސް. ކޮންމެ ކަމެއް ކުރަން ޖެހުނަސް މޮޅުވުމަށް ދެ މީހުން ވެސް މަސައްކަތް ކުރާނީ،" މީގެ ފަސް އަހަރު ކުރިން، 'މިހާރު'އަށް ދިން އިންޓަވިއުއެއްގައި، ނަބާހާ ބުންޏެވެ.

"އެކަމަކު ކޯޓުން ފައިބައިފައި ޔަގީނުން ވެސް ދައްތަ އާއި ކޮއްކޮ މިއީ. ދެ މީހުން އެއްކޮށް މަސައްކަތް ކުރަމުން މި އަންނަނީ. ނަބާއަށް ލިބޭ ކޮންމެ އެއްޗަކީ ހަމަ ނަބީއަށް ވެސް ލިބޭ އެއްޗެއް."

ދެ ކުޅުންތެރިންނަށް އުފާވެރިކަމެވެ. އާއިލާއަށް އުފާވެރިކަމެވެ. އަދި މުޅި ގައުމަށް ވެސް އުފާވެރިކަމެވެ.

މިއަދުގެ މެޗަށް ފަހު ނަބީހާ އާއި ނަބާހާ ބައްދާލައިގެން --ފޮޓޯ/މުހައްމަދު ޝަބީން/އެމްއޯސީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް