ސަޑިއޯ މާނޭ ލިވަޕޫލްއަށް ކުޅުނު އިރު: ބަޔާން މިޔުނިކްގައި އެ ކުޅުން ދެއްކޭ ގޮތެއް ނުވި
މާނޭ ބަޔާން ދޫކޮށް ސައުދީގެ އަލް ނަސްރުއާ ގުޅިއްޖެ
ލިވަޕޫލްގައި ދެއްކި ކަހަލަ ކުޅުމެއް ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކްގައި ނުދެއްކި، މާޔޫސްކަމާ ކުރިމަތިވެފައި ހުރި ފޯވަޑް ސަޑިއޯ މާނޭ ސައުދީ އަރަބިއްޔާގެ އަލް-ނަސްރުއާ ގުޅިއްޖެ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި މާނޭ ހޯދަން ލިވަޕޫލަށް ބަޔާނުން ދެއްކި ގާތްގަނޑަކަށް 42 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް، އަލް-ނަސްރުއަށް އޭނާ ދޫކޮށްލައިގެން ފޫބެއްދޭނެ އެވެ.
މާނޭ މިހާރު މި ގުޅުނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެވެ. ސައުދީ ޕްރޯ ލީގު (އެސްޕީއެލް)އަށް އެންމެ ފުރަތަަ ގެންދިޔަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ނަމަކީ ރޮނާލްޑޯ އެވެ. އޭގެ ފަހުން މިހާރު ވަނީ ފްރާންސް އާއި ރެއާލް މެޑްރިޑްގެ ތަރި ކަރީމް ބެންޒީމާ ވެސް ބަދަލުވެފަ އެވެ.
ބަޔާންއަށް މާނޭ ދިޔައީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން، މީގެ އަހަރެއް ކުރިންނެވެ.
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މާނޭ ދޫކޮށްލަން ނިންމި ނިންމުމަކީ ދެކޮޅަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.
"ބައެއް ފަހަރަށް ކަންކަން ދަނީ އެންމެން ހީކުރާ ގޮތަކަށް ނޫން،" ޓުޗެލް ބުންޏެވެ.
"އަހަންނަށް އެނގޭ އޭނާ ހުރީ ވަރަށް ދެރަވެފައިކަން ދިމާވި ކަންކަމާ."
މެންޗެސްޓަ ސިޓީ އަތުން ޗެމްޕިއަންސް ލީގުގައި ބަޔާން ބަލިވުމާ އެކު ޗޭންޖިން ރޫމްގައި މާނޭ ވަނީ ޒުވާބުކޮށް ލެރޯއީ ސާނޭއާ މާރާމާރީ ހިންގާފަ އެވެ.